ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވުމާ އެކު، އެ މަނިކުފާނަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެ، މަލާމާތްތައް ކުރިމަތިވެއްޖެ އެވެ.
20 އެޕްރީލް 2021
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވުމާ އެކު، އެ މަނިކުފާނަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެ، މަލާމާތްތައް ކުރިމަތިވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ރޭ ފޮނުއްވި އެސްއެމްއެސްއެއްގައި ވާ ގޮތުން ނަޝީދު ބޭނުންފުޅު ވަނީ ގައުމު ހިންގުމުގައި އަމަލީ ގޮތުން އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާށެވެ. އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގެން "ބާކީ ވެގެން" ދުރުގައި ހުންނަވަން ބޭނުންފުޅެއް ނޫނެވެ.
އެއް ބައެއްގެ ނަޒަރުގައި އެ މަނިކުފާނު ވެރިކަމަށް ދަހިވެތިވެ، ވެރިކަމުގެ "މަސްތުގައި" ޖެހިވަޑައިގެންފައި ހުރިކަން މިހާރު ވަރަށް ސާފެވެ. ވެރިކަމުގެ ތެރޭގައި ނަޝީދުގެ ބާރުވެރިކަން އޮންނަން ބޭނުންވާ ކަން އެ މެސެޖުން ވަރަށް ސާފު ކަމަށް ބައެއް މީހުން އެކި ފޯރަމްތަކުގައި ބުނެފައި ވެ އެވެ.
ނަޝީދުގެ އެންމެ އަރިސް އަދި އެކުވެރި ބޭފުޅާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިވީ އަހަރުތަކުގައި ނަޝީދުގެ ނުފޫޒު އެކި ކަންކަމަށް ފޯރުއްވައި، ސަރުކާރާ ގުޅޭ ކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުން ބޭނުން ކުރައްވައިގެން ބަސްފުޅު ވިދާޅުވާ ތަން އާންމެވެ. ބައެއް ފަހަރު ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކަންކަމުގައި ވެސް މަޖިލީހުގައި ފާޑުވިދާޅުވެ، ޖަވާބު ވެސް ދެއްވާފައި ވެ އެވެ. ނަޝީދު ވެރިކަން ބޭނުންފުޅުވާ ވަރު އެ ކަންކަމުން ސާފުވާހާ ތިލަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުން ވެރިކަމުގެ ނިޒާމާ މެދު ގޮތް ނިންމާފައި ވަނިކޮށް، މިހާރު ކުރަން އުޅޭ މަސައްކަތަކީ ބަޣާވާތެއް ކަމަށެވެ.
ކޮންމެ ގޮތެއް ހަދާފައި ވެސް ނަޝީދު ބޭނުންފުޅު ވަނީ އެ މަނިކުފާނާއި ނަޝީދުގެ ބައިވެރިންނަށް ވެރިކަމަށް ފަސޭހައިން އާދެވޭނެ ނިޒާމެއް ގެންނަންކަން މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަތަކުން ވެސް އެނގެ އެވެ. ރާއްޖޭގެ އެތައް ރައްޔިތުންނެއްގެ ބޮޑު ޕަސެންޓެއްގެ ތާއީދާ އެކު ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަން ނިންމާފައިވީ ނަމަވެސް ރައްޔިތުންގެ ބައިވެރިވުމެއް އެކަމުގައި ބޭއްވުމުގެ ވާހަކަ "ހޫނުފެނަށް" ވެއްޓުމުން ނަޝީދު އިއްޔެ ވިދާޅުވީ ގޮތް ހުސްވެގެން ކަމަށް އާންމުން ގަބޫލުކުރެ އެވެ. ގައިމު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ފޮނުއްވި އެސްއެމްއެސްގައި ރައްޔިތުންގެ ބައިވެރިވުމާ އެކު ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލާ ވާހަކައެއް ނެތެވެ.
އޭގައި އޮތީ ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލާ ގޮތަށެވެ. އަދި އެ އަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅަން ވާނީ ނަޝީދުގެ އެސްއެމްސްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ.
ރައްޔިތުންގެ ބައިވެރިވުމާއެކު، ގޮތް ނިންމާ ވާހަކަ ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ އެސްއެމްއެސްއާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހެން ވިސްނުންފުޅެއްގައި އާންމުންނަށް ޖަވާބުދާރީވުމުންނެވެ. ރައީސް ވިދާޅުވީ، ވެރިކަން ކުރާ ނިޒާމު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވާތީ، އެ ނިޒާމަށް ދެން ވެސް ބަދަލެއް ގެންނަ ނަމަ އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.
ރައީސްގެ އެ ޖަވާބާއެކު، ނަޝީދުގެ ވެސް ވިސްނުންފުޅަކީ އެއީ ކަމަށް ވިދާޅުވެ، ސަޕޯޓަރުންނަށް "ގޯލް" ޖެއްސެވީ އެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއިލް (އިބްރާ) ވަނީ ނަޝީދު އުޅުއްވަނީ "ފަޔަށް ހިނި އަރައިގެން" ކަމަށް ސިފަ ކުރައްވައިފަ އެވެ.
އިބްރާ "މިހާރު" އަށް ވިދާޅުވީ އޭރުގެ ސިޔާސީ މަސްރަހު، އޮތް ގޮތުން ވެރިކަން ބަދަލުކުރެވޭނެ ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށް އޭނާ އަށް ވެސް ގަބޫލު ކުރެއްވުނު ކަމަށެވެ. އެކަމުގައި އާންމު ވޯޓާ ހިސާބަށް ދިޔައިރު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވީ ތަފާތު އެކި މަންޒަރުތައް ފެނިވަޑައިގަތުމުން ކަމަށް އިބްރާ ވިދާޅުވި އެވެ.
"އޭގެ ފަހުން މި ފެނުނު މަންޒަރުތަކުން މި ދިވެހިރާއްޖެ އަށް ވަރަށް ނުރައްކާތެރި ނިޒާމެއް ބަރުލަމާނީ ނިޒާމަކީ. އޭރުގަައި، އެ ނިޒާމުގަ ވޯޓާ އެއްޗެހި ނަގާފައި ގާނޫނުއަސާސީ ހެދިއިރުގައި ވަރަށް ގިނަ ގައުމުތަކުގެ ގާނޫނުއަސާސީ ބަލައި ދިރާސާކޮށްގެން ހެދީ،" ނަޝީދު ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުވިދާޅުވާ އިބްރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިއިރުގައި އަސްލު ބަރުލަމާނީ ނިޒާމަކީ ވަކި ސަގާފަތެއްގެ ތެރެއިން ނޫނީ ގެނެވޭނެ އެއްޗެއް ވެސް ނޫން."
ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ: ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށްފި ނަމަ މަހުޖަނުންގެ އަތްދަށަށް ގައުމު ހިނގައިދާނެ ކަމަށް އިބްރާ ދެކެވަޑައިގަންނަވާ.
އޭނާ ވިދާޅުވިގޮތުގައި، ބަރުލަމާނީ ނިޒާމަކީ ރަސްކަމަކަށް ފަހު، ޑިމޮކްރަސީއެއް ގެނައުމަށް ބޭނުންކުރާ ނިޒާމެކެވެ.
"އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ، އެއީ ދެން ބަރުލަމާނީ ނިޒާމު ފެށުނީއްސުރެ ހުރި ތަންތަން. އެ ތަންތަނުގައި ވެސް މިހާރު ބަހުސް ކުރެވެމުން އެ ދަނީ ބަރުލަމާނީ ނިޒާމު ދޫކޮށްލާފައި، މޮޑިފައިޑް އެހެން ނިޒާމަކަށް ބަދަލުވާން،" ދުނިޔޭގެ ތަޖުރިބާގެ އަލީގައި އިބްރާ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމުގެ ނުރައްކަލަކީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކަށް ހުދު މުހުތާރުވުމުގެ ފުރުސަތު އިންތިހާ އަށް އޮތުން ކަމަށް އިބްރާ ވިދާޅުވި އެވެ. ހުރިހާ ބާރެއް މަސްހުނިވެ، މަޖިލީހަށް ބާރުތައް ލިބޭއިރު އެތަނުގެ ވެރިއަކަށް ހުންނާނީ އެންމެ ބޭފުޅެއް ކަމުން، އެކަމުގެ ނުރައްކާ ފެނިދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކަންކަން ވަމުން އަންނަ ގޮތަށް ބަލައި، އޭނާ ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ޖެހޭނީ 40 މީހުން ގަންނާށެވެ. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުން، ރާއްޖޭގެ މަހުޖަނުން ގޮސް، މަޖިލީހުގެ މެޖޯރިޓީ ގަތުމާއެކު، ގައުމު ހިނގާނީ ހައެއްކަ މަހުނަޖުން ބޭނުންވާ ގޮތަށް ކަމަށް އިބްރާ ދެކެވަޑައިގަންނަވަ އެވެ.
"ހައެއްކަ މުއްސަނދިން މުޅި ދައުލަތުގެ ހުރިހާ އެއްޗެއް ހިފަހައްޓައިގެން ތިބޭނީ. މިހާރު ރިޔާސީ ނިޒާމުގައި އަޅުގަނޑުމެންނަށް މަޖިލީހުން ވެސް ފެނޭ ނޫންތޯ ކޮންމެ ވެސް ބަޔަކު އަޑުގަދަކޮށް، ކޮންމެވެސް ވުޒާރާއެއްގައި ކަމެއް ގޯސްކޮށް ހިނގަނީއޭ ކިޔާތަން،" އިބްރާ ވިދާޅުވި އެވެ.
"ދެން މަޖިލީހުގެ ތެރޭގައި ގަންނަ ގަނޑު މަޖިލީހުގެ ތެރޭގައި ވެސް ދައްކާނެ މީހަކު ނޫޅޭނެ ނޫންތޯ."
އެއްް ގޮތަކަށް ވެސް ރާއްޖެއަށް ގެންނަން ހެޔޮވާ ވަރު އެއްޗެއް ނޫން ބަރުލަަމާނީ ނިޒާމަކީ - އިބްރާ
ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅައިލާ ނަމަ މުޅި ގާނޫނުއަސާސީ ބަދަލު ކުރަން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވި އެވެ. ސަބަބަކީ މިހާރުގެ ގާނޫނުއަސާސީގައި ބޮޑަށް ބަޔާން ކޮށްފައި އޮތީ ރިޔާސީ ނިޒާމަކުން ވެރިކަންކުރާ ގޮތަށް ކަމަށް ވާތީ އެވެ. އަނެއްކާވެސް އެއީ ބުރަ، ބޮޑު ކަމަކަށް ވާނެ އެވެ.
އިބްރާގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް، ރައީސް ނަޝީދުގެ ވިސްނުންފުޅާ ދެކޮޅު ހައްދަވަ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ހިންގާ ރިޔާސީ ނިޒާމަށް ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ދީފައިވާ ކަމަށެވެ. "ވެރިކަމުގެ ނިޒާމު އިރުއިރުކޮޅަކުން ބަދަލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.
ކުރީގެ ތިން ރައީސުން (ކ-ވ) މައުމޫން، ނަޝީދު އަދި ވަހީދު
ވަހީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހެނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަވަން ޖެހޭތީއެއް ނޫނެވެ. އެފަދަ ބަދަލެއް ގެންނަން ޖެހޭނީ އެކަމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން ކަމަށް ވަހީދު ވިދާޅުވެ އެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ވެރިކަމުގެ ނިޒާމުގެ ބަހުސް އޮތީ މާކުރިން ނިމިފައި ކަމަށެވެ. ރައްޔިތުން ވެރިކަމުގެ ނިޒާމާ މެދު ގޮތް ނިންމާފައިވުމުން، މިހާރު ކުރަން އުޅޭ މަސައްކަތަކީ ބަޣާވާތެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ބަސް މި ހާލަތުގައި ހޯދުމަށް މިޑް ޓާމް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީން އިންތިހާބުވި ގޮތާ ހިލާފަަށް ރައްޔިތުންނަށް ގޮންޖަހާ ނަމަ، ޑިމޮކްރަސީގައި އޮންނާނީ އަވަސް އިންތިހާބަކަށް ގޮސް ރައްޔިތުންގެ ބަސް ހޯދުން. ރައީސް ޔާމީނަށް ބައިވެރިވެވޭ ގޮތަށް އިންކްލޫސިވް މިޑް ޓާމް ރިޔާސީ އިންތިހާބެއް ބާއްވަން ވާނީ،" ޖަމީލް ވިދާޅުވެ އެވެ.
ކުރީގެ ނައިބު ރައީސް ޖަމީލް، ޕީޕީއެމްގެ ބައްދަލުވުމެއްގައި: ބަރުލަމާނީގެ ބަހުސް ގަދަވެފައިވާއިރު، އެކަމުގައި ގޮތެއް ނިންމަން މިޑްޓާމް އިލެކްޝަނަކަށް ދާން ޖެހޭނެ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
ބައެއް އާންމުންނެކޭ އެއްގޮތަށް މި މައްސަލައިގައި އިދިކޮޅުގެ ބައެއް އިސްވެރިން ވެސް ވަނީ ނަޝީދަށް ފާޑުވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ވަކިކުރި، މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެ ޕާޓީ ތަމްސީލު ކުރައްވަމުން ނަޝީދު ވަނީ "ރީތި ބަހުން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ. އަދި ވެރިކަން ހަވާލުކުރުމަށް އެދިވަޑައިގަތުމަކީ ވެރިކަމަށް "ފެންބޮވައިގެންފައި" ހުންނެވުމުގެ ނަތީޖާ ކަމަށް މަލީހް ވިދާޅުވި އެވެ.
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް: ނަޝީދަކީ ވެރިކަމަށް ފެންބޮވައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި.
ގިނަ ބަޔަކު ހިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވިދާޅުވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމުން، އެ ނިންމުން ބަދަލުކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ.
ސިޔާސީ މަންފާއެއް ހޯދުމަށް ނަޝީދުކުރާ ކަމެއްގެ ގޮތުގައި އެއް ބަޔަކު މިކަން ސިފަކުރާއިރު އަނެއް ބަޔަކު ބުނަމުންދަނީ މިއީ ހަމަ ކުޅޭ "ގޭމް" އެއް ކަމަށެވެ.
ނަޝީދުގެ ވިސްނުންފުޅާ މައުމޫނު، ވަހީދު ދެކޮޅު
މައުމޫންގެ ޓުވީޓާއެކު، ނަޝީދު ރަތަށް
މޯކޮމް މައްސަަލައިގެ ރިޕޯޓް ވަހީދު ފޮރުވިކަމުގެ ތުހުމަތު
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
އަޅުގަނޑެއް މަޖިލީހެއް ނުހުއްޓުވާނަން: ރައީސް
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު