Roadha Mihaaru
ޕީސީއާރު ޓެސްޓް ހަދައިގެން ބޮޑެތި މިލިއަނަރުންނަށް!

ޕީސީއާރު ޓެސްޓް ހަދައިގެން ބޮޑެތި މިލިއަނަރުންނަށް!

19 މާޗް 2021

ކޮވިޑް ހުރިތޯ ދެނެގަންނަން ހަދާ ޕީސީއާރު ޓެސްޓެއްގެ އަގު 1،100ރ. އަށް، ވަރަށް ގިނަ ދުވަސް ވަންދެން ހުއްޓެވެ. ސިއްހީ ދާއިރާގެ ބޭފުޅަކު މިކަން ސިފަކުރައްވަނީ "އާންމުން ފެލާލީ" ކަމަށެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކޮވިޑް ހުރިތޯ ދެނެގަންނަން ހަދާ ޕީސީއާރު ޓެސްޓެއްގެ އަގު 1،100ރ. އަށް، ވަރަށް ގިނަ ދުވަސް ވަންދެން ހުއްޓެވެ. ސިއްހީ ދާއިރާގެ ބޭފުޅަކު މިކަން ސިފަކުރައްވަނީ "އާންމުން ފެލާލީ" ކަމަށެވެ.

"އެއީ ވަރަށް ބޮޑު އަގެއް. ހަގީގަތުގައި ވެސް އެއީ ވަރަށް ބޮޑު އަގެއް. އަޅުގަނޑު ދަންނަވާނީ އެ އަގުގައި ހެޔޮ ނުވާނެއޭ ހަދައިދޭކަށް،" މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ވާދަވެރިކަމުގެ ތެރޭގައި، ޕީސީއާރު ޓެސްޓެއްގެ އަގު ދާދި ފަހުން ހުރިހާ އަމިއްލަ ހޮސްޕިޓަލް/ ކްލިނިކަކުން ވެސް ވަނީ ހެޔޮކޮށްފަ އެވެ. ކޮވިޑް އައިއިރު، ޓޫރިސްޓުންނަށާއި ދިވެހިންނަށް ޓެސްޓް ހަދައިދޭ އަގު 130 ޑޮލަރުގައި ހުރުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން ގާތްގަނޑަކަށް 70 ޑޮލަރަށް ތިރިވި އެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ޓެސްޓެއްގެ އަގު ހުރީ 45 ޑޮލަރުގަ އެވެ. ދިވެހިންނަށް ހަދައިދޭ އަގު 1،100ރ. އިން 700ރ. އަށް މިހާރު ވަނީ ތިރިވެފަ އެވެ.

ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ވެސް މިހާރު ޓެސްޓް ހަދައިދެނީ ޓޫރިސްޓުންނަށް 40-45 ޑޮލަރަށް އަދި ދިވެހިންނަށް 700ރ. އަށެވެ. (ނޯޓް: ޓޫރިސްޓުން ރާއްޖެ އަންނަ އިރު ޕީސީއާރު ޓެސްޓްގެ ނަތީޖާ ގެންނަން ޖެހެ އެވެ. އަދި ފުރާ އިރު ވެސް ޓެސްޓް ހަދަން ޖެހެ އެވެ. ރާއްޖޭގައި ޓޫރިސްޓުން ހަދާނީ ފުރާ އިރު ދައްކަން ޖެހޭ ޓެސްޓެވެ.)

އެކަމަކު އެ އަގަށް ތިރިވި އިރު، ކުރާނެ ވިޔަފާރިއެއް އޮތީ ކޮށް ނިންމައިފަ އެވެ. ރާއްޖޭގެ ޕީސީއާރު ޓެސްޓްގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް 590،000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި މި ހިމެނެނީ ދެ ބަޔެކެވެ. އެއީ މަގުމަތިން ނަގާ ރެންޑަމް ސާމްޕަލްތަކާއި ރާއްޖެ އިން ފުރާ މީހުން [ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް] ހަދާފައިވާ ޓެސްޓްތަކެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، އެވްރެޖް ތަފާސްހިސާބެއް ހަދައިފި ނަމަ، 590،000 ސާމްޕަލްގެ ތެރެއިން 45 ޕަސެންޓަކީ ފުރާ މީހުންގެ ސާމްޕަލް ކަމަށެވެ. އަނެއް 55 ޕަސެންޓަކީ ރެންޑަމްކޮށް ނަގާ ސާމްޕަލްތަކެވެ. އެއީ އައިޖީއެމްއެޗާއި ޕޮލިސް ލެބޯޓަރީ އާއި ސަރުކާރުގެ އެހެން ތަންތަނުން ހަދާ ޓެސްޓެވެ. އެއީ ޓެސްޓް ހަދާ މީހާ އަގު ދައްކަން ޖެހޭ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ލެބޯޓަރީއެއްގައި ޕީސީއާރު މެޝިން ބަހައްޓައިފައި -- ފައިލް ފޮޓޯ

ރާއްޖޭގެ ލެބޯޓަރީއެއްގައި ޕީސީއާރު މެޝިން ބަހައްޓައިފައި -- ފައިލް ފޮޓޯ

"އެހެންވީމަ ހިސާބު ޖަހާލާއިރު، ފައިސާ ދީގެން މި ހަދާ 45 ޕަސެންޓް ޓެސްޓްގެ މުޅި ޖުމްލަ އަގަކީ ޓެސްޓެއް 60 ވަރަކަށް ޑޮލަރަށް ބަލާ ނަމަ 15 ވަރަކަށް މިލިއަން ޑޮލަރު،" ޕީސީއާރު ޓެސްޓް ހަދާ ކުލިނިކެއްގެ އިސް ވެރިޔަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

ކޮވިޑް ޓެސްޓް ހަދައިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ލިބުމަކީ، ހަގީގަތުގައި ވެސް ވަރަށް ބޮޑު ވާހަކައެކެވެ. އެއީ ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ އެވެ. މިއީ ޔަގީނުން ވެސް ކުރު މުއްދަތެއްގައި އެއް ޓެސްޓެއް ހަދައިގެން ރާއްޖެ އަށް އަދި އަމިއްލަ ހޮސްޕިޓަލް/ ކުލިނިކްތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ، އެތަންތަނުގެ ވެރިން ކުއްލިއަކަށް މިލިއަނަރުންނަށް ވީ އެވެ.

ވިސްނާލައްވާ ޕީސީއާރު ޓެސްޓުން ދުވާލަކު ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ އެބަ ލިބޭ އަމިއްލަ ތަންތަނަށް. އެހެންވީމަ ވީ ގޮތަކީ ލެބޯޓަރީތަކެއް ހަދައިގެން ވިޔަސް އެކަން ކުރަން ވަރަށް ގިނަ މީހުން ތިބީ ތައްޔާރަށް

"އެކަމަކު މި ފައިސާ އަކީ ޖުމްލަކޮށް ޓޫރިސްޓުންގެ އަތުން ލިބޭ އާމްދަނީ. ޕްރައިވެޓް ސެކްޓަރުގައި ކޮވިޑް ޓެސްޓް ހަދާ ތަންތަނުން މުޅިން ވެސް ހަދާނީ ރިސޯޓްތަކަށާއި ފުރާ ދިވެހިންނާއި ބޭރު މީހުންނަށް. މާނައަކީ ރެންޑަމްކޮށް މި ނަގާ ސާމްޕަލްތަކެއް އަމިއްލަ ކުލިނިކްތަކަކުން ނުހަދާނެއޭ،" ކުރިން ވާހަކަދެއްކެވި ކްލިނިކެއްގެ ވެރިޔާ ވިދާޅުވި އެވެ.

ކޮވިޑާ އެކު އެންމެ ޑިމާންޑް ބޮޑު ވިޔަފާރިއަކަށް ވެސް ވީ، އަދި އެންމެ ވާދަވެރިކަން ބޮޑުވީ ވެސް ޕީސީއާރު ޓެސްޓެވެ. ރާއްޖޭގެ ބޮޑު ހޮސްޕިޓަލެއްގެ އިސް ބޭފުޅަކު ވިދާޅުވީ ޕީސީއާރު ޓެސްޓް ހެދުމުގެ ހުއްދަ ހޯދަން ހެލްތު މިނިސްޓްރީ އަށް ވެސް އެކި ކުލިނިކްތަކުން ދިޔަ ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީން ލެބޯޓަރީތަކަށް ހުއްދަ ދިނުމުގައި ވަކި ގައިޑްލައިންތަކެއް ގެންގުޅެ އެވެ. އެހެންވެ، މިހާރު ޕީސީއާރު ޓެސްޓް ހެދުމުގެ ހުއްދަ ދީފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އޭޑީކޭ އާއި ޓްރީޓޮޕްގެ އިތުރުން އާރުއެމްއެލްއެސް އާއި މެޑިފްލެކްސް އާއި މެޑްލެބްގެ އިތުރުން މާފަރުގައި ހިދުމަތް ދޭ ކްރިސްޓަލް އެކްސްޕްރެސް މޯލްޑިވްސް އަށެވެ. އޭޑީކޭ އަށް ވަނީ ހުޅުލޭ އެއާޕޯޓްގައި ޓެސްޓް ހެދުމުގެ ހުއްދަ ވަކިން ދީފަ އެވެ.

ކޮވިޑަށް ސާމްޕަލް ނަގަނީ: ރާއްޖޭގައި ޓެސްޓް ހެދި ވަރު ވަނީ 590،000 އިން މައްޗަށް ގޮސްފައި -- ފައިލް ފޮޓޯ

ކޮވިޑަށް ސާމްޕަލް ނަގަނީ: ރާއްޖޭގައި ޓެސްޓް ހެދި ވަރު ވަނީ 590،000 އިން މައްޗަށް ގޮސްފައި -- ފައިލް ފޮޓޯ

ކުލިނިކެއްގެ އިސް ބޭފުޅަކު ވިދާޅުވީ ޕީސީއާރު ޓެސްޓް ހެދުމުގެ ހިދުމަތް ފަށަން ވެސް ވަރަށް ގިނަ ތަންތަނުން ރޭވި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މާކެޓްގެ ވާދަވެރިކަމާއި ލެބޯޓަރީ ޓެކްނީޝަނުން ލިބުމުގައި ހުރި ދަތިތައް ބޮޑުކަމުން އެކަން ކުރަން ބައެއް ފަރާތްތަކުން ޖެހިލުންވީ އެވެ.

"މިއީ ރާއްޖެއަކު އެކަންޏެއް ނޫން. ދުނިޔޭގައި ވެސް އޮތް ބޮޑު ވިޔަފާރިއެއް. ވިސްނާލައްވާ ޕީސީއާރު ޓެސްޓުން ދުވާލަކު ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ އެބަ ލިބޭ އަމިއްލަ ތަންތަނަށް. އެހެންވީމަ ވީ ގޮތަކީ ލެބޯޓަރީތަކެއް ހަދައިގެން ވިޔަސް އެކަން ކުރަން ވަރަށް ގިނަ މީހުން ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ޕީސީއާރު ޓެސްޓް ހަދާ މެޝިނެއްގެ އަގަަކީ ހައެއްކަ ލައްކަ ރުފިޔާ އެވެ. އެކަމަކު އެ މެޝިނާ އެކު ފުލް އޮޓަމެޓިކް ލެބޯޓަރީއެއް ހަދާ ނަމަ އިންވެސްޓްމަންޓް ގާތްގަނޑަކަށް ހަތަރު ވަރަކަށް މިލިއަން ރުފިޔާ އަށް އަރަ އެވެ.

