Roadha Mihaaru
އަންޗެލޮއްޓީގެ ޝައުގެއް ބްރެޒިލް ޓީމަކަށް ނެތް

ބްރެޒިލަށް އަންޗެލޮއްޓީގެ ޝައުގެއް ނެތް، ރެއާލްގައި މަޑުކުރާނެ

20 ޑިސެމްބަރ 2022

މެޑްރިޑް (ޑިސެމްބަރު 20) - ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަން އޭނާ އަށް ހުށަހަޅާފައި އޮތް ނަމަވެސް، ވިސްނުމަކީ ރެއާލް މެޑްރިޑުގައި ދެމިހުރުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

މެޑްރިޑް (ޑިސެމްބަރު 20) - ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަން އޭނާ އަށް ހުށަހަޅާފައި އޮތް ނަމަވެސް، ވިސްނުމަކީ ރެއާލް މެޑްރިޑުގައި ދެމިހުރުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

ނިމިދިޔަ ވޯލްޑް ކަޕުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު ބްރެޒިލްގެ ކޯޗު ޓީޓޭ މަގާމުން އިސްތިއުފާ ދިނުމުން އެ ޓީމުން އަންނަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗަކު ހޯދަން މަސައްކަތް ކުރަމުންނެވެ.

ބްރެޒިލްގެ ފެޑެރޭޝަނުން ހުށަހަޅި ހުށަހެޅުމާ ބެހޭގޮތުން އިޓަލީގެ ރޭޑިއޯއަކުން ކުރި ސުވާލަށް ޖަވާބު ދެމުން އަންޗެލޮއްޓީ ބުނީ ޖޫން 2024 ގެ ނިޔަލަށް އޭނާ ހުންނާނީ ރެއާލްގައި ކަމަށެވެ.

"އަހަންނަކަށް ނޭނގޭ ކުރިމަގުގައި ވާނެ ގޮތެއް. މި ވަގުތު އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ މެޑްރިޑަށް. އަހަރެން މި ތަނުގައި މިހުރީ އުފަލުން. ވަރަށް ގިނަ ޓާގެޓްތަކެއް އަހަރެމެންގެ އެބަހުރި،" އަންޗެލޮޓީ ބުންޏެވެ.

"ރެއާލް މެޑްރިޑުން އަހަރެން މަގާމުން ވަކި ނުކުރާހާ ހިނދެއްގައި ޖޫން 30 2024 އާ ހަމަ އަށް އަހަރެން މި މަގާމުގައި ހުންނާނަން."

އަންޗެލޮޓީ ވަނީ 1990 ގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި އިޓަލީ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ބްރެޒިލް އަތުން 1994 ގެ ވޯލްޑް ކަޕުގެ ފައިނަލުން އިޓަލީ ބަލިވިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ ކުރި މަސައްކަތަށް އަންޗެލޮއްޓީ ވަނީ ތައުރީފް ކޮށްފަ އެވެ.

"އޭނާ ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި. އާ ސްޓްރެޓަޖީއެއް ނުގެންގުޅެ ކުޅުންތެރިން މަގާމުތަކަށް ލުމަށް ފަހު އޭނާ އިތުރު ކުރީ އޯގަނައިޒް ޑިފެންސިވް ސިސްޓަމެއް،" އަންޗެލޮއްޓީ ބުންޏެވެ.

ވޯލްޑް ކަޕަށް މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު އަލުން ފަށައިގެން ރެއާލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 30 ގަ އެވެ. ލީގާއި ޗެމްޕިއަންސް ލީގު ދިފާއު ކުރަން ނުކުންނަ ކްލަބް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ދެ ޕޮއިންޓްގެ ލީޑަކާ އެކު އެއް ވަނައިގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ.