Roadha Mihaaru
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް

ޕީއެސްޖީ އަތުން ބާސެލޯނާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް

11 މާޗް 2021

ޕެރިސް (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ޕީއެސްޖީ އަތުން މޮޅެއް ނުލިބި ބާސެލޯނާ މުބާރާތުން ކެޓިއިރު، އާރްބީ ލައިޕްޒިގު 2-0 އިން ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

ޕެރިސް (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ޕީއެސްޖީ އަތުން މޮޅެއް ނުލިބި ބާސެލޯނާ މުބާރާތުން ކެޓިއިރު، އާރްބީ ލައިޕްޒިގު 2-0 އިން ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

މިދިޔަ މަހު ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެ ޓީމު ވަނީ 4-1 އިން ބަލިވެފަ އެވެ. ބޮޑު ތަފާތަކުން ރޭ ޕީއެސްޖީ ދަނޑުގައި މޮޅުވެގެން ނޫން ގޮތަަކަށް ބާސެލޯނާ އަށް ކުއާޓާގެ ޖާގަ ލިބެން ނެތެވެ. ރޭގެ މެޗު 1-1 އިން އެެއްވަރުވިއިރު، ޕީއެސްޖީ ކުރިހޯދީ 5-2 ގެ އެގްރިގޭޓްގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވި 14 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ.

ލިވަޕޫލާއި ލައިޕްޒިގު ކުޅުނު ދެ ލެގު ވެސް ކުރިއަށްދިޔައީ ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގަ އެވެ. ކޮވިޑް-19ގެ ސަބަބުން ޖަރުމަނާއި އިންގްލެންޑްގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ދެ ޓީމުގެ އަސްލު ހޯމް ސްޓޭޑިއަމްގައި މެޗު ކުޅެވޭގޮތެއްނުވި އެވެ. ލައިޕްޒިގުގެ ހޯމް މެޗާއި ރޭ ކުޅުނު ލިވަޕޫލްގެ ހޯމް މެޗު ވެސް ނިމުނީ އެއް ނަތީޖާ އަކުންނެވެ. އެގްރިގޭޓަށް ބަލާއިރު ލިވަޕޫލަށް ކުރިލިބުނީ 4-0 އިންނެވެ.

ޕީއެސްޖީގެ ޕަރޭޑޭސް (ވ) ކައިރިން ބޯޅަ ހިފައިގެންދާން މެސީ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ޕަރޭޑޭސް (ވ) ކައިރިން ބޯޅަ ހިފައިގެންދާން މެސީ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ ހަތަރު އަހަރު ކުރިން ބާސެލޯނާ އިން ވަނީ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. ރޭގެ މެޗަށް ބާސެލޯނާ އިން އެ އަމާޒުގައި ނުކުތް ނަމަވެސް ނަތީޖާއެއް ނުނެރެވުނެވެ. ފުރަތަމަ ގޯލު ޖެހީ ވެސް ޕީއެސްޖީންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޕީއެސްޖީގެ ގޯލު ޖެހީ ފުރަތަމަ ލެގުގައި ބާސެލޯނާ ކޮޅަށް ހެޓްރިކެއް ހެދި ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. އޭނާ ރޭގެ މެޗުގައި ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ.

އޭގެ ހަތް މިނިޓް ފަހުން އޭރިއާބޭރުން ފޮނުވާލި ބާރު ޝޮޓަކުން ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ އަށް ލަނޑު ޖަހައިދޭން މި މެޗުގައި އެންމެ ގިނަ ހުސް ފުރުސަތުތައް ލިބުނު ކުޅުންތެރިއަކީ އޮސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތެއް މެސީ ވަނީ ނަގާލައިފަ އެވެ. އެންޓޮއިން ގްރީޒްމަން އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މެސީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު މެސީ އަތުން ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.

ދެ ވަނަ ހާފްގައި ބާސެލޯނާ އިން ލަނޑު ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އުއްމީދަކީ މިހާރު އޮތް ޓީމު ކުރިއަށް ވުރެން ވަރުގަދަ ރޫހެއްގައި އަންނަ ސީޒަނުގައި މި މުބާރާތަށް އައުމަށް ކަމަށާއި މެސީގެ ފަރާތުން ޖުމްލަކޮށް ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެންނާނެ އެވެ. މިއީ 2005 ވަނަ އަހަރަށް ފަހު އެ ދެ ކުޅުންތެރިން ކުޅޭ ޓީމެއް ނެތި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ފެންނާނެ ފުރަތަަމަ ފަހަރެވެ.

ލައިޕްޒިގުގެ ކެޕްޓަން ސަބިޓްޒާ އަތުން ލިވަޕޫލްގެ ފަބީނިއޯ ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

ލައިޕްޒިގުގެ ކެޕްޓަން ސަބިޓްޒާ އަތުން ލިވަޕޫލްގެ ފަބީނިއޯ ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ރޭގެ މެޗުގައި ވެސް ލައިޕްޒިގު ކޮޅަށް ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ރޭގެ މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 70 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން މުހައްމަދު ސަލާހު އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޑިވޮކް އޮރީގީ ނެގި ހުރަހަކުން ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. ލައިޕްޒިގަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ސޯލޯތު އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑި އަށެވެ.

މިދިޔަ އޮކްޓޫބަރު މަހަށް ފަހު ލިވަޕޫލުން ވަނީ ރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި މެދުތެރެއިން ފަބީނިއޯ އަށް ފުރުސަތު ދީފަ އެވެ. ލިވަޕޫލްގެ ފަހަތަށް ކުޅޭ ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ފަބީނިއޯ ބޭނުންކުރީ ޑިފެންޑަރެއްގެ ގޮތުގަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ފަބީނިއޯގެ ފަރާތުން ރޭގެ މެޗުގައި ފެނުނު ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ޔަގީންކޮށްފައިވާ ހަތަރު ޓީމަކީ ޕީއެސްޖީ އާއި ލިވަޕޫލްގެ އިތުރުން ޕޯޓޯ އާއި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.