Roadha Mihaaru
މިއަހަރު ބަހާނީ 25 ޓަނުގެ ކަދުރު: މިނިސްޓްރީ

މިއަހަރު ބަހާނީ 25 ޓަނުގެ ކަދުރު: މިނިސްޓްރީ

07 އެޕްރީލް 2021

އެހެން އަހަރުތަކާ ހިލާފަށް، ރޯދަ މަހާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރީ 25 ޓަނުގެ ކަދުރު (25،000 ކިލޯ ކަދުރު) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެހެން އަހަރުތަކާ ހިލާފަށް، ރޯދަ މަހާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރީ 25 ޓަނުގެ ކަދުރު (25،000 ކިލޯ ކަދުރު) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކުރި އެވެ. އެ ގައުމުން މިއަހަރު ހަދިޔާކުރި ކަދުރުތައް ބަހާނެ އުސޫލު މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

ކަދުރު ބެހުމުގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10،944 މީހުންނަށް އިސްކަން ދޭނެ އެވެ. އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ލިބޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއް

ބާކީވާ 1،556 ޕެކެޓުގެ ކަދުރު ބަހާނީ ދައުލަތުގެ އެކި މުއައްސަސާތަކަށެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތައް ހިމެނެ އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީންނެވެ. ރަށްރަށުގައި އެ މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކަދުރު ބެހުމުގެ ކުރިން އިތުރު އިއުލާނެއް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައި ވާ ގޮތުން ނަމަ މި އަހަރުގެ ރޯދަ މަސް ފަށަނީ އަންނަ އަންގާރަ ދުވަހެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހުގެ ރޭ ހަނދު ބަލާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ނިންމި އެވެ. އެ ރޭ ހަނދު ފެނިއްޖެ ނަމަ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ އަންނަ ހޯމަ ދުވަސް އެވެ.