Roadha Mihaaru
ޕެލޭ ހަމަ ލޮލުން، ދެން ދެވުނީ ފުޓްބޯޅަ އަށް ހިތް

ޕެލޭގެ ކުޅުން ހަމަ ލޮލުން، މައުމޫނަށް ދެން ދެއްވުނީ ފުޓްބޯޅަ އަށް ހިތް

07 ޑިސެމްބަރ 2022

ދިވެހިރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ގައުމީ ފުޓްބޯޅަ ޓީމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދެއްވި ޖާފަތުގައި، އެ ކުޅުންތެރިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ހިތްވަރު ދެއްވުމުގެ ގޮތުން އެ މަނިކުފާނު ޖެއްސެވީ ބްރެޒިލްގެ ޕެލޭގެ މިސާލެވެ. މަޝްހޫރު ކޮމްޕޯސަރު ބީޓޮވަން އުފަންވެފައި ވަނީ މިއުޒިކަށްޓަކައި ކަމަށްވީ ފަދައިން ތިމަންނަ އުފަންވީ ފުޓްބޯޅައަށްޓަކައޭ ކަމަށް ބުނާ ޕެލޭގެ މަޝްހޫރު ބުނުމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ، ޕެލޭގެ ކާމިޔާބީގެ ފަހަތުގައި ވަނީ ގުދުރަތީ ހުނަރުގެ އިތުރުން ހިތްވަރާއި އަހުލާގު ކަމަށެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިވެހިރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ގައުމީ ފުޓްބޯޅަ ޓީމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދެއްވި ޖާފަތުގައި، އެ ކުޅުންތެރިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ހިތްވަރު ދެއްވުމުގެ ގޮތުން އެ މަނިކުފާނު ޖެއްސެވީ ބްރެޒިލްގެ ޕެލޭގެ މިސާލެވެ. މަޝްހޫރު ކޮމްޕޯސަރު ބީޓޮވަން އުފަންވެފައި ވަނީ މިއުޒިކަށްޓަކައި ކަމަށްވީ ފަދައިން ތިމަންނަ އުފަންވީ ފުޓްބޯޅައަށްޓަކައޭ ކަމަށް ބުނާ ޕެލޭގެ މަޝްހޫރު ބުނުމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ، ޕެލޭގެ ކާމިޔާބީގެ ފަހަތުގައި ވަނީ ގުދުރަތީ ހުނަރުގެ އިތުރުން ހިތްވަރާއި އަހުލާގު ކަމަށެވެ.

ޕެލޭގެ ވާހަކައިން، ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދެއްވަން މައުމޫން ގަސްދު ކުރެއްވީ ސަބަބެއް ނެތިއެއް ނޫނެވެ. އެ މަނިކުފާނަކީ ވަރަށް ބޮޑަށް ޔަގީން ކުރެވޭ ގޮތުގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޕެލޭގެ ކުޅުން ހަމަ ލޮލުން ފެނުނު ހަމައެކަނި ދިވެއްސެވެ. އެ ޝަރަފް މައުމޫން ހޯއްދެއްވީ، މޭ 1، 1960 ގައި މިސްރުގެ އިސްކަންދަރިއްޔާގައި ޔުނައިޓެޑް އެރެބް ރިޕަބްލިކުގެ ނަމުގައި މިސްރުން، ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗު ދެކެވަޑައިގަތުމަށް ސްޓޭޑިއަމަށް ވަޑައިގެންނެވެ. އެ މަނިކުފާނަކީ އެ ފެންވަރުގެ ފުޓްބޯޅަ މެޗެއް ހަމަލޮލުން އެންމެ ފުރަތަމަ ފެނުނު ދިވެއްސަ ވުން ވެސް އެކަށީގެންވެ އެވެ.

ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ، ޕެލޭ ކުޅޭތަން ވީޑިއޯއަކުން އެންމެ ފުރަތަމަ ދިވެހިންގެ ބަޔަކަށް ފެނުނީ ވެސް 1960 ގެ އަހަރުތަކުގެ ފަހުކޮޅެވެ. އެއީ އައްޑު އަތޮޅުގައި އިނގިރޭސިން ތިބިއިރު ބްރެޒިލް މެޗުތަކުގެ ވީޑިއޯ ޓޭޕް ގެންގުޅެން ފެށުމުންނެވެ. ތިރިން ޕާސްކޮށްގެން އެންމެ ފުރަތަމަ ކުޅެން ފެށި އައްޑޫ ޑީއެންސީގެ ކުޅުންތެރިން ތަމްރީނުގެ ބޭނުމަށް ބްރެޒިލްގެ މެޗުތައް ބެލި އެވެ. އެކަމަކު 1960 ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންނަށް ޕެލޭ އަކީ ހަމައެކަނި ނަމެވެ.

މިސްރުގައި ކިޔަވާވިދާޅުވާން ހުންނެވިއިރު މައުމޫނަށް ޕެލޭ އާއި ބްރެޒިލްގެ ޓީމުގެ މޮޅުކަމުގެ ވާހަކަތައް ރޭޑިއޯ އިން އިވިވަޑައިގަންނަވަ އެވެ. އެހެންވެ މިސްރާއި ސީރިއާ އެކުވެގެން އުފައްދާފައި އޮތް ޔުނައިޓެޑް އެރެބް ރިޕަބްލިކުން، އޭރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ދެކެވަޑައިގަތުމަށް އުމުރުފުޅުން 23 އަހަރުގެ ޒުވާން މައުމޫން ބޭނުންފުޅުވީ އެވެ. އެކަމަކު އެކަން ކުރެއްވުނީ "ބަނޑުން ހަމެއް ދުއްވާލައިގެން"ނެވެ.

ފުރަތަމަ ކަމަކީ ސިޑިބަރިން އެންމެ އަގުހެޔޮ ޓިކެޓުގެ އަގު، މައުމޫން ފަދަ "ޕޮކެޓް" މަނީން ދިރިއުޅުއްވާ ދަރިވަރަކަށް ގަނެވޭ ވަރަށް ވުރެ ބޮޑުވުމެވެ. އެކަމަކު، އަނެއް ދެ ދުވަހު ނުކައި ހުންނަން ޖެހުނު ނަމަވެސް، މައުމޫން ޓިކެޓް ނެންގެވި އެވެ. އަނެއް ކަމަކީ، ރަނގަޅު ހިސާބަކުން ޖާގަ ހޯއްދެއްވުމަށްޓަކައި، ވަރަށް ކުރިން ދަނޑަށް ވަންނަން ޖެހިވަޑައިގަތުމެވެ. މެންދުރުފަހު 3 ޖެހިއިރު ފެށި މެޗަށް މައުމޫން ހެނދުނު 9 ޖެހިއިރު ދަނޑަށް ވެދެވަޑައިގަތެވެ.

"އެހާ ކުރިން ވަނީމާ ކިރިޔާ ވެސް ރަނގަޅު ހިސާބަކުން ޖާގައެއް ލިބުނީ،" މައުމޫން އެ ދުވަހުގެ ހަނދާންތައް އާކުރެއްވި އެވެ.

ބްރެޒިލް 3-1 އިން މޮޅުުވި މެޗުގައި ޕެލޭ ލަނޑެއް ވެސް ޖެހި އެވެ. އެ ދުވަހު މައުމޫނަށް ފެނިވަޑައިގަތީ ހަމައެކަނި ޕެލޭގެ މޮޅު ކުޅުމެއް ނޫނެވެ. ޑްރިބިލިންގައި އެފަދަ ދެ ވަނަ އެއް ނެތް ގަރިންޗާ އާއި އާއި ކުޅަދާނަ ގޯލްކީޕަރު ގިލްމާ އަދި ހުނަރުވެރި ވާތު ބެކް ނިލްޓަން ސަންތޯސް ފަދަ ތަރިންގެ ކުޅުން ދެކެވެޑައިގަތެވެ.

"ވަރަށް ބޮޑު އުފަލެއް ލިބުނު. އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ދެކެނީ ވެސް،" މައުމޫން "މިހާރު" އަށް އިއްޔެ ވިދާޅުވި އެވެ.

ބިޔަބޮޑު ސްޓޭޑިއަމުގައި އެތައް ހާސް މީހުންގެ ތެރޭގައި އެކަނިމާއެކަނި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް، ބިރެއް، ސިހުމެއް، ޖެހިލުންވުމެއް ނެތެވެ. އެ މަނިކުފާނު ހުންނެވީ ޕެލޭ އާއި ބްރެޒިލްގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހިވަޑައިގެންފަ އެވެ.

"އެއީ ބްރެޒިލް ވަރަށް މޮޅަށް ކުޅުނު މެޗެއް،" މައުމޫން ވިދާޅުވި އެވެ. "ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު މެޗު ފެނުމުން."

ގައުމީ ޓީމުގެ މެޗަކަށް ވަޑައިގެން ރައީސް މައުމޫން (ކ) ރައީސް ނަޝީދުއާ އެކު ސެލްފީއެއް ނަންގަވަނީ.

ގައުމީ ޓީމުގެ މެޗަކަށް ވަޑައިގެން ރައީސް މައުމޫން (ކ) ރައީސް ނަޝީދުއާ އެކު ސެލްފީއެއް ނަންގަވަނީ.

ކްރިކެޓް ކުޅުއްވައި އެ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ނަމަވެސް މައުމޫން އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެ މަނިކުފާނު އެންމެ ބައްލަވާ ހިތްވަނީ ފުޓްބޯޅަ ކަމެވެ. ފަހަރުގައި އޭގެ އަސްލަކީ ބްރެޒިލް ފަދަ ވަރުގަދަ ޓީމެއްގެ ކުޅުން ފެނިވަޑައިގަތުމެވެ. ފުޓްބޯޅަ އަށް އެހާ ބޮޑަށް ގަޔާވެވަޑައިގަންނަވާ ބޭފުޅަކު، 1978 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވުމުގެ ފައިދާ ދިވެހި ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ކުރި އެވެ. ޖެހިގެން އައި އަހަރު ގައުމީ ފުޓްބޯޅަ ޓީމެއް އެކުލަވާލައި ބޭރު މުބާރާތެއްގައި ރާއްޖޭން ވާދަކުރި އެވެ. އަދި 1982 ވަނަ އަހަރު ރާއްޖޭގައި ފުޓްބޯޅަ އެސޯސިއޭޝަނެއް އުފެދި ފީފާގައި ބައިވެރިވި އެވެ.

އެމަނިކުފާނު އޭރު މާލޭގައި ބާއްވާ ފުޓްބޯޅައިގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންނެވި އެވެ. ވިކްޓްރީން 1985 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރުމުން އެ ޓީމުގެ ކެޕްޓަން ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާ ތަށި ހަވާލުކޮށްދިނުމުން ފެށިގެން، ނިއު ރޭޑިއަންޓް 7-0 އިން ބަލިކޮށް ވެލެންސިއާ އިން 1993 ގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި އުފުލާލުމުން ކެޕްޓަން މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) އަށް ތަށި ހަވާލުކޮށްދެއްވީ ވެސް، ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނެވެ.

ދިވެހި ފުޓްބޯޅައިގެ ހާލަތު އޭރު އޮތް އޮތް އެންމެ ބޮޑަށް އެނގިގެން ދިޔަ މެޗު ކަމަށްވާ، 1984 ގައި ކޮޅުނބުގެ ސުދަތަދާސަ ސްޓޭޑިއަމުގައި ސްރީ ލަންކާ އިން ރާއްޖެ 5-1 އިން ބަލިކުރި މެޗު ބައްލަވާލައްވަން ވެސް މައުމޫން ސްޓޭޑިއަމުގައި ހުންނެވި އެވެ.

އެ ހާލަތު ބަދަލުކުރުމަށްޓަކައި، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) ގެ ނަމުގައި 1987 ވަނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ކްލަބް މުބާރާތެއް ފެށި އެވެ. ސަރުކާރުން ހަރަދުދީގެން، ބޭރުގެ ދެ ޓީމެއް ގެނެސް ރާއްޖޭގެ ގަދަ ހަތަރު ޓީމާ އެކު އެ ފެށި އެ މުބާރާތާ އެކު ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. ފުރަތަމަ ދެ އަހަރު ލަންކާ ކްލަބްތަކުން ތަށި ނެގި ނަމަވެސް ތިން ވަނަ އަހަރު ވިކްޓްރީން ޗެމްޕިއަންކަން ހޯދައި މަންޒަރު ބަދަލުކޮށްލި އެވެ.

