ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ހުރި ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބުނެފި އެވެ.
05 ޑިސެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ހުރި ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ޔާމީނަށް ހުކުމް އިއްވީ ނާއިންސާފުން ކަމަށް ބުނެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ބޭރު ގައުމުތަކާ އެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
ސްރީ ލަންކާގެ ދަތުރު ނިންމާލައްވައި މިރޭ މާލެވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސައީދު ވިދާޅުވީ ނުހައްގުން ޔާމީނަށް އަނިޔާ ދެމުންދާ ކަން ލަންކާގެ މިޝަންތަކާއި ބައިނަލްއަގްވާމީ ފަރާތްތަކަށް މައުލޫމާތު ދެއްވި ކަމަށެވެ. ޔާމީނަށް ހުކުމް އިއްވީ ރަނގަޅަށް ކަން ބަލައި ނުގަނެވޭ ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި ގޮތުގައި އެ ކަންކަމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް އަވަހަށް އަޑު އުފުލައި ބަޔާންތައް ނެރޭނެ އެވެ.
ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ޔާމީނަށް ހުކުމް އިއްވުމުގެ ކަށަވަރުކަން ދޭން މި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން އެދިވަޑައިގަތް ކަަމަށް ހައިލަމް ވިދާޅުވެފައި ވުން ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ސައީދު ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ފަހުން އެކުލަވައިލި ބެންޗުން އަމަލުކުރި ގޮތް ވެސް އެންމެންނަށް އެނގެ އެވެ.
"ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް އެބަ އެނގޭ މީގައި ގޯސްތަކެއް އެބައުޅޭ ކަން. ޝަރީއަތް ގެންދިޔަ ގޮތާ ދޭތެރޭގައި ހިތްހަމަނުޖެހޭ އެތައް ބަޔަކު އެބަތިބި،" ސައީދު ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވައި މާލޭ ޖަލަށް ގެންގޮސް އަމަލުކުރީ ވެސް ވަރަށް ލާއިންސާނީކޮށް ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ. މާލޭ ޖަލުގައި ކުށްވެރިންނާ އެކު އެމަނިކުފާނު ބެހެއްޓެވުމުން ފުރައްސާރަ ކުރުން ފަދަ ކަންކަން ވެސް ކުރިމަތިވެވަޑައިގެންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވާ ކަންތައްތަކެކެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވެސް ވިދާޅުވީ ޔާމީނަށް އިއްވި ހުކުމުން ސާފުވީ މި ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް އޮތް މިންވަރު ކަމަށެވެ. އެމަނިކުފާނުގެ މުޅި ޝަރީއަތް ހިނގައިދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މި ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ވަރަށް ގާތުން ބަލަމުން. މީގެ އިތުރުން، އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކުން ވެސް މިކަން ވަރަށް ގާތުން އެބަ ބަލާ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"
ހުރިހާ "ހިބަރު" ބާނައި ނިމިއްޖެ: ޔާމީން
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ޖުޑީޝަރީގެ ބާރުތައް ދިއުމަކީ ހިތްހަމަޖެހޭނެ ކަމެއްނޫން
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!