Roadha Mihaaru
ޖޫރިމަނާ ހޯދަން އުޅެނީ ހައްގުތަކަށް ހުރަސް އެޅޭގޮތަށް

އިސްތިއުނާފް ނުނިމެނީސް ޖޫރިމަނާ ހޯދަން އުޅުމަކީ ޔާމީންގެ ހައްގަކަށް ހުރަސް އެޅުން: ވަކީލުން

25 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލަށްލި މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮއްވައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާ ކުރުމަކީ އެ މަނިކުފާނުގެ ހައްގުތަކަށް ހުރަސް އެޅުން ކަމަށް އެ މަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލަށްލި މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮއްވައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާ ކުރުމަކީ އެ މަނިކުފާނުގެ ހައްގުތަކަށް ހުރަސް އެޅުން ކަމަށް އެ މަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލާގެ ޝަރީއަތް އަންނަ މަހު ބާއްވަން އެ ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު ޔާމީންގެ ފަރާތުން ޖޫރިމަނާ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން އެމަނިކުފާނާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މިއަދު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެކަން ކަމާބެހޭ އިދާރާތަކަށް ލިޔުމުން ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވާއިރު، އެ ހުކުމް ތަަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ޔާމީންގެ ފަރާތުންޕުޅުން އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ނުނިމި އޮއްވާ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރަނީ އެއީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ފޮރުވުމުގެ އިތުރުން ޔާމީނާއި ޒާތީގޮތުން ދިމާކޮށް، ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.