Roadha Mihaaru
ޔާމީނަށް ފިޔަވަޅު އަޅައިފި؛ ދިނީ ނަސޭހަތެއް!

މުޒާހަރާގެ މައްސަލާގައި ޔާމީނަށް އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުން

16 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނަވައިގެން އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި މައްސަލާގައި އެޅި ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް، ލިޔުމުން ނަސޭހަތް ދިނުން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނަވައިގެން އިދިކޮޅު މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި މައްސަލާގައި އެޅި ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް، ލިޔުމުން ނަސޭހަތް ދިނުން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ހިނގާލުމުގެ ބައިވެރިން ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް އެއްވުމުން އެ މަނިކުފާނު ވަނީ ކުޑަދޮރަކުން ބޯދިއްކުރައްވައި، ގައުމީ ދިދަ އާއި ޕީޕިއެމްގެ ދިދަ ވިހުރުއްވައި ސަޕޯޓަރުންނަށް އިޝާރާތް ކުރައްވައިފަ އެވެ.

މިއީ ޔާމީން ގޭބަންދަށް ބަދަލުކުރި އިގުރާރާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން "މިހާރު" އަށް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ކަމެއް ތަކުރާރުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުން ފަސް އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ޔާމީން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ހުކުމްތަކުގައި ތިބޭ މީހުންނަށް މަނާ ކަމެކެވެ. ނަމަވެސް ކަރެކްޝަންސްއިން ކުރި އެއްވެސް ޝަރުތަކާ ޔާމީން ހިލާފުވެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ހުކުމް ތަންފީޒުކުރަން ޖަލުގައި ބެހެއްޓުމަށް ފަހު ޔާމީން ގޭބަންދަށް ބަދަލުކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ކަރެކްޝަން އިން ކުރިން ބުނެފައިވެ އެވެ.