Roadha Mihaaru
ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެވުމުގެ ކަންބޮޑުވުން

ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެވޭތީ ކަންބޮޑުވުން ފާޅުކޮށްފި

28 ޖުލައި 2020

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެއްވޭތީ އެ ކަމުގެ ކަންބޮޑުވުން އެބޭފުޅުން ފާޅުކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެއްވޭތީ އެ ކަމުގެ ކަންބޮޑުވުން އެބޭފުޅުން ފާޅުކުރައްވައިފި އެވެ.

ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، ޔާމީނަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް ކަރެކްޝަނަލް އިން ބުނަމުން އަންނަނީ ކޮވިޑް-19އިގެ ބަލިމަޑުކަން ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

އެކަމަކު ބަލިމަޑުކަމާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިދީ، އަދި އެ މަނިކުފާނުގެ ޝަރީއަތްތައް ވެސް ފަށާފައިވީ ނަމަވެސް ގާނޫނުއަސާސީން ޔާމީނަށް ލިބިވަޑައިގަންނަވާ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަނަލް އިން އަރައިގަންނަމުންދާ ކަމަށް ބުންޏެވެ.

އެގޮތުން މި މަހު ކުރީކޮޅު ހައިކޯޓުގައި ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުމެއްގައި ވެސް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ. އެ ބައްދަލުވުން ނިންމާލީ، ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތަށް އެންގުމާއެކު، އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަތުމަށް ފަހު އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރަމުން ކަމަށާއި ފަހުން ކަރެކްޝަނަލް އިން ވެސް އެ ފުރުސަތު ދޭނެ ކަމަށް ސިޓީއަކުން އެންގި ކަމަށް ވަކީލުން ވިދާޅުވި އެވެ.

ނަމަވެސް، މި މަހުގެ 14 ވަނަ ދުވަހު އެ ސިޓީއާއެކު ޔާމީންއާ ބައްދަލު ކުރެއްވުމަށް ވަކީލުން ކަރެކްޝަނަލް ސާވިސްއަށް ވަޑައިގަތުމުން ވެސް އެތަނުން އެކަމަށް އިންކާރު ކުރި ކަމަށް ވަކީލުންގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

"ވީމާ، ހައިކޯޓުން ވެސް އަންގަވާފައިވަ ގޮތަށް، ރައީސް ޔާމީނާ ވަކީލުން ސީދާކޮށް ގާތުން ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ހުރަސް ނޭޅުމަށް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސް ކުރަމެވެ." އެ ބަޔާނުގައި ވަކީލުން ވިދާޅުވެފައި ވެ އެވެ.

އޭގެ އިތުރުން، ޚަބަރުފަތުރާ ވަސީލަތްތައް ބެއްލެވުމުގެ ހިދުމަތް ޔާމީނަށް ކަރެކްޝަނަލް ސާވިސް އިން މިހާރު ނުދޭތީ އެކަމާ ވެސް އެ މަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުވާގައިވެ އެވެ.