"މިހާރު އިންވެސްޓްމެންޓް ކަވަރު ނުވާ އެއްވެސް ތަނެއް ނުހުންނާނެ. އެންމެ ގިނަ ވެގެން ވެސް ދެ މަސް ތެރޭގައި އިންވެސްޓްމަންޓް އެބަ ކަވަރުވޭ،" އޭނާ ވިދާޅުވި އެވެ.

މީހެއްގެ ނުވަތަ ޓޫރިސްޓެއްގެ އަތުން 70-80 ޑޮލަރު ޓެސްޓަކަށް ޗާޖް ކުރި އިރު، އެހެން ވާހަކައެއް ވެސް ތަޖުރިބާކާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުލިނިކްތަކުން އެހާ ބޮޑު އަގެއް ނަގާއިރު، ޓޫރިސްޓުންގެ އަތުން އެ ޓެސްޓަށް 200 ވަރަކަށް ޑޮލަރު ބައެއް ރިސޯޓްތަކުން ޗާޖްކުރާ ކަމަށެވެ. ޕީސީއާރު ސްވޮބް ނުވަތަ ކިޓެއްގެ އަގަކީ ގާތްގަނޑަކަށް 40ރ. އެވެ.

"އެހެންވީމަ ދުނިޔޭގެ ނިސްބަތުން ވެސް ޓޫރިސްޓުން މިކަމަށް އެ ކުރަނީ ވަރަށް ބޮޑު ހަރަދެއް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާއި ސްރީ ލަންކާގައި ވެސް ޕީސީއާރު ޓެސްޓެއް ހަދައިދޭ އަގަކީ އެންމެ ބޮޑުވެގެން ވެސް 25 ޑޮލަރު ކަމަށް އެ ގައުމުތަކުގެ ބައެއް ނޫސްތައް ބުނެ އެވެ. އެކަމަކު ލިބޭ އާމްދަނީއާ ނުބައްދަލު ކަމަށް ބުނެ، އެވަރު ވެސް ބޮޑުވެގެން އެ ގައުމުތަކުގައި ރައްޔިތުން ޝަކުވާ ކުރެ އެވެ.

"ހަގީގަތަކީ މިހާރު ހުރި އަގު އެއީ ބެލެވިދާނެ އެހާ ބޮޑު އަގެއް ނޫން ކަމަށް. އެކަމަކު އެންމެ ފުރަތަމަ ފެށިއިރަށް ބަލާއިރު މިހާރު ހުރި އަގުގެ ޑަބަލް އަގު ބޮޑު،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މި ވިޔަފާރީގެ ތެރޭގައި އުޅުއްވާ އެހެން ބޭފުޅަކު އެ އަގު ދިފާއު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރިސޯޓްތަކުން އެހާ ބޮޑު އަގެއް ނަގާއިރު ކުލިނިކްތަކުން ބޮޑު އަގެއް ނުނެގުމުގެ މާނައެއް ވެސް ނެތެވެ.

"ކުލިނިކްތަކުން މި ނަގަނީ ރިސޯޓްތަކުން ނަގާ އަދަދުގެ ވަރަށް ކުޑަ އެއްޗެއް. އަޅުގަނޑުމެން ވެސް އެންމެ ފުރަތަމަ އަގުތައް ކުޑަކުރި އިރު ދިވެހިންގެ އަތުން ނަގާ ބައި 700ރ. އަށް ކުޑަކޮށްފައި ރިސޯޓްތަކަށް ކުރިން ވެސް އޮތް އަގުގައި ބޭއްވީ. އެކަމަކު ރިސޯޓްތަކަކީ ވެސް އަގުހެޔޮކޮށް ކުރަން ބޭނުންވާނެ ބަޔެއް ކަމަށް ވެފައި ކޮމްޕެޓިޝަން ވެސް ބޮޑުވީމަ ފަހުން ޓޫރިސްޓުންނަށް ވެސް އަގު ހެޔޮކުރީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ހުރިތޯ ބަލަން ސާމްޕަލް ނަގަނީ: ކޮވިޑް ޓެސްޓަކީ މިލިއަން ޑޮލަރުގެ ވިޔަފާރިއެއް -- ފައިލް ފޮޓޯ: މިހާރު

