Roadha Mihaaru
ސައޫދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި

ސައޫދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި

17 ޖުލައި 2018

ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭނީ އެއް ޕެކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރަޖިސްޓްރީ ގެންދިއުމުންނެވެ. ކުއްޔަށް ހިފާފައިވާ ފްލެޓެއް ނުވަތަ އެޕާޓްމެންޓެއް ނަމަ ހުށަހަޅަން ޖެހެނީ ކުއްޔަށް ދީފައިވާ ކަމުގެ އެގްރީމެންޓްގެ އަސްލެވެ. އަދި ކަދުރު ބަލައިދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ވެސް ގެންދަން ޖެހެ އެވެ.

މާލެ އަދި ވިލިމާލޭގެ ގެތަކަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. ހުޅުމާލެ އަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަދުރު ބަހާ އިރު، ރަށްތަކަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކަދުރު ދޫކުރުން އޮންނާނީ ހުކުރު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ކަދުރު ބަހާނީ ލިބިފައިވާ ކަދުރު ހުސް ވަންދެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.