Roadha Mihaaru
ހައްވައްތަ އުފަލުން ރޮވިފައި، ގަނަތެޅުން ނިމުމަކަށް!

ހައްވައްތަ އުފަލުން ރޮވިފައި، ގަނަތެޅުން ނިމުމަކަށް!

05 އޯގަސްޓް 2021

އިންޓަވިއު ރަނގަޅަށް ފަށައި ނުގަނެވެނީސް ހައްވާ އަލީ (ހައްވައްތަ) ފަށައިގަތީ ރޯށެވެ. މަންމަގެ ގޭގައި ހުރި ކުޑަކުޑަ ކޮޓަރިއެއްގައި ހަގަށް ހުރި 19 އަހަރުގެ ފިރިހެން ދަރިފުޅާ އެކު، ހަގީގަތުގައި ދިރިއުޅެނީއެއް ނޫނެވެ؛ ގަނަތެޅެނީ އެވެ. ކޮޓަރީގެ ހަތަރު ފާރުން ވައި ބޭރުވާނެ ގޮތެއް ނެތި މާލެ އަށް އުފަން ހައްވައްތަގެ މުޅި ދިރިއުޅުން ވަށާލާފައި ވަނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަވިއު ރަނގަޅަށް ފަށައި ނުގަނެވެނީސް ހައްވާ އަލީ (ހައްވައްތަ) ފަށައިގަތީ ރޯށެވެ. މަންމަގެ ގޭގައި ހުރި ކުޑަކުޑަ ކޮޓަރިއެއްގައި ހަގަށް ހުރި 19 އަހަރުގެ ފިރިހެން ދަރިފުޅާ އެކު، ހަގީގަތުގައި ދިރިއުޅެނީއެއް ނޫނެވެ؛ ގަނަތެޅެނީ އެވެ. ކޮޓަރީގެ ހަތަރު ފާރުން ވައި ބޭރުވާނެ ގޮތެއް ނެތި މާލެ އަށް އުފަން ހައްވައްތަގެ މުޅި ދިރިއުޅުން ވަށާލާފައި ވަނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ.

މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި ސްނޯ ސްކައިގެ ހަނި ގޯޅިތެރެއިން އެތެރެއަށް ވަދެގެން ދާއިރު ފެންނަ އަށް ފޫޓު ހަ ފޫޓުގެ ކުޑަ ކޮޓަރީގައި ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓުގެ ބަންކު އެނދު ބަހައްޓާފައި ދެން އިތުރު ކަމަކަށް ޖާގައެއް ނެތެވެ. ލާން ގެންގުޅޭ ހެދުންތައް ރީތިކޮށް ބެހެއްޓޭނެ ގޮތެއް ނެތުމުން އެ އެއްޗެހިތައް ހުރީ ހާމައަށެވެ. ދެ ކަބަޑާއި ކުޑަ ފްރިޖަކާއި ހައްވައްތަ ކައްކަން ގެންގުޅޭ ސާމާނުން ކޮޓަރި އޮތީ ބަންޑުން ވެފަ އެވެ.

އެއަށްވުރެ ފަސޭހަ، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން ހައްވައްތަ، 49، އަންނަނީ ފްލެޓުތަކަށް ފޯމު ހުށަހަޅަމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ދިޔަ މީހުން ވެސް، ހައްވައްތަ އަށް ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ. މީގެ ކުރިން އެއްވެސް ތަނެއްގައި ލައްވައި ނުލިޔަސް އޭނާގެ އަތުގައި ނަސީބު ހިފީ ހިޔާ މަޝްރޫއުއާ ހަމައިންނެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު މި ސަރުކާރުން އެކުލަވާލި ލިސްޓުން ހައްވައްތަ އަށް ފުރަތަމަ ލިބުނީ 29 މާކްސް އެވެ. ޝަކުވާ ފޯމުތައް ހުށަހަޅައިގެން، އެ ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި އޭނާގެ ނަން ހިމެނުނީ އެވެ.

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރި: މި ތަން ހުރީ އެކި ސާމާނުން ފުރި ބާރުވެފައި..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރި: މި ތަން ހުރީ އެކި ސާމާނުން ފުރި ބާރުވެފައި..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މިއީ، ހައްވައްތަ ބުނާ ގޮތުން އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހެވެ.

"ފްލެޓް ލިބުނުކަން އެނގުނު ދުވަސްވާނެ އަޅުގަނޑު ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް. ވަރަށް އުފާވި އެ ދުވަހު."

އުމުރުން ނުވަ އަހަރުގައި ހައްވައްތަގެ ބައްޕަ ވަނީ މަރުވެފަ އެވެ. މަންމަ މަރުވީ، ހައްވައްތަގެ ހަގު ދަރިފުޅު ލިބުނުތަނާހެންނެވެ. އެ ގޭގައި އިތުރު ހަތަރު ވަރަކަށް އާއިލާ ދިރިއުޅެ އެވެ. ގެ ބަހައިގެން ލިބެނީ މީހަކަށް 70 އަކަ ފޫޓެވެ. އެއީ، އަމިއްލަ ފަސްގަނޑުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެން އެކަށީގެންވާ ވަރެއް ނޫނެވެ.

ހާސްކަމުގެ ދިރިއުޅުމުގައި މަރުނުވީ ކިރިޔާ

އެ ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންވާ ބައިވަރު ސަބަބުތައް އޭނާގެ އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، އޭނާގެ ބަލީގެ ހާލަތު ވަރަށް ގޯސްވުމެވެ. ފުއްޕާމޭގެ މައްސަލައިގެ ސަބަބުން ހައްވައްތަ އަށް ނިދެނީ، އެ ހާސްކަމުގެ ތެރޭގައި، ކުޑަ ކޮޓަރީގެ ދޮރު ހުޅުވައި ބައިޕަޕް މާސްކު އަޅައި އޮކްސިޖަން ގުޅައިގެންނެވެ. ރޭގަނޑު 12 ޖަހާއިރު މެޝިން ގުޅުވުމަށް ފަހު ހެނދުނު 6:00 ގައި އެ ނައްޓާލަ އެވެ. އެއަށްފަހު ކުޑަ ވަގުތުކޮޅަކަށް ވެސް އެ ކޮޓަރީގައި މަޑުކުރުމަކީ ހައްވައްތަ އަށް ފަސޭހަ ކަމެއް ނޫނެވެ.

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭގެ އިތުރުން މައިބަދައިގެ މައްސަލަޖެހި މީގެ ތިން އަހަރު ކުރިން އޮޕަރޭޝަނެއް ކުރިޔަސް، ދިރިއުޅެން ޖެހިފައިވާ ގޮތުން އެ ވޭނުން އަރައެއްނުގަނެވުނެވެ. ފުއްޕާމޭ މައްސަލަ ޖެހިގެން މީގެ ތިން އަހަރު ވެސް ގާތްގަނޑަކަށް ތިން މަސްވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވި އެވެ. ބަލިން ރަނގަޅުވާނެ ކަމުގެ އުއްމީދު ކަނޑާލައި ވެންޓިލޭޓަރަށް ވެސް ލި އެވެ.

ހައްވައްތަ ދެއްކި ޑޮކްޓަރުންނާ ހަވާލައިދީ އޭނާ ބުނީ ބަލީގެ ހާލަތު ގޯސްވީ ވެސް ދިރިއުޅޭ މާހައުލުގެ ސަބަބުން ކަމަށެވެ. އެހެންވެ، ވީހާ ވެސް ސާފު ވައި ލިބޭ ތަނެއްގައި ގިނަ ވަގުތު ހޭދަކުރަން އޭނައަށް ޑޮކްޓަރުން ވަނީ އަންގައިފަ އެވެ. އެ ގޭ ދޮރުމަތީގައި ބަހައްޓާފައި ހުރި ގޮނޑީގައި ގިނަ ވަގުތު ހޭދަކުރަނީ ވެސް އެހެންވެ އެވެ.

"ވަރަށް ހާސްވެ، ވަރަށް އުނދަގޫވޭ. ޑޮކްޓަރު ބުނަނީ މިނޫން އެހެން ތަނެއް ހިޔާރުކުރާށޭ. އެކަމަކު އަޅުގަނޑުމެންގެ ފެންވަރެއް ނެތް ތަނެއް ކުއްޔަށް ހިފައިގެން ދެވޭ ވަރުގެ."

