Roadha Mihaaru
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި

އިދިކޮޅުން އެންމެ ފަހުން ނިންމީ ސީދާ ހަރަކާތަށް ދާން

23 ޖެނުއަރީ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ބޮޑު ޖޫރިމަނާ ދަމަހައްޓަން، ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމުމާ ގުޅިގެން، ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅުން މިއަދު ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ބޮޑު ޖޫރިމަނާ ދަމަހައްޓަން، ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމުމާ ގުޅިގެން، ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅުން މިއަދު ނިންމައިފި އެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން މިއަދު ހެނދުނު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އިދިކޮޅުގެ ލީޑާޝިޕުން ނެރުނު ގަރާރު އިއްވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު، އަދި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރި ހުކުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ ނުފޫޒާއެކު، ކުރި ހުކުމެއް ކަމަށާއި އެ ބަލައި ނުގަންނަ ކަމަށެވެ. އެހެންވެ، ޔާމީން މިނިވަންކުރުމަށް ގޮވާލައި، ސީދާ ހަރަކާތަށް ދާން ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ނޮވެމްބަރު، 2019 ގައި ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން، ހުކުމް ރަނގަޅު ކަމަށް ނިންމެވީ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސެން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ހުސެން ޝަހީދު ދެކި ވަޑައިގަންނަވާ ގޮތުގައި އެ ހުކުމް ގޯހެވެ.

އިދިކޮޅުގެ ގަރާރު ބިނާކޮށްފައިވަނީ ފަނޑިޔާރު ޝަހީދުގެ ރައުޔަށެވެ. އެ ގަރާރުގައި ބުނީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ބާތިލް ދައުވާއެއް ކަމަށާއި ދައުވާ ސާބިތު ކުރުމަށްޓަކައި، ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކާއި ގަރީނާ ތަކަކީ ވެސް އޭގެ ޒާތުގައި، ބާތިލް ތަކެތި ކަމަށެވެ. އެހެންވެ، އެ ހުކުމް ބާތިލް ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ޝާހިދު ވެސް ދެކެވަޑައިގަންނަވާ ކަމަށް ގަރާރުގައި ބުނެފައި ވެ އެވެ.

ހުކުމް ބާތިލް ކުުރަން ޖެހޭ ކަމަށް އެ ފަނޑިޔާރު ދެކިވަޑައިގެންނެވީ، މައްސަލައިގެ ތަހުގީގުގައި އެކަމާ ގުޅޭ ގޮތުން ޔާމީނާ ސުވާލު ކޮށްފައި ނުވުމާއި އެ ފަދަ ކުށެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް، ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލަފަށް ޝަރީއަތަށް ބަލައިގަނެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވާތީ އެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ހުކުމަށް ތާއީދު ކުރެއްވި ދެ ފަނޑިޔާރުން އެކަން ކުރެއްވީ، އަމިއްލަ މިނިވަންކަމުގައެއް ނޫނެވެ. އެއީ، އެ ދެ ފަނޑިޔާރުންގެ ރައުޔުގައި، އިސްތިއުނާފު ކުރި ފަރާތުގެ ހުރި ނުކުތާއަކަށް ރިއާޔަތްކޮށްފައި ނުވުމާއި މައްސަލަ ސާބިތު ކުރުމުގައި، އިސްލާމީ ޝަރީއަތުގެ މިންގަނޑާއި ގާނޫނު އަސާސީ އާއި ގައުމުތަކުން މި ބާވަތުގެ މައްސަލަތައް ނިންމާގޮތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް އިދިކޮޅުން ބުނެ އެވެ.

ޔާމީނުގެ މައްޗަށް ކުރި ހުކުމާ ދެކޮޅަށް، ބުރާސްފަތި ދުވަހު މުޒާޙަރާ ވެސް ކޮށްފައި ވެ އެވެ. ސީދާ ހަރަކާތުގެ ގޮތުގައި ކުރާނީ ކޮންކަމެއްކަން އިދިކޮޅުން ނުބުނި ނަމަވެސް، ގަބޫލުކުރެވޭ ގޮތުން އެއީ އެކަމާ ދެކޮޅަށް މަގުމަތީގައި އިތުރު މުޒާހަރާތަކެއް ކުރުމެވެ.