Roadha Mihaaru
ބެންޒެމާގެ ދެ ގޯލާ އެކު ރެއާލް ކުރިއަށްޖެހިލައިފި

ބެންޒެމާގެ ދެ ގޯލާ އެކު މޮޅުވެ ރެއާލް ކުރިއަށްޖެހިލައިފި

16 ޑިސެމްބަރ 2020

މެޑްރިޑް (ޑިސެމްބަރު 16) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު 3-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ ކުރީގައި އޮތް ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

މެޑްރިޑް (ޑިސެމްބަރު 16) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު 3-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ ކުރީގައި އޮތް ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ތިން ވަނައިގައި އޮތް ރެއާލަށް 26 ޕޮއިންޓް ވަނީ ލިބިފަ އެވެ. ސޮސިއެޑާޑާއި ރެއާލުން އެ އަދަދަށް ޕޮއިންޓް ހޯދީ 13 މެޗު ކުޅެގެންނެވެ. އެތުލެޓިކޯ ކުޅުނީ 11 މެޗެވެ. ސޮސިއެޑާޑް މިރޭ ބާސެލޯނާއާ ކުޅޭއިރު، އެތުލެޓިކޯ އެންމެ އަވަހަށް މެޗެއް ކުޅޭނީ ހޮނިހިރު ދުވަހު އެވެ.

ބިލްބާއޯ އަށް ރޭގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. ފުރަތަމަ 13 މިނިޓް ތެރޭ ބިލްބާއޯގެ ރައުލް ގާސިއާ ކުރި ދެ ފައުލަކަށް ދެ ރީނދޫ ކާޑު ދައްކައި އޭނާ އަށް ރަތް ކާޑެއް ދެއްކި އެވެ. ރެއާލުން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޯނީ ކްރޫސް ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ އެންޑާ ކާޕާ ވަނީ ބިލްބާއޯ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ބިލްބާއޯ އިން ވެސް ކުރިއަށް ޖެހިގެން މެޗުން މޮޅުވެވޭތޯ މަސައްކަތްކުރަމުން ދަނިކޮށް ރެއާލުން ލަނޑުތައް ޖެހީ މެޗުގެ ފަހު 16 މިނިޓް ތެރޭގަ އެވެ. ބެންޒެމާ ރެއާލަށް ލީޑުނަގައިދިނީ 74 ވަނަ މިނިޓްގަ އެވެ. މިއީ ޑެނީ ކާވަހާލް ތަނަަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.

ރެއާލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ބެންޒެމާ ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ ލޫކަ މޮޑްރިޗް ދިން ޕާހަކުން ހަމަޖެހިލާފައި ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. ބެންޒެމާ ވަނީ ރެއާލާ ގުޅުނު ފަހުން ލީގުގައި ކުޅުނު މެޗުތަކުގައި ބިލްބާއޯ ކޮޅަށް 13 ގޯލު ޖަހައިފަ އެވެ. އޭނާ އެންމެ ގިނަ ލީގު ގޯލު ޖެހީ އެ ޓީމު ކޮޅަށެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ ފަސޭހަވާނެ މެޗެއްގެ ގޮތުގައި އެއްވެސް ވަގުތެއްގައި ގަބޫލުނުކުރާ ކަމަށާއި ބިލްބާއޯގެ ކުޅުންތެރިއަކު މަދުކޮށް ވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.