Roadha Mihaaru
އެތުލެޓިކޯ އަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

އެތުލެޓިކޯ އަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

11 މާޗް 2021

މެޑްރިޑް (މާޗް 11) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މެޑްރިޑް (މާޗް 11) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ރޭގެ މެޗަށް ފަހު ލީގުގެ ގަދަ ތިނެއްގައި އޮތް ތިން ޓީމުން ވެސް ވަނީ 26 މެޗު ކުޅެފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 56 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓް ހޯދައިގެންނެެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅުނު ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި އިނާކީ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުން ބިލްބާއޯ އަށް ލީޑުނަގައިދިނީ އިކާ މުނިއައީން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކޯސް ލޮރެންޓޭ ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ ތޯމަސް ލެމާ ނަގައިިދިން ހުރަހަކުން ބޮލުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އެތުލެޓިކޯ މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒް އެވެ. މިއީ އޭރިއާތެރެއިން ސުއަރޭޒަށް އެތުލެޓިކޯގެ އުނާއީ ނޫނޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސުއަރޭޒް ވަނީ މި ފަހަރު ލީގުގައި އޭނާގެ 18 ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ބިލްބާއޯގެ އުނާއީ ޖެހި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ ހުއްޓުވައިފަ އެވެ.

އެތުލެޓިކޯ އިން އެންމެ ފަހުން ސްޕެނިޝް ލީގު ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ. މި ފަހަރުގެ ސީޒަން ފަށައިގެން އެ ޓީމުން އެއް ވަނަ މަގާމު ދަމަހައްޓަމުން އަންނައިރު، ކުރިން އޮތް ބޮޑު ލީޑު މިހާރު ވަނީ ކުޑަވެފަ އެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ލީގުގައި ކުރިއަށް އޮތް ކޮންމެ މެޗަކީ ވެސް އެތުލެޓިކޯ އަށް ފައިނަލެއް ކަމަށާއި ރެއާލާއި ބާސެލޯނާ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ.