Roadha Mihaaru
ޗައިނާއަކީ ބޮޑު ހިއްސާއެއް، ގުޅުން އިތުރަށް ބަދަހިވާނެ

ޗައިނާއަކީ ބައި ގަރުނުގެ ބޮޑު ހިއްސާއެއް، ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

14 އޮކްޓޯބަރ 2022

ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަދު 50 އަހަރު ފުރުނުއިރު، ރާއްޖޭގެ ކުރިއެރުމަށް ދީލަތި އެހީތަކެއް ވެދީ، އިހްތިރާމާ އެކު ދެމެހެއްޓި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަދު 50 އަހަރު ފުރުނުއިރު، ރާއްޖޭގެ ކުރިއެރުމަށް ދީލަތި އެހީތަކެއް ވެދީ، އިހްތިރާމާ އެކު ދެމެހެއްޓި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ގުޅުމަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާ މެދުގައި އޮތީ ދިގު ތާރީހެއް އޮތް އެކުވެރި ގާތް ގުޅުމެއް ކަމަށެވެ. އެ ގުޅުމުގެ ތެރެއިން ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ، ސަގާފީ އަދި އިގުތިސޯދީ ތަރައްގީގައި އެ ގައުމުން ވަރަށް ބޮޑު ހިއްސާއެއް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ ތާރީހީ ގުޅުންތަކާއި ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމްގެ ބިންގަލުގެ މައްޗަށް ކަމަށެވެ. ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ކީކްޔާންއަށް ވަކިން ފޮނުއްވި މެސެޖުގައި ވެސް ރައީސް ވިދާޅުވީ މި ގުޅުމުގެ ހަރުދަނާ ބިންގަލަކީ ރާއްޖެ އާއި ޗައިނާގެ ތާރީހީ ގުޅުމާއި ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލަށް ކުރާ އިހުތިރާމު ކަމަށެވެ.

ފާއިތުވި 50 އަހަރު ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމަށް ރައީސްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލްވުމަށް ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި އެހީއާއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަމަށް ރައީސް ވިދާޅުވި އެވެ.