Roadha Mihaaru
ކެންސަރު ބަލީގައި ޕެލޭ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ

ކެންސަރު ބަލީގައި ޕެލޭގެ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ

03 ޑިސެމްބަރ 2022

ސައު ޕޯލޯ (ޑިސެމްބަރު 3) - ފުޓްބޯޅަ ލެޖެންޑް ޕެލޭ ކެންސަރު ބަލީގައި ވަރަށް ބޮޑަށް ހާލު ގޯސްވެއްޖެ އެވެ.

ސައު ޕޯލޯ (ޑިސެމްބަރު 3) - ފުޓްބޯޅަ ލެޖެންޑް ޕެލޭ ކެންސަރު ބަލީގައި ވަރަށް ބޮޑަށް ހާލު ގޯސްވެއްޖެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ޕެލޭ ދަނީ ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބްރެޒިލްގެ މީޑިއާތައް ބުނާ ގޮތުން ޕެލޭ، 82، ގެ ހާލު ދެރަވެގެން ކީމޯ ތެރަޕީ އަށް ވެސް މިހާރު ނުގުޑަ އެވެ. އޭނާ އަށް ފަރުވާ ދެނީ އެންމެ ފަހު މަރުހަލާގައި ފަރުވާދޭ ޔުނިޓުގަ އެވެ. ބްރެޒިލްގެ ސައުޕޯލޯގައި ހުންނަ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުގައި ޕެލޭ އަލުން އެޑްމިޓް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބްރެޒިލަށް ތިންފަހަރު ވޯލްޑް ކަޕް ހޯދައިދިން ކުރީގެ ފޯވާޑްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާގެ އާއިލާއިން އިއްޔެ ބުންޏެވެ. ނަމަވެސް މިއަދު ހާލު އިތުރަށް ގޯސްވަމުން އަންނަ ކަމަށް ބްރެޒިލްގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ދަނީ އޭނާ އަށް އަވަސް ޝިފާ އަށް ހެދި މެސެޖް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ތަރި ކިލިޔަން އެމްބާޕޭ ހިމެނެ އެވެ.

އިންސްޓަގްރާމްގައި އިއްޔެ ޕެލޭ ވަނީ އޭނާ އަށް ހެޔޮ އެދުންތައް ފޮނުވަމުންދާ މީހުންންށް ޝުކުރު އަދާ ކުރާކަމަށް ބުނެފަ އެވެ. އަދި އޭނާ ބުނީ ހޮސްޕިޓަލަށް އޭނާ ދިޔައީ ކޮންމެ މަހަކު އެއްފަހަރު ހޯދަން ޖެހޭ ފަރުވާ އަށް ކަމަށެވެ.

ވޯލްޑް ކަޕުގައި ރޭ ކެމެރޫން އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސަޕޯޓަރުން ވަނީ ޕެލޭ އަށް އިހުތިރާމު އަދާޚުރުމުގެ ގޮތުން އޭނާގެ ޖޯޒީ ރަމްޒުކޮށް ބެނާއެއް ދަމައިފަ އެވެ. ވޯލްޑް ކަޕް ކުރިއަށްދާ ގަތަރުގެ ބިނާއެއްގައި ވެސް ވަނީ ޕެލޭގެ ފޮޓޯ ރަމްޒުވާ ގޮތަށް ލެޒާ އަލި އަޅުވައިފަ އެވެ.

ޕެލޭ އެންމެ ފުރަތަމަ ވޯލްޑް ކަޕް ހޯދީ އޭނާގެ އުމުރުން 17 އަހަރުގައި 1958 ގަ އެވެ. އޭގެ ފަހުން 1962 އަދި 1970 ގައި ވެސް މުބާރާތް ކާމިޔާބު ކުރި އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި އޭނާ ވަނީ 77 ލަނޑު ޖަހައިފަ އެވެ.

ގިނަ ބަޔަކު ޕެލޭ ސިފަ ކުރަނީ ދުނިޔޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގަ އެވެ.