Roadha Mihaaru
ރިޗާލިސަން؛ ސައިކޮލޮޖިކަލް އެހީއަށް ބޭނުން ވެފައި

ރިޗާލިސަން؛ ސައިކޮލޮޖިކަލް އެހީ އަށް ބޭނުން ވެފައި

14 ސެޕްޓެމްބަރ 2023

ރިއޯ ޑި ޖެނީރޯ (ސެޕްޓެމްބަރު 14) - ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ބްރެޒިލް ފޯވާޑް ރިޗާލިސަން، އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި އިންގްލެންޑަށް ގޮސް ސައިކޮލޮޖިލަލް އެހީ ހޯދާނެ ކަން ހާމަ ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިއޯ ޑި ޖެނީރޯ (ސެޕްޓެމްބަރު 14) - ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ބްރެޒިލް ފޯވާޑް ރިޗާލިސަން، އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި އިންގްލެންޑަށް ގޮސް ސައިކޮލޮޖިލަލް އެހީ ހޯދާނެ ކަން ހާމަ ކޮށްފި އެވެ.

ބްރެޒިލް އިން އާދިއްތަ ދުވަހު 5-1 އިން ބޮލީވިއާ ބަލިކުރި މެޗުގައި ބަދަލު ކުރި ވަގުތު ފެންކަޅި ވެފައި ހުރުމުން މީޑިއާގައި ވަނީ އޭނާއަށް ސަމާލުކަން ލިބިފަ އެވެ.

ރިޗާލިސަން ބުނީ އޭނާ އަށް އެވަގުތު ހަނދާންވީ ދަނޑު ބޭރުގައި އޭނާ ތަހަންމަލް ކުރަމުން ގެންދާ ކަންކަން މަތިންނެވެ. މިދިޔަ އަހަރު ޓޮޓެންހަމަށް ބަދަލުވެ މިހާތަނަށް ކުޅުނު 40 މެޗުން ފަސް ގޯލު ޖެހި ކުޅުންތެރިޔާ ބުނީ ފާއިތުވި ފަސްވަރަކަށް މަހު ދަނޑު ބޭރުން އޭނާ އަށް ބައިވަރު ގޮންޖެހުންތައް ކުރިމަތި ވެފައި ވާކަމަށެވެ.

"ދަނޑު ބޭރުން އަހަރެން ވަރަށް އުނދަގޫ ދުވަސްތަކެއް ތަހަންމަލް ކޮށްފިން ފާއިތުވި ފަސް މަސް ދުވަހު. މިހާރު ގޭތެރޭގެ ކަންކަން ކޮންމެވެސް ވަރަކަށް ސްޓޭބަލް. ފައިސާއާ ހެދި އުޅޭ މީހުންނާ މިހާރު އަހަރެން ގުޅުމެއް ނުބާއްވަން،" ބްރެޒިލްގެ ނޫހަކަށް ދިން އިންޓަބވިއު އެއްގައި ރިޗާލިސަން ބުންޏެވެ.

"ކަންކަން ހަމަޔަކަށް އެޅޭ އެބަ. އަހަރެންނަށް ޔަގީން ޓޮޓެންހަމްގައި އަހަރެންނަށް އަދި އަސްލު ކުޅުން ދެއްކޭނެ. އެނބުރި އިންގްލެންޑަށް ގޮސް ސައިކޮލޮޖިސްޓެއް ގާތުން ސައިކޮލޮޖިކަލް އެހީ އަހަރެން ހޯދާނަން. އޭރުން ވެދިޔަ ކަންކަން އަހަރެންގެ ވިސްނުމުން ފުހެލެވޭނީ، އޭރުން ފުޓްބޯޅައަށް އަހަރެންގެ ފުރިހަމަ ސަމާލުކަން ދެވޭނީ."

ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބަދަލުކުރުމުގެ ކުރިން ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އަދި އެންމެ ފަހުން ޕެރޫއާ ދެކޮޅަށް 1-0 އިން ކުރި ހޯދި މެޗުގައި ވެސް އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.

ބްރެޒިލްގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ރިޗާލިސަން ވަނީ އޭނާގެ އެޖެންޓް ރެނާޓޯ ވެލަސްކޯއާ ވެސް ގުޅުން ކަނޑާލައިފަ އެވެ.

"އަހަރެން ހިތާމަކުރީ ގޯސްކޮށް ކުޅެވިގެނެއް ނޫން. އަހަރެން ދެކޭގޮތުގައި ބެލެމްގައި (ބޮލީވިއާއާ ދެކޮޅަށް) އަހަރެންގެ ކުޅުން ގޯހެއް ނުވާނެ. އަހަރެން ބަދަލުކުރި ވަގުތު އަހަރެންނަށް ވިސްނުނީ ދަނޑު ބޭރުން އަހަރެން ޑީލް ކުރަން ޖެހިފައި ހުރި ކަންކަމާ މެދު. އެއީ އަހަރެންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން،" ރިޗާލިސަން ބުންޏެވެ.

ބްރެޒިލް އަށް ދެން އޮތީ އޮކްޓޫބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ވެނިޒުއޭލާ އާއި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. މިވަގުތު ޕްރިމިއާ ލީގު ދެވަނައިގައި އޮތް ޓޮޓެންހަމް، ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ.

"އަހަރެން އުންމީދު ކުރަނީ ކުރިއަށް އޮތް ބްރެޒިލް މެޗުތަކުން ވެސް އަހަރެންނަށް ފުރުސަތު ލިބޭނެ ކަމަށް، އެއީ އަހަރެން އެންމެ ބޮޑަށް މަސައްކަތް ކުރާ ކަންތައް. އެކަން ވާނީ ޓޮޓެންހަމްގައި ވެސް ރަނަގަޅަށް ކުޅެގެން،" ރިޗާލިސަން ބުންޏެވެ.