Roadha Mihaaru

ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން، ރައީސް ޑރ.،މުހައްމަދު މުއިއްޒު ޕީއެންސީ ޕާލަމެންޓްރީ ގްރޫޕާ ހިއްސާ ކުރައްވައިފި އެވެ.

ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން، ރައީސް ޑރ.،މުހައްމަދު މުއިއްޒު ޕީއެންސީ ޕާލަމެންޓްރީ ގްރޫޕާ ހިއްސާ ކުރައްވައިފި އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް މުއިއްޒު އެ ހިޔާލު ފާޅުކުރެއްވީ މެންބަރުންގެ ހިޔާލު ހޯއްދަވާ މޭރުމުން ކަމަށެވެ. ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެ މެމްބަރު ވިދާޅުވީ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ ހިޔާލު އެގޮތަށް ހުރުމުންނެވެ.

"ކުރީގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުތައް ބޮޑުވެ، ސޯޝަލް މީޑިއާގައި ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެ ވާހަކަތަކަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވީ އެއީ ފެނިވަޑައިގަންނަވާ ކަމެކޭ،" މެންބަރު ވިދާޅުވި އެވެ.

ރައީސް އެކަން ޕީޖީ ގްރޫޕުގެ މެމްބަރުންނާ ހިއްސާ ކުރެއްވީ ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި ނޫން ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.

ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ. އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ. މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް އެވެ.