Roadha Mihaaru
ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން

ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން

28 އެޕްރީލް 2020

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ މަދުން އާމްދަނީ ލިބޭ ކަމަށް ރަޖިސްޓަރީ ކޮށްފައިވާ 426 ގެއަކަށް ކަދުރު ބަހަމުން އަންނަ ކަމަށެވެ އެ ވޮލަންޓިއަރުން އެ މަސައްކަތް ފެށީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގަތުމަކަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ މި ފަހަރު ކަދުރު ބަހާނީ، ފަގީރުންގެ ގޮތުގައި މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައި ތިބި ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ކަމަށެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ބާކީ ހުރި ކަދުރު ބަހާނީ ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރުމުގެ ސަބަބުން ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގައި ވެސް އެ ވޮލެންޓިއަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެކި ކުންފުނިތަކާއި ފިހާރަތަކާ ގުޅިގެން އަންނަނީ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުންނެވެ.