Roadha Mihaaru
ސްޓެލްކޯގެ ފްލެޓް ދޭން ނިންމި ގޮތް ކަމަކު ނުދޭ!

ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ދިނުމުގެ އުސޫލް މުރާޖައާކުރަން އަންގަނީ

09 މާޗް 2021

ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރި އުސޫލް ކަމުނުދާތީ، އެ އުސޫލް މުރާޖައާކުރަން އެންގުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރި އުސޫލް ކަމުނުދާތީ، އެ އުސޫލް މުރާޖައާކުރަން އެންގުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެއްބަސްވެ ސްޓެލްކޯ އިން ނިންމީ 15 ބުރީގެ ދެ ޓަވަރު އަޅާށެވެ. އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނޭ ގޮތުން ޖުމްލަ 384 އެޕާޓްމެންޓް ހިމެނެ އެވެ. އެއީ އެއް ކޮޓަރީގެ 144 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 240 އެޕާޓްމެންޓެވެ.

މީގެތެރެއިން 1 ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކަން ޖެހޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

އެސްއޯއީ ކޮމިޓީން ސްޓެލްކޯ ފްލެޓްތަކުގެ މައްސަލަ ބަލަން ފެށީ އުސޫލުން ބޭރުން ދޫކުރަން ނިންމާފައިވާ ކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ. އޭގެތެރޭގައި ކުންފުނީގައި ތިން މަސް (ދާއިމީ) ނުވާ މުވައްޒަފުންނަށް ދޭން ނިންމުމާއި މާލޭގެ ގެދޮރު ހުރި މީހުންނާއި ސްޓެލްކޯގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ސްޓެލްކޯގެ ފްލެޓް ކޮމިޓިގެ ހުރިހާ މެމްބަރުންނާއި އެ ކުންފުނީގައި ނޫޅޭ މުވައްޒަފުންނަށް ދޫކުރި ކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ސްޓެލްކޯގެ ފްލެޓް ދިނުމަށް އެ ކުންފުނީގެ ވަޒީފާ އަށް މީހުން ވެއްދި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަން ގުޅުވަނީ ކުންފުނީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ހުޅުވާލުމުން 300 އަށް ވުރެން ގިނަ މުވައްޒަފުން ކުރިމަތިލި އެވެ.

އެސްއޯއީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ކުންފުނިން ފްލެޓް ސްކީމެއް ހުޅުވާލުމުގެ ބޭނުމަކީ ބޯހިޔާވަހިކަން ތަހައްމަލްކުރާ އެތަނުގެ މުވައްޒަފުންނަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެކަމަކު ސްޓެލްކޯގެ ފްލެޓްތަކަށް ހުޅުވާލައި ދޭން ނިންމާފައި ވަނީ އެ އުސޫލުން ނޫން ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ސްޓެލްކޯގެ ފްލެޓް ދޫކުރާ އުސޫލް އަލުން މުރާޖައާކުރަން އަންގަން ނިންމާފައިވާއިރު، އެކަން އެގޮތަށް ކުރޭތޯ ހައުސިން މިނިސްޓްރީން ބެލުމަށް އެތަނުގައި އެދެން ވެސް ކޮމިޓީން އޮތީ ނިންމައިފަ އެވެ.