މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު ވަކިކޮށް އެ ތަނުގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރި އަބްދުﷲ އަޝްރަފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު ވަކިކޮށް އެ ތަނުގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރި އަބްދުﷲ އަޝްރަފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އަޝްރަފް ވަކިކޮށް، މި މަހުގެ ތިން ވަނަ ދުވަހު ވަނީ އެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުގެ ގޮތުގައި ކުރިން ހުންނެވި އިސްމާއިލް ސާޖިދު އައްޔަންކޮށްފަ އެވެ. އެ ކަމަކު، އެ ނިންމުން އެމްއެމްއޭ އިން ނިންމީ ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވުމުގެ އެއް ދުވަސް ކުރިންނެވެ.
ނަމަވެސް، އެމްއެމްއޭ އިން ބުނެފައި ވަނީ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުމާއި ޝުޖާއުއާ ގުޅޭ ރިޕޯޓު ބަޔަކު ލީކުކޮށްލުމާ ގުޅުމެއް ނެތް ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމުގައި، އެ މަނިކުފާނުގެ ފާޑުވިދާޅުވުން އަޝްރަފަށް އަމާޒު ކުރެއްވިއިރު، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އެފްއައިޔޫގެ އިސްވެރިޔަކަށް އަޝްރަފް ހުންނެވި އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިިން، ޔާމީންގެ އެކައުންޓުން ކުރި ޝައްކު ކުރެވޭ މުއާމަލާތްތަކެއް ފުލުހުންގެ އިދާރާ އަށް ހުށަހެޅި ފަހުން ސެޕްޓެމްބަރު 17، 2018 ގައި އެމްއެމްއޭގެ ޕްލޭނިން ސެކްޝަނަށް އަޝްރަފް ބަދަލުކުރި އެވެ.
ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު އަޝްރަފް، އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިރު، އެ ޔުނިޓުން ވަނީ ޔާމީންގެ ބީއެމްއެލް އެކައުންޓަކުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޓްރާންސްފާ ކުރި މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އޭރު ޔާމީންގެ ރިޔާސީ ކެމްޕޭންގެ ފައިނޭންސްއާ ބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން ފުލުހުންނަށް ހުށަހެޅި އެވެ.
އެމްއެމްއޭގެ އޭރުގެ ގަވަރު އަބްދުﷲ ނަސީރު އެ ފިޔަވަޅު އޭރު އެޅުއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކަމަށް ބުނެ އޭރު ވަރަށް ގަދައަށް ވާހަކަ ދެއްކި އެވެ. އަޝްރަފާ މެދު ފިޔަވަޅު އެޅީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް އަޝްރަފް މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން އޭރުގެ ގަވަރުނަރު އަހުމަދު ނަސީރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.
އެފްއައިޔޫގެ ކަންކަމަށް ނުފޫޒު ފޯރުވަން އޭރުގެ ގަވަރުނަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވައި އޭރު އަޝްރަފު ވިދާޅުވީ، މަގާމުން ވަކި ކުރުމުގެ ކުރިން ނަސީރު އޭނާއާ ދެ ފަހަރެއްގެ މަތިން ވާހަކަ ދައްކަވައި ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށެވެ. އޭގެ ތެރެއިއިން އެއްފަހަރު ބައްދަލު ކުރެއްވީ އެމްއެމްއޭގެ ޓެރަސްގައި އެކަހެރިކޮށް ކަމަށާއި ނަސީރު ބާރު އެޅުއްވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ކަމަށް އަޝްރަފް ވިދާޅުވެފައި ވެ އެވެ.
ނަމަވެސް މަޖިލިހުގެ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގެން، ނަސީރު ވަނީ އޭނާގެ މައްޗަށް އަޝްރަފު ކުރެއްވި ތުހުމަތުތަކުން ބަރީއަވެވަޑައިގެންފަ އެވެ. އަދި މަޖިލިހުގައި މައްސަލަ ހިނގަމުންދަނިކޮށް ޖުލައި 24، 2019 އިގައި ގަވަރުނަރުގެ މަގާމުން ނަސީރު އިސްތިއުފާ ދެއްވި އެވެ.
އެކަމަކު ޔާމީންގެ ވެރިކަން ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ފަހު އަހަރު ފެބްރުއަރީ 1، 2023 ގައި އަޝްރަފް އަނެއްކާވެސް އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސި އެވެ.
ނަމަވެސް އިބޫގެ ވެރިކަމުގެ ބޮޑުބައިގައި އެފްއައިޔޫގެ އިސްވެރިއަކަށް ހުންނެވީ އިބްރާހިމް އަހުމަދު ނާސިރު އެވެ. އިބޫގެ ވެރިކަމުގެ ފަހު އަހަރު އަޝްރަފު އެ މަގާމަށް އައްޔަން ކުރެއްވީ އިބްރާހިމް އަހުމަދު ނާސިރު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އިބޫގެ ވެރިކަމުގެ ބޮޑުބައިގައި ކަންކަން ނިންމެވުމުގެ ފުރުސަތު އަދި ބެއްލެވުމުގެ ފުރުސަތެއް ވެސް އަޝްރަފަށް ލިބިވަޑައެއް ނުގަންނަވަ އެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި ޔާމީން ހިތްހަމަޖެހިވަޑައިނުގަތް ސަބަބަކީ އިބޫގެ ވެރިކަމުގައި އަލުން އަޝްރަފަށް އެ މަގާމު ދެއްވައި، އަދި ވަކި ސަރުކާރެއް ބޭނުންވުމުން ވަކި ބަޔަކާ މެދު ތަފާތުކޮށް ކަންތައް ކުރެއްވި ކަމަށް ވިދާޅުވެ އެވެ.
ޔާމީން ވިދާޅުވީ، ދެ ލައްކަ ރުފިާޔާ އަށް ވުރެ މަތީ ކޮންމެ ޓްރާންސެކްޝަނަކީ [ކިހިނެއް ހޯދި ފައިސާއެއްކަން ބުނެ ނުދެވޭ ނަމަ] ރާއްޖޭގައި މަނީލޯންޑަރިން އަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންވެ މިހާރު "ކޮންމެ ދައުވާއެއް ކުރަނީ މަނީލޯންޑަރިން އަށް" ކަމަށެވެ. އެކަމަކު، ބައިނަލްއަގްވާމީ އުސޫލުތަކަށް ބަލާއިރު ވެސް މަނީލޯންޑަރިންގެ މުއާމަލާތެއް ކަމަށް ބަލަނީ އެ އަށް ވުރެ ބޮޑެތި އަދަދުތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެންމެންގެ މައްޗަށް އެއް ހަމަޔަކުން ގާނޫނުތައް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އެއާ އެކު، އެ މަނިކުފާނު ސުވާލު އުފެއްދެވީ އިބޫގެ ސަރުކާރުގެ ދުވަސްވަރު ދެ ލައްކަ ރުފިޔާ އަށް ވުރެ މަތީގެ ޓްރާންސެކްޝަން ބޭންކުތައް މެދުވެރިކޮށް ނުހަދައި ތިބެދާނެތޯ އެވެ.
"އެކަމަކު، އެ އިން އެއްވެސް މައްސަލައެއް ނާދޭ ނޫންތޯ؟،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި، އެ މަނިކުފާނު ވެރިކަން ކުރެއްވި ދުވަސްވަރު އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އަޝްރަފް ވަކިކުރި ނަމަވެސް އެމްއެމްއޭގެ ކަންކަމާ ބެހިވަޑައެއް ނުގަންނަވަ އެވެ. ހާއްސަކޮށް އެމްއެމްއޭގެ ވަޒީފާގެ އޮނިގަނޑާއި މުވައްޒަފުންގެ ކަންކަމާ އެ މަނިކުފާނު ބެހިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެމްއެމްއޭގެ ގާނޫނުން ގަވަރުނަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން [ކޮންމެ ސަބަބަކާ ހެދި ކަމަށް ވިޔަސް] އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް އޭރު ބަދަލުކުރީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު [ވެރިކަމަށް އައުމާ އެކީ] އަނެއްކާ އަނބުރާ [އަޝްރަފް] އެފްފައިޔޫ އަށް. އެއިރަށް ތާ އެ މީހުންގެ [އިބޫގެ ސަރުކާރުގެ އެއްވެސް މީހެއްގެ] އެއްވެސް މައްސަލައެއް ނުބަލާނީ. އެއްވެސް މައްސަލައެއް އެ މީހުންގެ ނުބެލޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ޝުޖާއު އަށް ލިބުނު އިންސާފު އެންމެންނަށް ވެސް ލިބެން ވާނެ ކަމަށެވެ.
"ގާނޫނު ވެގެން ނުވާނެ ވަކި ބައެއް ފަހައި އެކަނި ދުވާ އެއްޗަކަށް. ވިޗްހަންޓު ކުރާ އެއްޗަކަށް ވެގެން ނުވާނެ. އަޅުގަނޑަށް އެނގިގެން މި ދަންނަވަނީ އެމްޑީޕީގެ ބައެއް ބޮޑުންގެ މައްސަލަތައް އެބަހުރި. ބައިވަރު އެބަހުރި. އެކަމަކު، މިއިން މައްސަލައެއް ޕޮލިސްއަކަށް ނުދޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަތައް އެ ގޮތަށް ބައްޓަން ކުރެއްވި ނަމަވެސް އެފްއައިޔޫއާ ހަމައަށް ފޮނުވަނީ ބޭންކުތަކަށް ޝައްކުވާ މުއާމަލާތްތަކެވެ. އޭގެ ފަހުން އެ މުއާމަލާތްތައް ބެލުމަށް ފަހު، ފުލުހުންނާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް އެފްއައިޔޫ އިން ގެންނަނީ އެވެ.
ރޭގެ ޖަލްސާގައި ޔާމީން ތަކުރާރުކޮށް ވާހަކަ ދެއްކެވި އެއްކަމަކީ ދެ ލައްކަ ރުފިޔާ އަށް ވުރެ މަތީގެ ޓްރާންސެކްޝަނެއްގެ ހަގީގަތް ބުނެ ނުދެވިއްޖެ ނަމަ މަނީލޯންޑަ ކުރީ ކަމަށް ބަލައި ރާއްޖޭގައި އަދަބު ދޭ މައްސަލައަށެވެ. ވިދާޅުވީ، ފައިސާ ގެންގުޅޭ އަދަދަށް ބަލާއިރު ދެ ލައްކަ ރުފިޔާއަކީ "މަނީލޯންޑަރިން އަށް ފްލޭގް" ކުރާ ވަރުގެ އަދަދެއް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ، ކުދިކުދި ކަންތައްތައް މަނީލޯންޑަރިންގެ ތެރެއަށް ފައްތަމުންދާތީ ރާއްޖެ ލޭބަލް ވެފައި ވަނީ މަނީލޯންޑަރިން ހަބެއްގެ ގޮތުގައި ކަމަށެވެ.
"އެއީ އަޅުގަނޑުމެން ގާނޫނު ހަދައިގެން ނުބައިކޮށް އެޕްލައި ކުރީމާ ވާ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެ މަނިކުފާނު މަނީލޯންޑަރިންގެ މައްސަލަތަކާ ދެކޮޅު ކަމަށާއި އެކަމަކު ދައްކަވަނީ ފެންނަނީ ގާނޫނީ އޮޅުންބޮޅުން ކަމަށެވެ.
"މަނީލޯންޑަރިންއަކީ ވަކި ކޮންސެޕްޓެއް. އިންޓަނޭޝަނަލް ކޮމާސްގައި، ލޯގައި ވަކި ކޮންސެޕްޓެއް މަނީލޯންޑަރިންއަކީ، އަނެއްކާ އޭގައި އިންވޯލްވާ އަދަދުތައް ބޮޑެތި. ކުދިކުދި ކަންތައްތަކުގައި މިހެން ގޮސް ދިވެހިރާއްޖެއަކީ މަނީލޯންޑާ ކުރާ ހެވަންއަކަށް، ހަބަކަށް ވެފައި މި އޮތީ،" މަނީލޯންޑަރިންގެ ތުހުމަތުތަކުގެ ތެރޭގައި މިހާރު ވެސް އުޅުއްވާ ޔާމީން ވިދާޅުވި އެވެ.
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަހެއް ނާޅަން: އޭޖީ
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
އާ ބެންޗާ އެކު ޔާމީންގެ މައްސަލާގެ ހުކުމް 28 ގައި
ޔާމީންގެ ޝަރީއަތަށް ބެންޗެއް އެކުލަވާލައިފި
ޔާމީންގެ ޝަރީއަތެއް ނެތް، އޮތީ އިދާރީ ކަމެއް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ޔާމީން މިނިވަންވާ ތަން ދެކެން ބޭނުން: އަސްލަމް
1 މިލިއަން އޭސީސީއާ ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން