Roadha Mihaaru
ޓީޓޭގެ އާއިލާއަށް އެހީވި ފަލަސްތީނުގެ ޒުވާނާއަށް ޝަރަފް

ބްރެޒިލް ކޯޗުގެ އާއިލާ އަށް އެހީވި ފަލަސްތީނުގެ ޒުވާނާ އަށް ތައުރީފު އޮހެނީ

05 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 5) - ބްރެޒިލްގެ ކޯޗު އެޑެނޯ ލިއޮނާޑޯ ބަޗީ (ޓީޓޭ) ގެ އާއިލާ އަށް ގަތަރުގައި އެހީވި ފަލަސްތީނުގެ ޒުވާނާ އަށް ޓީޓޭ ތައުރީފު ބަންޑުންކޮށްލައިފި އެވެ.

ދޯހާ (ޑިސެމްބަރު 5) - ބްރެޒިލްގެ ކޯޗު އެޑެނޯ ލިއޮނާޑޯ ބަޗީ (ޓީޓޭ) ގެ އާއިލާ އަށް ގަތަރުގައި އެހީވި ފަލަސްތީނުގެ ޒުވާނާ އަށް ޓީޓޭ ތައުރީފު ބަންޑުންކޮށްލައިފި އެވެ.

ބްރެޒިލް އާއި ސާބިއާ ކުޅުނު މެޗު ނިންމާފައި ފަލަސްތީނު އަދި އުރުދުން އަށް ނިސްބަތްވާ ހުޝާމް ސަފަރިނީ ނުކުތީ ދޯހާގެ މެޓްރޯ އަށް ދިއުމަށެވެ. އެތައް ސަތޭކަ ބަޔަކު ވެސް މިސްރާބު ހުރީ އެދިމާލަށެވެ. ހުޝާމްގެ ލޮލުގައި އަޅައިގަތީ ނިދާފައި އޮތް ކުޑަކުއްޖަކު ކޮނޑުމަތީގައި ބާއްވައިގެން މަޑުމަޑުން ލަސްލަހުން ހިނގަމުން ދިޔަ އަންހެނެކެވެ. މެޓްރޯ އަށް ދިއުމަށް ހިނގަންޖެހޭ ރާސްތާ ދިގެވެ. އެ އަންހެން މީހާ އަށް އެހީވުމުގެ ނިޔަތުގައި ދަރިފުޅު މެޓްރޯއާ ހަމައަށް ގެންގޮސްދޭނެ ކަމަށް ހުޝާމް ބުންޏެވެ.

އޭނާގެ ބޭނުމަކީ ޓްރޭން ގަޑިޖެހެންވާއިރު ވެސް އެ އަންހެން މީހާ އަށް އެހިސާބަށް ނުދެވިދާނެތީ އެހީވުމެވެ. އަންހެން މީހާ ދަރިފުޅު ދިނުމުން ހުޝާމްގެ ކޮނޑުމަތީގައި އެ ކުޑަ ކުއްޖާ ބާއްވައިގެން މެޓްރޯ އަށް ގެންގޮސް ދިނެވެ. ފަލަސްތީނުގެ ދިދަ ވެސް އޭނާގެ ކޮނޑުގައި އަޅައިގެން ދިއުމުން އެއީ އަރަބި މުސްލިމު ޒުވާނެއްކަން އެ އަންހެން މީހާ އަށް އެނގުނެވެ.

ހުޝާމް އަށް އެހީވެވުނީ ޓިޓޭގެ އާއިލާ އަށެވެ. އޭނާގެ ކޮނޑުގައި ބާއްވައިގެން މެޓްރޯ އާ ހަމައަށް ގެންގޮސް ދިނީ ޓީޓޭގެ ކާފަ ދަރިއެކެވެ.

އޭނާގެ އާއިލާ އަށް އެހީވެ ދިން ފަލަސްތީނުގެ ޒުވާނާގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ޒުވާނާ ހޯދަން ޓީޓޭ އިއުލާން ކުރީ ބްރެޒިލްގެ ޓީމުގެ ޕްރެސް ކޮންފަރެންސްގަ އެވެ.

ހުޝާމްގެ ކޮނޑުމަތީގައި ޓީޓޭގެ ކާފަ ދަރިފުޅު ބާއްވައިގެން ގެންދާ މަންޒަރު:

ހުޝާމްގެ ކޮނޑުމަތީގައި ޓީޓޭގެ ކާފަ ދަރިފުޅު ބާއްވައިގެން ގެންދާ މަންޒަރު:

"އިންސާނީ ވަންތަކަން ހާމަކޮށް ދިން މީހާ އަށް އަހަރެން ބޭނުން ބައްދަލުކޮށްފައި ވެސް ޝުކުރު އަދާކުރަން،" ޕްރެސް ކޮންފަރެންސްގައި ޓީޓޭ އިއުލާން ކުރި އެވެ.

"ފުޓްބޯޅައިގެ ސަބަބުން އަހަރެމެންނަށް ވަރަށް ހިތްގައިމު ކަންކަން ފޯރުކޮށްދޭ. އަހަރެން ބޭނުން އޭނާ އާ ބައްދަލުކުރަން. ބޭނުންވަނީ ފުޓްބޯޅައަށް ވުރެ މާ ބޮޑަށް އެއްބައިވަންތަކަމުގެ އިހުސާސެއް ދެއްކި ކަމަށް ވާތީ."

ފަލަސްތީނުގެ ޒުވާނާ ހޯދަން ޓީޓޭ އިއުލާން ކުރިތާ ހަފުތާއެއް ފަހުން އޭނާ ބައްދަލުވި އެވެ.

ބްރެޒިލްގެ ކޭމްޕަށް ހުޝާމް ގެންގޮސް ޓީޓޭ ވަނީ އޭނާ އަށް އިހުތިރާމް އަދާކޮށްފަ އެވެ. އަދި ބްރެޒިލްގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖޯޒީއެއް ވެސް އޭނާ އަށް ހަދިޔާ ކުރި އެވެ.

"ޓީޓޭގެ އެ އިހުތިރާމްގެ މާނައަކީ އަހަންނަށް ދުނިޔެ،" ޓީޓޭގެ ބައްދަލުވުމަށް ފަހު ހުޝާމް ބުންޏެވެ. "މިއީ އަހަންނަށް ފައިސާ ދީފައި ވެސް ނުގަނެވޭނެ އެއްޗެއް."

ޓީޓޭ ވަނީ އޭނާގެ ކާފަ ދަރިފުޅާއި ހުޝާމް އާއެކު ފޮޓޯ އެއްވެސް ނަގައިފަ އެވެ.

މުބާރާތް ފެށުމުގެ ކުރިން ގަތަރާއި އަރަބިން އަދި މުސްލިމުންނާ މެދު ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން ދިޔަ ނެގެޓިވް ވާހަކަތަކުގެ ހިގީގަތެއް ނެތްކަން ހުޝާމްގެ އިސްނެގުމުން ހާމަކޮށްދޭކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އޭނާ އަށް ތައުރީފު ކުރަމުންނެވެ.