ކޮވިޑް ހުރިތޯ ބަލަން ސާމްޕަލް ނަގަނީ: ކޮވިޑް ޓެސްޓަކީ މިލިއަން ޑޮލަރުގެ ވިޔަފާރިއެއް -- ފައިލް ފޮޓޯ: މިހާރު

ޕީސީއާރު ޓެސްޓް ހެދުމުގައި ވާދަވެރިކަން ބޮޑުވެ އޭގެ އަގާ އެންމެ ފުރަތަމަ ކުޅުނީ ސޮނެވާފުށީގެ ވެރިޔާ ސޯނޫ ސިވަދަސާނީ އެވެ. އޭނާ މާފަރުގައި ހިންގަވާ ލެބޯޓަރީން 130 ޑޮލަރުން 70 ޑޮލަރަށް އަގު ތިރިކޮށްފައި މީގެ މަހެއްހާ ދުވަސް ކުރިން 40 ޑޮލަރަށް ތިރިކުރި އެވެ. އަދި މެޑްފްލެކްސް ލެބޯޓަރީން އަނެއްކާވެސް އަގުތައް ވައްޓާލި އެވެ. އެއީ ދިވެހިންނަށް 700ރ. އަށެވެ. އޭގެ ފަހުން އޭޑީކޭ އިން ޓޫރިސްޓުންްގެ ޓެސްޓްތައް 45 ޑޮލަރަށް ތިރިކޮށްލި އެވެ.

"އެހެންވީމަ މީގެ ވާދަވެރިކަން ފެންނަން މިއޮތީ. މިހާރު ވެސް ހަމަ މި ވާދަވެރިކަމުގައި. ހަމަ އެވަރަށް އެބަ ޓެސްޓް ހަދާ،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާރު ވެސް އޭޑީކޭ އިން ދުވާލަކަށް ހާހެއްހާ ޓެސްޓް (އޭޑީކޭ އަށް ދާ ބަލި މީހުން ހިމަނައިގެން) ކުރެ އެވެ. އަދި ޓްރީޓޮޕްގައި 450، މާފަރުގައި 300، މެޑިފްލެކްސްގައި 200، އަދި އާރުއެމްއެލްއެސްގައި 150 އާއި މެޑްލެބްގައި 100 ވަރަކަށް ޓެސްޓް ހަދަ އެވެ.

"ހަމައެކަނި ކުލިނިކްތަކަށް އެކަންޏެއް ނޫން މި ފައިދާ މި ބެހިގެން ދަނީ. މީގެ ތެރޭގައި އެސްޓީއޯ ވެސް، އަދި އައިޖީއެމްއެޗް ކަހަލަ ތަންތަނަށް ވެސް ބޮޑު ފައިދާއެއް ލިބިގެންދާނެ. އެސްޓީއޯ އަކީ މި ޓެސްޓްތަކަށް ބޭނުންވާ ކިޓްތައް މައިގަނޑު ގޮތެއްގައި އެތެރެކުރާ ފަރާތް،" މި ވިޔަފާރީގެ ތެރޭގައި އުޅުއްވާ ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

ކޮވިޑް އައުމާ އެކު ގިނަ ބަޔަކަށް އެކަން އިންސާނީ ބޮޑު މުސީބާތަކަށް ވި އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. އެކަމަކު މުޅިން އެހެން ގޮތަކުން އެތައް ބަޔަކަށް ހިތްހަމަޖެހުން ވެސް ގެނެސްދިނެވެ. މުއްސަނދި ވެސް ވީ އެވެ.