Roadha Mihaaru
ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވޭނެ: މިނިސްޓްރީ

ރޯދައަށް ހުޅުވަން ބުންޏަސް ކިންގް ސަލްމާން މިސްކިތް ހުޅުވޭ ގޮތެއް ނުވި

05 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހަށް ވެސް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހަށް ވެސް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތް ކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ އެތައް ކުރިން އެތައް ފަހަރަކު މި ސަރުކާރުން ބުންޏަސް، މިހާތަނަށް އައި އިރު އެކަން ކާމިޔާބު ވެފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި މަހުގެ 13 ގައި ފަށާ މި ރޯދަމަހަށް ވަގުތީ ގޮތުން މިސްކިތް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންްނެވިގެން ކަަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.

އެކަމަކު، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ރޯދަމަސް ފެށުމުގެ ކުރިން ވެސް މިސްކިތް ހުޅުވަން ތައްޔާރުނުވެވޭނެ ކަމަށެވެ.

"އަދި ވެސް ނުނިމޭ ބައެއް ކަންތައްތައް ހުރީމާ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.

މި ރޯދަމަހަށް މިސްކިތް ނުހުޅެވޭނެ ކަމަށް މިނިސްޓްރީން ބުންޏަސް މިސްކިތުގެ 12 މަގާމަކަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެއީ މަސައްކަތު ވަޒީފާއަ ށް 10 މީހަކާއި އައިޓީ ޓެކްނިޝަން އަދި ޓެކްނީޝަންގެ މަގާމަށް މީހެކެވެ. އެ ވަޒީފާތަކަށް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިިމަތިލެވޭނެ ކަމަށެވެ.

މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށްދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތަކީ، ސީދާ ކުރީގެ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ސައުދީގެ ރަސްގެފާނު ދެއްވި އެހީއެކެވެ.