23 ނޮވެމްބަރ 2019
ހުރިހާ "ހިބަރެއް" ބާނައި ނިމިއްޖެ ކަަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުރިހާ "ހިބަރެއް" ބާނައި ނިމިއްޖެ ކަަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
"ހިބަރުވަދު" ގެ ނަމުގައި އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، މިއަދުގެ ޝަރުއީ ނިޒާމުގެ ނިމުން ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ހިނގައި ދިޔަ ހާދިސާގެ ސަބަބުން ކަމަށެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޖަލުގައި ބަންދު ކޮށްފައި ތިބި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން އެ ދުވަހު ނެރުނު އަމުރަށެވެ.
ޔާމީންގެ ވެރިކަމަށް ވެސް "ގުޑުންއެރި" އެ އަމުރާ އެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އޭގެ އިތުރުން ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކުރި އެވެ.
ޕީޕީއެމުން ބާއްވާ ކޮންމެ ޖަލްސާއެއް ގައި ކަހަލަ ގޮތަކަށް ފެބްރުއަރީ 1 ގެ ހާދިސާއާ ބެހޭ ގޮތުން ޔާމީން ވާހަކަފުޅު ދައްކަވަ އެވެ. "އެކެއް ފެބްރުއަރީ އަމުރު"ގެ ވާހަކަ މިރޭ ފެއްޓެވުމުގެ ކުރިން ޔާމީން ވިދާޅުވީ "ހުރިހާ ހިބަރެއް ބާނައި ނިމިއްޖެ" ކަަމަށެވެ.
އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ:ހުސައިން ވަހީދު/މިހާރު
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވަނީ ހުރިހާ ހިބަރު ބާނައި ނިންމައިފި. ހުރިހާ ހިބަރު ބާނައި ނިންމައިފި. އަދި މި ހިބަރު ވަދު ތައްޔާރު ކޮށްދިން މީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަންކަން އުނދަގޫ ވެގެން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އުފުލަން ދަތިވެގެން އާދޭސް ކުރެއްވި. ކަހާތަން ހިރުވައިލާ މީހަކު ވެސް ނެތޭ. ކަހާތަން ހިރުވައިލި މީހަކު ވެސް ނެތޭ،" އެންމެ ފަހުން މަގާމުން ވަކިކުރެއްވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި އެންމެ ފަހުން ތިއްބެވި ތިން ފަނޑިޔާރުން: މި ތިން ބޭފުޅުންނަށް ވެސް ޔާމީން މިރޭ ހަޖޫ ޖެއްސެވި.---ފައިލް ފޮޓޯ: މިހާރު
އެ ދެބޭފުޅުން ވަނީ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ސޮއިކުރައްވައިފަ އެވެ. އެކަމަކު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް، ކަންކަން ގޯހުން ގޯހަށް ދިއުމުން ފެބްރުއަރީ 1 ގެ އަމުރު ބާތިލް ކުރެއްވީ ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދުގެ ބައިވެރިވުމާ އެކު އެވެ. އެ ހަތަރު ބޭފުޅުންގެ އިތުރުން މިދިޔަ ބުދަ ދުވަހު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި އަހުމަދު އަރީފަކީ ވެސް އޭގެ ބައިވެރި އެކެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު.---ފައިލް ފޮޓޯ: މިހާރު
މިރޭގެ ޖަލްސާ ގައި ވެސް ކުރިއެކޭ އެއްގޮތަށް ޔާމީން "ފެބްރުއަރީ 1" ސިފަކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގެ "ކަޅު ދުވަހެއް" ގެ ގޮތުގަ އެވެ.
ޔާމީން ވިދާޅުވީ، ފެބްރުއަރީ 1 ގެ އަމުރުގެ ސަބަބުން ނިމުމަކަށް އައީ ޖުޑިޝަރީގެ އެކަނި ނޫން ކަމަށާއި މިހާރުގެ ސަރުކާރަށް ހުރިހާ ބާރުތަކެއް ޖަމާކުރުމުގެ ފުރުސަތު ލިބުނީ ވެސް އެ އަމުރުގެ ސަބަބުން ކަމަށެވެ.
އެގޮތުން ރާއްްޖޭގެ ތާރީހު ނުދެކޭ ފަދަ ޚުދުމުޚުތާރު ވެރިކަމަކަށް މިހާރު ޖާގަ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅި ސަރުކާރެއް މި ނޫނީ ދެކެވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީ މީހުން އެއްނުވަނީ ހަމައެކަނި މިސްކިތަށް ކަމަށާއި އެކަމަކު، ހުރިހާ ތަނަކަށް އެއްވުމުގެ ފުރުސަތު އޭރު ދިން ކަމަށެވެ.
"އެކަމަކު މި ސަރުކާރުން މިހާރު ކުރަނީ ކީއްތޯ؟ އަޅުގަނޑުމެންގެ އޮފީސް ކުރިމަތީގައި އެ އޮތް ހަނިހަނި ދުވާރަށް އަޅުގަނޑުމެންގެ ދެ ތިން މީހަކު ސްޕީކަރެއް ހިފައިގެން ނުކުތީމާ ކޮން ކަހަލަ ބިރެއްތޯ މި ގަންނަނީ؟ ކޮން ކަހަލަ އިންޒާރެއްތޯ މި ދެނީ؟ އެހެންވީމާ ޑިމޮކްރެސީ އާއި އިސްލާހަށް މި ކުރެވޭ މަސައްކަތްތަކާ މެދު ވިސްނާވަޑައިގަންނަވާ،" ޔާމީން ވިދާޅުވި އެވެ.
"އެތަނުގައި ރައީސް ނަޝީދު. މިތަނުގައި ރައީސް ސޯލިހް. ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމުމުގައި ރައީސް ނަޝީދު. ރެފްރީ ކޯސް ހިންގުމުގައި ރައީސް ނަޝީދު. ޓީޗަރަކާއި މުދައްރިސަކަށް ވެސް މި ހުރީ ރައީސް ނަޝީދު. ފަނޑިޔާރުގެ ފުނޑާލުމުގެ މުގުލުގައި މި ތިބީ ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހް. އެހެންވީމާ ކޮބައިތޯ ޑިމޮކްރަސީ؟."
ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ އެންމެ މުހިންމު ސިފަ އަކީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރު ކުރުން ކަމަށް ވިޔަސް މިހާރު ފެންނަނީ ހުރިހާ ކަމެއް "އަންބޮނޑި" އަށް ޖަހާފައިވާ ތަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ތަހުގީގުތައް ކުރަނީ ސިޔާސީ މީހުންނާއި ދީނީ އިލްމުވެރިން ބިރު ގެންނެވުމަށެވެ.
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
"ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ކަންބޮޑުވޭ"
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި