Roadha Mihaaru
މަރަކާނާ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރަނީ

މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރަނީ

10 މާޗް 2021

ސައޮ ޕައޮލޯ (މާޗް 10) - ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގެ ނަން ފުޓްބޯޅަ ލެޖެންޑް ޕެލޭ އަށް ހާއްސަކުރަން ނިންމައިފި އެވެ.

ސައޮ ޕައޮލޯ (މާޗް 10) - ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގެ ނަން ފުޓްބޯޅަ ލެޖެންޑް ޕެލޭ އަށް ހާއްސަކުރަން ނިންމައިފި އެވެ.

ރިއޯ ޑި ޖަނެެއިރޯ ސްޓޭޓުގައި މިއަދު ނެގުނު ވޯޓުން ފާސްކޮށްފައިވަނީ މަރަކާނާ ސްޓޭޑިއަމްގެ ނަން އެޑްސަން އަަރަންޓެސް ޑޯ ނަސިމެންޓޯ - ރެއީ ޕެލޭ ސްޓޭޑިއަމް އަށް ބަދަލުކުރާށެވެ. އެ ނަން ރަސްމީކޮށް ފައިނަލް ކުރާނީ ރިއޯގެ ގަވަރްނަރް އެޕްރޫވްކުރުމުންނެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ފައިނަލްކުރާނެ އެވެ.

އުމުރުން 80 އަހަރުގެ ޕެލޭގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލާ އެކު ކާމިޔާބުކުރި ތިން ވޯލްޑް ކަޕް އެވެ. އޭނާ ކެރިއަރުގެ 1000 ވަނަ ގޯލު ޖެހީ މަރަކާނާ ސްޓޭޑިއަމްގަ އެވެ. އެއީ 1969 ވަނަ އަހަރު އޭނާ ސަންޓޯސް އަށް ކުޅުނު މެޗެއްގަ އެވެ. ސަންޓޯސް އެ މެޗުގައި ކުޅުނީ ވަސްކޮޑަގަމާއާ ދެކޮޅަށެވެ.

ދެ ލައްކައެއްހާ މީހުންނަށް ވަދެވޭ ގޮތަށް ކުރިން ހުރި މަރަކާނާ ސްޓޭޑިއަމް އެންމެ ފަހުން ގެނައި ބަދަލުތަކާ އެކު އަލުން ހުޅުވިއިރު އެ ދަނޑަށް ރަސްމީކޮށް މެޗު ބަލަން ވަދެވޭ އަދަދަކީ 78،838 އެވެ. ބްރެޒިލްގައި އޮތް 1950 ވަަނަ އަހަަރުގެ ވޯލްޑް ކަޕް ފައިނަލް ބަލަން ދެ ލައްކަ އަށް ވުރެން ގިނަ މީހުން ދަނޑަށް ވަނެވެ.

މީގެ ކުރިން އެ ދަނޑުގެ ނަން ވަނީ ބްރެޒިލްގެ ނޫސްވެރިޔާ ފިލްހޯގެ ނަމަށް ވެސް ހާއްސަކޮށްފަ އެވެ. އެއީ 1940 ގެ އަހަރުތަކުގަ އެވެ. އެކަމަކު ފަހުން ވަނީ މަރަކާނާ ސްޓޭޑިއަމް އަށް ބަދަލުކޮށްފަ އެވެ.

މަރަކާނާ ސްޓޭޑިއަމް އަކީ ބްރެޒިލްގެ ދެ ކްލަބް ކަމަށްވާ ފްލަމެންގޯ އާއި ފްލުމިނޭސޭގެ ހޯމް ސްޓޭޑިއަމްގަ އެވެ. މަރަކާނާ ސްޓޭޑިއަމް އަކީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފައިނަލާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ވެސް ކުޅުނު ސްޓޭޑިއަމް އެވެ.