Roadha Mihaaru
ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ހުށަހަޅައިފި

ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން ހުށަހަޅައިފި

18 މާޗް 2021

މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް، އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް، އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ސިއްހީ ހާލުކޮޅު ހުރި ގޮތުން ޔާމީން ގެއަށް ބަދަލުކުރުމަށް އާއިލާ އިން ހުށަހެޅި ނަމަވެސް، އެކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް[ޕީއެންސީން އެތައް ފަހަރަކު ވަނީ ގޮވާލައިފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހާލުކޮޅު ހުރި ގޮތުން ލުއިތަކެއް ދޭން ޔާމީނަށް ވެސް ހުށަހެޅުއްވި އެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތް ކަމަށާއި އެ ލަފައާ އެއްގޮތަށް ޓެސްޓު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ޔާމީނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"[އެ ލަފަޔާ ގުޅިގެން] އަޅުގަނޑު އަމިއްލަ އަށް ގޮސް ބައްދަލުކުރިން. އަޅުގަނޑު ހިތުން ރައީސް ޔާމީން މިހާރު ބަހައްޓަވާފައި އެ ހުންނެވި މާހައުލަކީ ޖަލެއްގެ ތެރޭގައި، ވަކި އެ އަށް ވުރެ ރަނގަޅަށް އެކަން ކުރެވޭނެއޭ ދަންނަވާކަށް ނުކެރޭނެ. އަޅުގަނޑުމެން ތިބިއިރު ތިބި ހާލަތާއި ރައީސް ޔާމީން އެ ހުންނެވި ހާލަތު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މި ދަންނަވަނީ ކޮން ވާހަކައެއްކަން،" މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިމްރާން ވިދާޅުވެފައި ވެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގައި ވެސް، ޔާމީން ގެއަށް ބަދަލުކުރުމަށް އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީން އެދުނެވެ. އެއީ އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ މީހުން، މީގެ ކުރީގެ ރޯދަ މަސްތަކުގައި ދޫކޮށްލާފައިވުމުންނެވެ. އެކަމަކު ސަރުކާރުން އެކަމަކަށް އޭރު ވެސް އިޖާބައެއް ނުދެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަކީލުން ދަނީ ކުރަމުންނެވެ. މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ޔާމީންގެ މައްޗަށް މިހާރު އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.