25 މެއި 2022
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނާއި ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުން ލަސްވުމުން އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ، ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނާއި ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުން ލަސްވުމުން އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ، ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ޔާމީންގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. ރިޝްވަތު ދިނުމުގެ ދައުވާއެއް ޔޫސުފް ނައީމްގެ މައްްޗަށް ވެސް ކުރެ އެވެ.
ޔާމީނާއި ޔޫސުފް ނައީމާއި ދައުލަތުގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަނެ، ބޭރުކޮށްލަން ނިންމީ އެކަމަށް ދިން މުއްދަތު ހަމަވެފައިވާތީ އެވެ.
މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ކޯޓުން އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އެ މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަމަވެއްޖެ އެވެ. އެކަމަކު އެންމެން ވެސް އެ ހުށަހެޅުންތައް ހުށަހެޅީ މިމަހުގެ ކުރީކޮޅެވެ.
މި މައްސަަލަ ދިމާވި ސަބަބަކީ 15 ދުވަސް ގުނާނެ ގޮތް ވަކީލުންނަށް އޮޅުމެވެ. ޔާމީނާއި ދައުލަތުން ވެސް ގަބޫލުކުރީ 15 ދުވަސް ގުނަން ޖެހޭނީ ސަރުކާރު ބަންދު ނުހިމެނޭ ގޮތަށް ކަމަށެވެ. އެކަމަކު މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު އޮންނަ ގޮތުން ހަތް ދުވަހަށް ވުރެ ދިގު މުއްދަތު ގުނާނީ ސަރުކާރު ބަންދު ވެސް ހިމަނައިގެންނެވެ.
ޔާމީނާއި އެ މަނިކުފާނުގެ ބައެއް ވަކީލުން -- ފޮޓޯ/މިހާރު
މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ 15 ދުވަހުގެ މުއްދަތަކީ ހުށަހެޅުންތައް ހުށަހަޅަން ގާނޫނުގެ ދަށުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށާއި އެ މުއްދަތުގައި ހުށަނާޅައިފި ނަމަ އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންވެ، ޔާމީނާއި ޔޫސުފް ނައީމާއި ދައުލަތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމެވީ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް އިސްގާޒީ ޝަކީލް ނިންމެވުމުން، އެ ނިންމުން މުރާޖާކުރަން ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ވެސް އެދިވަޑައިގަތެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގައި ވެސް މުއްދަތު ގުނާފައި އޮތީ ސަރުކާރު ބަންދު ނުހިމަނާ ކަމަށެވެ.
އެ ވާހަކަތައް ހުއްޓުވުމަށް ފަހު އިސް ގާޒީ ވިދާޅުވީ އެހެން މައްސަލައެއްގެ ވާހަކަ މި މައްސަލާގެ ތެރޭގައި ނުދެއްކޭނެ ކަމަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ފުރުސަތު އަލުން ދިނުން މުހިންމެވެ. އެއީ ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއުތައް ވެސް ހުށަހެޅެން އޮންނަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އެކަނި ކަމަށްވާތީ އެވެ. އެކަމަކު ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމާފައި ވަނިކޮށް ވަކި ކަހަލަ ހުށަހެޅުމަކަށް އެކަނި ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
އިސް ގާޒީ ޝަކީލް ވެސް ވިދާޅުވީ އެގޮތަށް ނިންމެވީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި އެ ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ޝަރީއަތުން މި ނިންމި ނިންމުމައިގެން ކުރިއަށް ދާން ޝަރީއަތުން މި ނިންމަނީ،" އިސް ގާޒީ ވިދާޅުވި އެވެ.
އެ ނިންމުން ލިޔުމުން ދޭން ޔޫސުފް ނައީމްގެ ވަކީލް އެދިވަޑައިގަތުމުން ވެސް އިސް ގާޒީ ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާތީ ގާނޫނު ބުނާ ގޮތުން ގޮތް ނިންމަންޖެހޭ ހުށަހެޅުމެއް ނެތް ކަމަށެވެ. އެހެންވެ، ލިޔުމުން ދޭންޖެހޭ ނިންމުމެއް އެކަމުގައި ނެތް ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އެ ބައި އަންނަ މަހުގެ ދެވަނަ ދުވަހު ފަށާނެ އެވެ.
ޝަރީއަތް ލައިވްކުރުމާ ބެހޭގޮތުން ޔާމީން މިއަދު ވެސް ސުވާލު ކުރެއްވި އެވެ. އިސް ގާޒީ ޝަކީލް ވިދާޅުވީ ކުރިން ވެސް އިއުލާން ކޮށްފައިވާ ފަދައިިން އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ފަށާއިރު ލައިވްކުރާނެ ކަމަށެވެ.
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
ޔާމީން ކުށްވެރިވެ 5 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަސް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް