Roadha Mihaaru
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ

ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު ހަވާލުވާން އަންޗެލޮޓީ އެއްބަސްވެއްޖެ

05 ޖުލައި 2023

މެޑްރިޑް (ޖުލައި 5) - ބްރެޒިލްގެ ކޯޗު ކަމާ އަންނަ އަހަރު ހަވާލުވާން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އެއްބަސްވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޖުލައި 5) - ބްރެޒިލްގެ ކޯޗު ކަމާ އަންނަ އަހަރު ހަވާލުވާން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އެއްބަސްވެއްޖެ އެވެ.

ރެއާލްއާ އެކު އަންޗެލޮޓީ ހަދައިފައިވާ އެއްބަސްވުމުގައި އަދި އެއް އަހަރު އެބައޮތެވެ. ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވަނީ އެ އައްބަސްވުން ފުރިހަމަކޮށް ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު ހަވާލުވުމުގެ ފުރުސަތު އަންޗެލޮޓީ އަށް ލިބޭ ގޮތަށް އިންތިޒާމު ހަމަޖައްސައިފަ އެވެ.

އެ އެއްބަސްވުމުގައި އޮންނަ ގޮތުން އަންނަ އަހަރު ޖޫން، ޖުލައިގައި ބާއްވާ ކޮޕާ އެމެރިކާގެ މުބާރާތުން ފެށިގެން ބްރެޒިލްގެ ޓީމާ އަންޗެލޮޓީ ހަވާލުވާނެ އެވެ. އަދި 2026 ގެ ވޯލްޑް ކަޕްގައި ވެސް ބްރެޒިލްގެ ޓީމަށް އޭނާ ކޯޗުކޮށް ދޭނެ އެވެ.

އަންޗެލޮޓީ ކޯޗު ކަމާ ހަވާލުވުމަށް މިއޮތް އަހަރެއްހާ ދުވަހުގެ މުއްދަތުގައި ބްރެޒިލްގެ ޓީމަށް ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ފްލޫމިނެންސްގެ ކޯޗު ފެނާންޑޯ ޑިނިޒް އެވެ. ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރާނީ މެޗެއް ނުވަތަ މުބާރާތެއް އޮންނަ ދުވަސްވަރުގަ އެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި ޓީމު ކުޅޭނީ އޭނާގެ ކޯޗުކަމުގެ ދަށުންނެވެ.

ކާލޯ އަންޗެލޮޓީ އާއި ބްރެޒިލްގެ ވިނީޝިއުސް ރެއާލް މެޑްރިޑްގައި: ބްރެޒިލްގައި ވެސް އަންޗެލޮޓީއާ އެކު ވިނީޝިއުސް މަސައްކަތް ކުރާނެ --- ފައިލް ފޮޓޯ: އޭއެފްޕީ

ކާލޯ އަންޗެލޮޓީ އާއި ބްރެޒިލްގެ ވިނީޝިއުސް ރެއާލް މެޑްރިޑްގައި: ބްރެޒިލްގައި ވެސް އަންޗެލޮޓީއާ އެކު ވިނީޝިއުސް މަސައްކަތް ކުރާނެ --- ފައިލް ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބާ އެކު އޭރުގެ ކޯޗު ޓިޓޭ މަގާމު ދޫކޮށްލުމުން، ބްރެޒިލްގެ ކޯޗު ކަމާ ވަގުތީގޮތުން ހަވާލުވީ އެ ގައުމުގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު ރަމޯން މެނޭޒެސް އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން މި އަހަރު ކުރީކޮޅު ބްރެޒިލުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އެވެ.

ބްރެޒިލްގެ ވަޒީފާ އަކީ ގައުމީ ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުގައި އަންޗެލޮޓީ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަންޗެލޮޓީ ވަނީ 1992-1995 ވަނަ އަހަރާ ދެމެދު އިޓަލީގެ ގައުމީ ޓީމުގައި އެ ގައުމުގެ ލެޖެންޑަރީ ކޯޗު އަރިގޯ ސާޗީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ކްލަބް ފުޓްބޯޅައިގައި ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކޯޗަކީ އަންޗެލޮޓީ އެވެ. އޭނާ ވަނީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ އެންމެ ވާދަވެރި ފަސް ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކޯޗުގެ ޝަރަފު މިދިޔަ އަހަރު ހޯދައިފަ އެވެ.

އަންނަ އަހަރު އޭނާ ރެއާލްގެ ކޯޗުކަން ދޫކޮށްލުމުން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވާނެ ކަމަށް ބެލެވެނީ އެ ކްލަބްގެ ޒުވާން ޓީމުގެ ކޯޗު ރައުލް ގޮންޒާލޭޒް އެވެ.