Roadha Mihaaru

ޔާމީނަށް ވަކީލުންގެ ބައްދަލުވުން ނުދޭ ކަމަށް ބުނެ އުޅެނީ ޝަރީއަތަށް ނުފޫޒު ފޯރުވަން: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން ސަރުކާރުން ހުރަސްއަޅާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތް ލަސްކޮށް ނުފޫޒު ފޯރުވަން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

13 ޑިސެމްބަރ 2020

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން ސަރުކާރުން ހުރަސްއަޅާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތް ލަސްކޮށް ނުފޫޒު ފޯރުވަން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔާމީންގެ ވަކީލު ބައްދަލުވުންތަކަށް މި ސަރުކާރުން އެކި ހުރަސްތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތު އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ތަކުރާރުކޮށް ކުރައްވަމުންނެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ވެސް ޔާމީނާ ބައްދަލުކުރަން ފުރުސަތު ނުދިން ކަމަށާއި ބޭނުމަކީ ކޯޓުގައި ދިފާއުވުމުން މަހްރޫމުކޮށް ހައްގެއް ނިގުޅައިގަތުން ކަމަށް ވަކީލުން ވިދާޅުވެ އެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ ވަކީލުންނަށް މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ ޖެނުއަރީ މަހު ކަމަށް އެ ދުވަހުގެ ޝަރީއަތުގައި އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާއިރު އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާއިރު އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު.---ފޮޓޯ: މަޖިލިސް

ޔާމީންގެ ވަކީލުންގެ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ވަކީލުންގެ ބައްދަލުވުންތައް ހަމަޖައްސައިދޭން އޮންނަ އުސޫލުގެ ތެރެއިން ތަފާތުނުކޮށް ޔާމީންގެ ވަކީލުންނަށް އިންތިޒާމު އަބަދުވެސް ހަމަޖައްސައިދޭ ކަމަށެވެ. މިއީ ކޮވިޑް-19ގެ ހާލަތަށް ވުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ޖަލަށް ވަޑައިގަންނަވަން ބޭނުންވިޔަސް އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވެވަޑައިގެން އޮންނަ އުސޫލަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ އެންމެ ފަހުން ބައްދަލު ނުކުރެއްވުނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަނޭޅުއްވުމުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި ޔާމީނަށް އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ފަސޭހައިން ހަމަޖައްސައިދޭން ކަރެކްޝަނަލް ސާވިސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ. ޔާމީން މާލެ ގެންނަވައިގެން ވެސް ބައްދަލުކުރެއްވޭނެ ގޮތް ކަރެކްޝަނަލް ސާވިސް އިން ހަދައިދޭނެ ކަމަށް ވަކީލުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ލޯޔަރުން އެކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވޭ،" ނަޒީރު ވިދާޅުވި އެވެ.