Roadha Mihaaru
ސައޫދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ސައޫދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

23 އެޕްރީލް 2020

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު އާއްމުންނަށް މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު އާއްމުންނަށް މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ފަހަރު ބަހާނީ މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައިވާ ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ބެހުމަށް ފަހު ބާކީވާ ކަދުރު ކަމަށެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ކަދުރު ބަހާނީ ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކަދުރު ބަލައިދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހެ އެވެ.

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.

މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަނީ ސިޓީ ކައުންސިލުންނެވެ. ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. ރަށްރަށުގައި އެ ރަށެއްގެ ކައުންސިލުންނެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 5:00 އަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ދޫކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސައުދީން ހަދިޔާ ކުރީ ކިހާ އަދަދެއްގެ ކަދުރު ކަމެއް މިނިސްޓްރީން ނުބުނެ އެވެ. މިިދިޔަ އަހަރު 50 ޓަނުގެ ކަދުރު އެ ގައުމުން ރާއްޖެ އަށް ހަދިޔާ ކުރި އެވެ.