Roadha Mihaaru
"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އާ ސީޒަނަކަށް

ސޮނީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އާ ސީޒަނަކަށް

17 މާޗް 2021

އެރިކާ ފެނަންޑޭޒާއި ޝަހީރު ޝެއިޚާ އެކު ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ އިތުރު ބައެއް ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެރިކާ ފެނަންޑޭޒާއި ޝަހީރު ޝެއިޚާ އެކު ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ އިތުރު ބައެއް ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ދެ ސީޒަނަކަށް ގެނެސްދިން ސިލްސިލާގެ އާ ސީޒަނެއް އަނެއްކާ ވެސް ގެނެސްދޭން ނިންމާފައިވާ އިރު އެރިކާ އާއި ޝަހީރު އޭގެ ލީޑް ރޯލުން ފެންނާނެ ކަމަށެވެ. "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" އަކީ ސޮނީން 2016-2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. ދެ ސީޒަނަކަށް ސިލްސިލާ ގެނެސްދިން އިރު ޖުމްލަ 414 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ޝަހީރާއި އެރިކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދަވި އެވެ.

ނަމަވެސް ޝަހީރު ވަނީ މިދިޔަ އަހަރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކުންފުނި ބާލާޖީގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ރުޗިކާ ކަޕޫރާ ކައިވެނިކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި އޯލް ބާލާޖީގެ ވެބް ސީރީޒް "ޕައުރަޕުރުޝް" އިން ވެސް ޝަހީރު ފެނިފައިވެ އެވެ.

އޭނާ އެންމެ ފަހުން ކުޅުނު ޓީވީ ސިލްސިލާ އަކީ މިދިޔަ އަހަރު ސްޓާ ޕްލަސް އިން ނިންމައިލި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އެވެ.

އެރިކާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން މިދިޔަ އަހަރު ނިންމައިލި "ކަސޯޓީ ޒިންދަގީ ކީ" އެވެ.

މީޑިއާތަކުން ބުނީ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ އާ ސީޒަނަށް އޭގެ ޓީމުން ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭގެ ޝޫޓިން ފަށައި ރަސްމީކޮށް ސިލްސިލާއާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ސޮނީ ޓީވީން އެންމެ ފަހުން އަލަށް ފެށި އާ ސިލްސިލާ އަކީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ދައްކަން ފެށި "އިޝްގް ޕަރު ޒޯރް ނެހީ" އެވެ.