Roadha Mihaaru
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް

މިލިއަނުން ފައިސާ ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް: ނާޒިމް

14 އޯގަސްޓް 2024

އާސަންދަ ސްކީމްގައި ހުރި "ބާގަނޑުތައް" ބޭނުން ކޮށްގެން އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ނަގައިގެން ރާއްޖޭގެ ކްލިނިކްތަކާއި ބޭރުގެ ޑޮކްޓަރުން ހިންގަނީ ސްކޭމްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސަންދަ ސްކީމްގައި ހުރި "ބާގަނޑުތައް" ބޭނުން ކޮށްގެން އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ނަގައިގެން ރާއްޖޭގެ ކްލިނިކްތަކާއި ބޭރުގެ ޑޮކްޓަރުން ހިންގަނީ ސްކޭމްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ރިކަރަންޓް ހަރަދު ކުޑަކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާ ގުލޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ ސުވާލު ކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ މެންބަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ ދައުލަތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން ފަށާނެ ވަގުތަކަށެވެ. އަދި ކޮމިޓީން އާސަންދައިގެ މައްސަލަތައް ދިރާސާ ކުރަމުން އަންނައިރު ވަރަށް ކަންބޮޑުވާ އެތައް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި އެބަހުރި އާސަންދަ އިން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ މިހާތަނަށް ކޮށްފައި ހުރި ތަފުސީލްތައް. ބަލާއިރު އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވޭ،" ނާޒިމް ވިދާޅުވި އެވެ.

އާސަންދަ ނިޒާމުގެ ތެރެއިން އަމިއްލަ ކްލިނިކްތަކަށް ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ލޮލުގެ ފަރުވާކުރާ ބޭރުގެ ހޮސްޕިޓަލަކަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށާއި ފާމަސީއަކަށް މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ވުރެ ދައްކަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕަޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި،"--- ނާޒިމް

އެކަން އެގޮތަށް ހިނގާ އެއް ސަބަބެއް ކަމުގައި ނާޒިމް ވިދާޅުވީ ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ރާއްޖޭގެ ކްލިނިކްތަކަށް ސްޕެޝަލިސްޓުން ފޮނުވުމަށް ފަހު އެ ޑޮކްޓަރުންނަށް ދެވަނަ ފަހަރު ދައްކަން ބޭނުންވާ ދިވެހިން، އެ ސްޕެޝަލިސްޓް ހުންނަ ބޭރުގެ ހޮސްޕިޓަލަށް ދިވެހިން ދާން ޖެހޭ ޖެހުމެވެ.

އެކަން ނާޒިމް ސިފަ ކުރެއްވީ ގުޅިގެން ހިންގާ ސްކޭމެއް ގޮތުގަ އެވެ.

"ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އާސަންދައިގެ ބާގަނޑުތަކުން ފޭދެމުންދާ ފައިސާތައް ފޫބައްދަން ދައުލަތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އެޅޭނެ އިރަކާ މެދު ވެސް ނާޒިމް ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު ޝަފީގް ވިދާޅުވީ އާސަންދަ ރިފޯމް ކުރުމަށް ނިންމާފައިވާ ކަންކަން އަންނަ އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށް ވާތީ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.