ކުޑަމޫސަ (ކ) އަށް މައުމޫން އައްޑަނައެއް ހަވާލުކޮށްދެއްވަނީ.

ކުޑަމޫސަ (ކ) އަށް މައުމޫން އައްޑަނައެއް ހަވާލުކޮށްދެއްވަނީ.

ނަތީޖާއަކަށްވީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ލަންކާ 1-0 އިން ބަލިކޮށް ރާއްޖެ ފައިނަލަށް ގޮސް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރިހި މެޑެއްޔެއް ހޯދުމެވެ. އެ ފިޔަވަޅު މަތިން ގޮސް، ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދި އެވެ.

މައުމޫނުގެ ހާޒިރުގައި، ސުގަތަދާސަ ސްޓޭޑިއަމުގައި ލަންކާ އަތުން ބަލިވެ ދިވެހި ފުޓްބޯޅަ ފުނުގައި ޖެހުނު ޖެހުނު ޖެހުމުން އަރައިގަނެ، ގަދަފަދަ އިންޑިއާ ބަލިކޮށް ހަމަ އެ ސްޓޭޑިއަމުގައި، ދެކުނު އޭޝިއާ ފުޓްބޯޅައިގެ ކުންނަށް ދިވެހި ފުޓްބޯޅަ އެރިއިރު އެ މެޗު ބައްލަވަން ވެސް މައުމޫން ހުންނެވި އެވެ. މެޗަށް ފަހު ކުޅުންތެރިން ރޮސްޓަރަމް އަށް އަރައި މައުމޫންއާ ތަށި ހަވާލުކުރި އެވެ. އެ ކުޅުންތެރިންގެ ނަޒަރުގައި އެ ތަށީގެ ހައްގުވެރިޔަކީ އެމަނިކުފާނެވެ.

ވެރިކަން ނިމުނު ފަހުން 2009 ގައި ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ ކުޅުނު މެޗު ބައްލަވާލަން ވެސް އެ މަނިކުފާނު ވަޑައިގެންނެވި އެވެ. އަދި މިހާރު ރިޓަޔާ ކުރައްވައިގެން ހުންނެވުމާ އެކު ވަގުތު ލިބިވަޑައިގަންނަވާތީ އެ މަނިކުފާނު ވަރަށް ބޮޑަށް ފުޓްބޯޅަ ބައްލަވަ އެވެ. ހާއްސަކޮށް 1960ގެ އަހަރުތަކުން ފެށިގެން މައުމޫން ސަޕޯޓް ކުރައްވާ އިންގްލެންޑުގެ ލިވަޕޫލުގެ މެޗުތަކެވެ. އެ ޓީމުގެ މެޗުތަކަށް ފަހު ޖަޒުބާތަކާއި އިހުސާސްތައް ޓްވިޓާގައި ބަންޑުންކުރައްވަ އެވެ. އަދި ސަޕޯޓަރުންގެ ވައިބާ ގްރޫޕުގައި ޒުވާނުންނާ ބައިވެރިވެވަޑައިގެން، ކާމިޔާބާއި ނާކާމިޔާބީތަކުގެ އިހުސާސްތައް ހިއްސާ ކުރައްވަ އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާ އެކު މައުމޫން ގްރޫޕް ފޮޓޯއެއްގައި.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާ އެކު މައުމޫން ގްރޫޕް ފޮޓޯއެއްގައި.

މައުމޫން ފަދަ އިއްޒަތްތެރިއަކު، ޒުވާނުން ފުޓްބޯޅައިގައި ފޯރި ނަގާ ގްރޫޕެއްގައި އުޅުއްވަފާނެ ކަމަކަށް ބައެއް ސަޕޯޓަރުން ގަބޫލެއް ނުވެސް ކުރެ އެވެ. ރައީސް މައުމޫންގެ ނަމުގައި ނަމްބަރެއް ފެނުމުން ފުރަތަމަ ގިނަ ބަޔަކަށް ބެލެވުނީ އެއީ އެހެން މީހެއް ކަމަށެވެ. އެކަމަކު ފަހުން އެއީ މައުމޫންކަން އެނގުމާ އެކު ގިނަ ސަޕޯޓަރުންނަށް ލިބުނީ ހައިރާންކަމެކެވެ.

