އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޖަލު ހުކުމާ އެކު ވެސް އޭނާ ގޭގައި ބެހެއްޓީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ތާށިކޮށް، އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދިނުމުގެ "ހަދިޔާއެއް"ގެ ގޮތުން ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ތުހުމަތުކޮށްފި އެވެ.
15 ޑިސެމްބަރ 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޖަލު ހުކުމާ އެކު ވެސް އޭނާ ގޭގައި ބެހެއްޓީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ތާށިކޮށް، އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދިނުމުގެ "ހަދިޔާއެއް"ގެ ގޮތުން ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ތުހުމަތުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ދައުވާއަކާ ގުޅިގެން މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރައްވާ ޔާމީނާ ދެކޮޅަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައި ޝަރީއަތް ވަނީ ފަށައިފަ އެވެ. މި ޝަރީއަތުގެ ދިފާއުއަށް ވަކީލުން ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑު ޝަކުވާއަކީ ޔާމީނާ ދޭތެރޭގައި ތަފާތުކޮށް އަމަލުކުރުމެވެ.
ޔާމީންގެ ފަސް ވަކީލަކު ރޭ ނެރުއްވި ބަޔާނުގައި އެމަނިކުފާނުގެ ޝަރީއަތާ ގުޅުވައި މި ސަރުކާރަށް އަނެއްކާވެސް ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. ސިޔާސީ ބާރުވެރިކަން ހޯއްދަވަން މުޅި ދައުލަތް ފައިސާއިން ކޮންޓްރޯލްކުރައްވައި ހިންގެވި ޚިޔާނާތުގެ މޭސްތިރި، އަދި 800 އަހަރުގެ ޖަލު ހުކުމެއް އިއްވޭވަރުގެ ހެކި ހުރި ކަމަށް ޕީޖީ ވިދާޅުވެފައިވާ އަދީބު ގޭގައި ހުންނެވުމަކީ އިއްތިފާގެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.
ޚިޔާނާތަށް އިއުތިރާފްވުމާ އެކު ދައުލަތާ އެކު ޕްލީބާގެއިން އެއްބަސްވުމެއްގެ ދަށުން އަދީބަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ.
ވަކީލުން ވިދާޅުވީ އަދީބަށް ޣައިރު ގާނޫނީ ލުއިތަކެއް ދިނީ ސަރުކާރުން އަދީބާ އެކު ހެދި ސިއްރު އެއްބަސްވުމުގެ ދަށުން "ހަދިޔާއެއް"ގެ ގޮތުގައި ކަމަށެވެ. ޣައިރު ގާނޫނީ އެ ލުއިތަކުގެ ބަދަލުގައި، އެ އެއްބަސްވުމުގެ ދަށުން އަދީބު ކުރައްވާ ކަމަކީ ޔާމީނާ ދެކޮޅަށް ހެކި ބަސް ދެއްވުން ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.
އަދީބު ގޭގައި ހުންނެވީ ސިއްހީ ހާލު ހުރި ގޮތުން ޖަލުގައި ބޭނުން ނުކުރެވޭ ނިދާ މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށް ހޯމް މިނިސްޓްރީން ބުނާ ވާހަކައަކީ ވެސް އަދީބަށް ލުއިދިނުމުގެ އުޒުރެއް ކަމަށް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް ޔާމީންގެ ހައްގުތައް ދަނީ ނިގުޅައިގަންނަމުންނެވެ. ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި އާއްމު ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކިއުޓަ ޖަނެރަލްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގައި ލާޒިމްކޮށްފައިވާ ކަން ފާހަަގަކޮށްފައިވެ އެވެ.
ޔާމީންގެ ވަކީލުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގި ތަހުގީގުގައި 200 އަށް ވުރެން ގިނަ މީހުންގެ މައްޗަށް ތަހުގީގީ އިދާރާތަކުން ކުށުގެ ތުހުމަތުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބުވުމަށް ފަހު އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާ ހަމައަށް ވެސް އެކަށީގެންވާ ގޮތެއްގައި ދައުވާ އުފުލައި ނުވަތަ އިތުރު ތަހުގީގެއް ހިންގާފައި ނުވާއިރު ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުން ދިއުމަކީ އިއްތިފާގެއް ކަމަށް ނުދެކެމެވެ،" ބަޔާނުގައިވެ އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ޔާމީނަށް ދައުވާތައް އުފުލަމުންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށެވެ. އެހެންކަމުން ކޯޓުގައި މިހާރު އުފުލާފައިވަނީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ދައުވާތަކެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ސިފަކޮށްފައިވާ ގޮތުގައި އެއީ ދުރާލައި ރާވައި އިންތިޒާމްކޮށްގެން ހިންގާ ސިޔާސީ ބަދަލުހިފުމެކެވެ. ދައުވާތަކަށް ޖަވާބުދާރީވާން ގާނޫނުއަސާސީން ލިބިދީފައިވާ ވަކީލުންގެ ހައްގު ނިގުޅައިގަންނަމުންދަނީ ވެސް އެހެންވެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުންނަށް ޔާމީނާ ބައްދަލުކުރެއްވޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕީސީއާރު ޓެސްޓް ހަދައިގެން ކަމަށް ހޯމް މިނިސްޓްރީން ދައްކާ ވާހަކައަކީ، ވަކީލުން ވިދާޅުވި ގޮތުގައި، ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ދައްކާ ވާހަކައެކެވެ. މިކަން ކުށްވެރިކުރައްވަމުން ވަކީލުން ގޮވާލައްވާފައި ވަނީ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީ ގޮތުން ލިބޭ ހުރިހާ ހައްގުތައް ފުރިހަމައަށް ލިބޭނެ ގޮތް ކަށަވަރުކޮށް ދެއްވާށެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އެ މަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ވާއިރު، އެ މައްސަލަ ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް ދެން އޮންނާނެ ކަމަށް ގާޒީ ވިދާޅުވެފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން