Roadha Mihaaru
އެތުލެޓިކޯ އަށް ބަދަލުވާން ގަލަގާ އެއްބަސްވެއްޖެ

ޗެލްސީ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވާން ގަލަގާ އެއްބަސްވެއްޖެ

06 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 5) - ޗެލްސީ ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން، އިނގިރޭސި މިޑްފީލްޑަރު ކޮނޯ ގަލަގާ އެއްބަސްވެއްޖެ އެވެ.

ލަންޑަން (އޮގަސްޓް 5) - ޗެލްސީ ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން، އިނގިރޭސި މިޑްފީލްޑަރު ކޮނޯ ގަލަގާ އެއްބަސްވެއްޖެ އެވެ.

ޗެލްސީން ވަނީ އެތުލެޓިކޯ އިން ގަލަގާ، 24، ގަންނަން ހުށަހެޅި 33 މިލިއަން ޕައުންޑުގެ އަގަށް މިދިޔަ ހަފްތުގައި އެއްބަސްވެފަ އެވެ.

ނަމަވެސް އުމުރުން އަށް އަހަރުގައި ޗެލްސީއާ ގުޅުނު މިޑްފީލްޑަރު، 18 އަހަރަށް ފަހު ޗެލްސީ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވާން އެއްބަސް ވެފައި ވަނީ މިއަދެވެ.

ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައި، ޗެލްސީން ވަނީ ގަލަގާ އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް، އިތުރު އަހަރަކަށް އާ ކުރުމުގެ ފުރުސަތާ އެކު ހުށަހަޅައިފަ އެވެ. ނަމަވެސް ކޮންޓްރެކްޓުގެ މުއްދަތާއި އާ ކޯޗާ އެކު ކުލަބުގައި އޭނާއަށް އޮތް ރޯލާ މެދު ހިތްހަމައެއް ނުޖެހުނެވެ.

ފާއިތުވި ދެ ސީޒަންގައި ޗެލްސީގައި މުހިއްމު ދައުރެއް އަދާކުރި ގަލަގާ ވަނީ، ކެޕްޓަން ރީސް ޖޭމްސް އާއި ވައިސް ކެޕްޓަން ބެން ޗިލްވެލް އަނިޔާގައި ހުރުމާ ގުޅިގެން، މިދިޔަ އަހަރުގެ ބޮޑު ބައި، ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފަ އެވެ.

ހަމަ އެއާއެކު ނިމިދިޔަ ޔޫރޯގެ ފައިނަލަށް ދިޔަ އިންގްލެންޑް ސްކޮޑުގައި ހިމެނިގެން ގަލަގާ ވަނީ ފަސް މެޗެއްގައި ކުޅެފަ އެވެ.

ނަމަވެސް ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާގެ ގޭމް ޕްލޭނަށް ގަލަގާ ފިޓު ނޫން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އަދި ޗެލްސީން ގަލަގާ އެތުލެޓިކޯ އަށް ހެޔޮ އަގެއްގައި ދޫކޮށްލަން ނިންމީ، ވާދަވެރި އިނގިރޭސި ޓީމަކަށް އޭނާ ދޫނުކުރާށެވެ.

މަރެސްކާ ވަނީ މިހާތަނަށް ޗެލްސީ އަށް ހަތް ކުޅުންތެރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ ސީޒަންގައި ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށި ޒުވާން ސްޓްރައިކަރު މާކް ގިއޫ އާއި ލެސްޓާ ސިޓީގެ މިޑްފީލްޑަރު ކިއާނަން ޑޫސްބަރީ ހޯލްގެ އިތުރުން ބަސެލް އަށް ކުޅުނު ރެނާޓޯ ވެއިގާ އާއި އެސްޓަން ވިލާގެ އޮމާރީ ކެލީމަން އަދި ފުލަމްގެ ޑިފެންޑަރެއް ކަމަށްވާ ޓޮސިން އަޑަރަބިއޯޔޯ އާއި އެމެރިކާ ލީގުގައި ކުޅެމުން އައި އެ ގައުމުގެ ޒުވާން ޑިފެންޑަރު ކަލެބް ވިލީ އެވެ.

މި ކުޅުންތެރިން ގެނެސްފައި ވަނީ ޖުމްލަ 95 މިލިއަން ޕައުންޑްގެ އަގަކަށެވެ. ހަމަ އެއާ އެކު ޗެލްސީން ވަނީ މިހާތަނަށް 86 މިލިއަން ޕައުންޑްގެ އަގަކަށް ހަތަރު ކުޅުންތެރިން ވިއްކާލައިފަ އެވެ.