"ވައިބާ ގްރޫޕްގައި އެކްޓިވްވާން ފެށީމަ ގްރޫޕްގައި ތިބި މީހުން ރައީސް މައުމޫން ތޯ ޔަގީންކުރަން ބޭނުންވެގެން އެދުމުން ގްރޫޕަށް ފޮނުއްވީ ސެލްފީއެއް. އެ ހިސާބުން ގިނަ ސަޕޯޓަރުންނަށް ޔަގީންވީ އެއީ ރައީސް މައުމޫން ކަން،" ލިވަޕޫލް ސަޕޯޓަރުންގެ ކްލަބްގެ ޗެއާޕާސަން ބައްސާމް ރަޝީދު ބުނެފައިވެ އެވެ.

އެ ފަހުން، ޑިސެމްބަރު، 2018 ގައި ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗު، އެ ގްރޫޕުގެ މެމްބަރުންނާ އެކު ސޯލްޓް ކެފޭގައި ބޮޑު ސްކްރީނުން ބައްލަވަލެއްވި އެވެ. އެއީ މައުމޫން ދެއްވި ހިޔާލުފުޅަކަށް އެމަނިކުފާނުގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ.

މައުމޫން ހުންނަވަނީ ލިވަޕޫލުގެ އެފަދަ ކޮންމެ ހަރަކާތަކަށް ބައްލަވަބައްލަވަ އެވެ. އެގޮތުން ފެބްރުއަރީ 2020 ގައި ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ރާއްޖެ ގެނެސް އޭނާއާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބޭއްވި ހަރަކާތުގައި، ވެސް މައުމޫން ބައިވެރިވެވަޑައިގަތެވެ.

"ރޭގެ މެޗުގެ ވާހަކަ ނާއްސަވާނަންތޯ؟،"

މިލާން ކްރިކެޓް އެކަޑަމީން ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކްރިކެޓުގެ ހިދުމަތުގެ މެޑަލް އެރުވުމަށް 2018 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އޭގެ ކުރީ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗަށް އިޝާރާތްކުރައްވައި ނޫސްވެރިއެއް ގާތު މައުމޫން އެއްސެވި އެވެ. ކްރިކެޓުގެ ހަރަކާތެއްގެ ތެެެރެއިން ވެސް ފުޓްބޯޅައިގެ ވާހަކަ ދައްކަވަން އެ މަނިކުފާނު ހުންނެވީ ބޭނުންފުޅުވެފަ އެވެ.

މައުމޫން (ވ) އަށް ލިވަޕޫލް ސަޕޯޓާސް ގްރޫޕުގެ ސިމާ ހަދިޔާއެއް ދެނީ.

މައުމޫން (ވ) އަށް ލިވަޕޫލް ސަޕޯޓާސް ގްރޫޕުގެ ސިމާ ހަދިޔާއެއް ދެނީ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތައް ވެސް މައުމޫން ގަވާއިދުން ބައްލަވަ އެވެ. ހާއްސަކޮށް ސަޕޯޓްކުރައްވާ ބްރެޒިލްގެ މެޗުތަކެވެ. އަދި އަރަބި އިސްލާމީ ގައުމުތައް ކުޅޭ މެޗުތައް ވެސް މެ އެވެ.

"ދަންވަރު މެޗު ބަލާފައި ނިދަން ކޮޓަރިއަށް ވަދެވޭއިރު ހުންނަނީ 2:30 ވެފައި. އެކަމަކު ވެސް މެޗުތައް ބަލަން،" މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ބްރެޒިލްގެ ފަހަރެކެވެ. އަމުދުން ދެ ވަނަ ބުރުގައި ދެކުނު ކޮރެއާ އަތުން 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި ދެއްކި ކުޅުމުން އެ ޔަގީންކަން ބޮޑުވެއްޖެ އެވެ.

"ހާދަ މޮޅޭ އެ ކުޅުން. ވަރަށް ނަލަ،" މައުމޫން ވިދާޅުވި އެވެ.

އެ ކުޅުމާ އެކު މައުމޫނުގެ ހަނދާންތައް އެ މަނިކުފާނު ގެންދެވީ، 1961 ވަނަ އަހަރު މިސްރުގައި ބްރެޒިލުން، ހަމަ އެހާމެ ނަލަ ކުޅުމެއް ދެއްކި މެޗަށެވެ.