Roadha Mihaaru
ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ

ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ

25 ޑިސެމްބަރ 2022

ސައޮ ޕޯލޯ (ޑިސެމްބަރު 25) - ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހާލު ގޯސްވުމުން އޭނާގެ އާއިލާ މެމްބަރުން ހޮސްޕިޓަލަށް ޖަމާވެއްޖެ އެވެ.

ސައޮ ޕޯލޯ (ޑިސެމްބަރު 25) - ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހާލު ގޯސްވުމުން އޭނާގެ އާއިލާ މެމްބަރުން ހޮސްޕިޓަލަށް ޖަމާވެއްޖެ އެވެ.

ޕެލޭގެ ބޮޑު ގޮހޮރަށް މިދިޔަ އަހަރު ކެންސަރު ޖެހި އޭނާ ދަނީ ފަރުވާ ހޯދަމުންނެވެ. އެ ބަލީގައި އޭނާގެ ހާލު އިތުރަށް ގޯސްވުމުން ނޮވެމްބަރު 25 ން ފެށިގެން އޭނާ އަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއާގައި ބާއްވައިގެންނެވެ. ޕެލޭ އަށް ފަރުވާދޭ އެލަބަޓް ހޮސްޕިޓަލްގެ ޑޮކްޓަރުން ކުރިން ބުނި ގޮތުގައި ކީމޯ ތެރަޕީ ދީގެން ވެސް ކެންސަރުގެ ވޭން ކުޑަ ކުރެވޭ ގޮތެއް ނުވެ އެވެ.

ޕެލޭގެ ދެ އަންހެން ދަރިޔަކު އޭނާ ކައިރީ ހޭދަ ކުރާތާ ހަފުތާއެއް ވެއްޖެ އެވެ. އޭނާގެ ފިރިހެން ދަރިފުޅު އެޑީނިއޯ އިއްޔެ ހޮސްޕިޓަލަށް ދިޔަ އެވެ. ބްރެޒިލްގެ ދެވަނަ ޑިވިޝަންގެ ކްލަބަކަށް ކޯޗުކޮށް ދެމުން ދާ އެޑީނިއޯ މަސައްކަތް ކުރަނީ ބްރެޒިލްގެ ލޮންޑޮރީނާ ސިޓީގަ އެވެ.

ޕެލޭގެ އަންހެން ދަރިފުޅު ކެލީ ނަސިމެންޓޯ ހުކުރު ދުވަހުގެ ރޭ ދަންވަރު އިންސްޓަގްރާމްގައި ޝެއާ ކުރި ފޮޓޯއެއްގައި ފެންނަނީ ހޮސްޕިޓަލް އެނދުގައި އޮތް ޕެލޭގެ ގައިގައި ބައްދާލައިގެން އޮތް ތަނެވެ.

“އަހަރެމެން އަދިވެސް ބައްޔާ ހަނގުރާމަ ކުރަން މިތިބީ އިތުބާރާއެކު އެވެ. އަނެއްކާ ވެސް އިތުރު ރެޔެއް އެކުއެކީގަ އެވެ،" ކެލީ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.

އޭނާގެ ކޮއްކޮ ފްލެވިއާ އަރަންޓޭސް ނާސިމެންޓޯ ސޯޝަލް މީޑީއާގައި ހިއްސާ ކުރި ފޮޓޯގައި ފެންނަނީ ސޯފާއެއްގައި ނިދާފައި އޮތްތަނަވެ. އޭނާ އޮތީ ޕެލޭ އޮތް ޕްރައިޥެޓް ވޯޑްގައި ހުރި ސޯފާއެއްގައި އޮށޯވެގެންނެވެ.

އެޑީނިއޯ ވަނީ އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން ހުރި ފޮޓޯއެއް ހިއްސާކޮށްފައެވެ.

"ބައްޕާ އެވެ. އަހަރެންގެ ބާރަކީ ތި އެވެ،" އިންސްޓަގްރާމްގައި އޭނާ ލިޔެފައިވެ އެވެ.

ތިން ކައިވެންޏެއް ކުރި ޕެލޭގެ އެހެން ކުދިން ވެސް ތިބި އެވެ. އެ ހޮސްޕިޓަލުގައި ތިބީ އޭނާގެ ކިތައް ކުދިން ކަމެއް ސާފެއް ނުވެ އެވެ. އޭނާގެ ދަރިން ހޮސްޕިޓަލަށް ޖަމާވަމުންދާ ހަބަރުތަކުން އޭނާގެ ހާލަތާ މެދު އިތުރަށް ކަންބޮޑުވުން އުފެދިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ބުދަ ދުވަހުގެ ފަހުން ޕެލޭގެ ހާލަތާ ބެހޭގޮތުން ހޮސްޕިޓަލުން އެއް ވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ވެސް ޕެލޭ ޕޮޒިޓިވްވި އެވެ. ޑޮކްޓަރުން ބުދަ ދުވަހު ބުނީ ޕެލޭ ކެންސަރު އިތުރަށް ގޯސްވެފައި ކަމަށެވެ.