ހައްވައްތަ، އޭނާގެ ކޮޓަރީގައި ހުރި އެނދުގައި ޖައްސާލައިގެން: ފްލެޓު ލިބުނު ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްކަމަށް ބުނި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ، އޭނާގެ ކޮޓަރީގައި ހުރި އެނދުގައި ޖައްސާލައިގެން: ފްލެޓު ލިބުނު ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްކަމަށް ބުނި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މި ތަނުގެ ސަބަބުން ސިއްހީ ހާލަތު ސަކަރާތްވީ. ހަގު ދަރިފުޅަށް ބަނޑުބޮޑުއިރު ސަކަރާތްވާން ފަށައިފި. ނޭވާލާން އުނދަގޫވަނީ. ރޭގަނޑު ނިދަނީ ވެސް ކޮޓަރި ދޮރު ހުޅުވައިގެން. އެހެން ނޫނީ ކެތްނުވޭ،" އުމުރުން 19 އަހަރުގައި އަލަތު ކައިވެނިކޮށް، މީގެ 15 އަހަރު ކުރިން ދެ ވަނަ ކައިވެނި ރޫޅާލިގޮތަށް މީހަކާ ނީނދެ ހުރި ހައްވައްތަ ބުންޏެވެ.

އޭނާ އުޅޭ ކޮޓަރިއާ އެކު ފާހަނާއެއް ހުރެ އެވެ. އެކަމަކު، އެއީ އެ ގޭގައި ދިރިއުޅޭ އިތުރު އާއިލާއެއްގެ ބަޔަކާ އެކު، ޖުމްލަ އަށް މީހުން ބޭނުންކުރާ ތަނެކެވެ. އެ ފާހަނާ ހުންނަނީ ދެ ފަރާތުން ވަދެވޭ ގޮތަށް ދޮރު ކަނޑައިފަ އެވެ. ފެން ނަގަން ޖެހެނީ ވަޅަކުން ކަމަށްވާތީ އޮޕަރޭޝަންކުރި މައިބަދަ އިތުރަށް ވީ ސަކަރާތެވެ.

މޭޒެއް ދޮށުގައި އިނދެ ކާލަން ބޭނުން

ހައްވައްތަ ކޮޓަރީގެ ސުފުރާ މައްޗަކަށް ކިޔަވާ މޭޒަކަށް ވެސް ބޭނުންކުރަން ހުރީ ހަމަ އެ އެނދެވެ. އޭނާ ބުނާގޮތުން މޭޒެއް ދޮށުގައި އިނދެ، ހަމަޖެހިލައިގެން އެންމެ ފަހުން ކާލެވުނު ދުވަހެއް ހަނދާނެއް ވެސް ނެތެވެ.

"ދުވަހަކު ވެސް އަޅުގަނޑު ހަނދާނެއް ނެތް މޭޒެއް މަތީގައި ކާލި ހަނދާނެއް. މި ގެއަށް އައީއްސުރެ އެނދުމަތީގައި މި ކަނީ. އަޅުގަނޑު ބޭނުން މޭޒު މަތީގައި ކާލަން،" ހައްވައްތަ ބުންޏެވެ.

ހަގު ދަރިފުޅަށް ތިން އަހަރުގައި ހައްވައްތަ ވަރިކުރުމުން އޭނާ ދިޔައީ ގެއަށެވެ. އޭރު އެ ތަނަކީ ގޭގައި އުޅޭ އެންމެން ކައްކާ ބަދިގެއެކެވެ. އެކަމަކު، ޅިޔަނެއްގެ އެހީތެރިކަމާއެކު އެ ކުޑަކުޑަ ބަދިގެ ކޮޓަރިއަކަށް ބަދަލުކޮށް، ދެ ދަރިންނާ އެކު ހައްވައްތަ އެ ތަނުގައި އުޅެން ފެށި އެވެ. ދޮއްޓަށް ހުރި އަންހެން ކުއްޖާ 18 އަހަރުވިތަނާ ކައިވެނިކޮށްގެން އެ ތަނުން ދިޔައީ އެވެ.

ހައްވައްތަ ކައްކަނީ، އެ ކޮޓަރި ކުރިމަތީގައި އޮތް ކުޑަ ހުސް ތަންކޮޅުގައި ހަލާކުވެފައި އިން މޭޒެއް ބަހައްޓައިގެންނެވެ.

ހައްވައްތަ، އޭނާގެ ކޮޓަރި ކުރިމަތީގައި ހުރި ހުސް ތަންކޮޅުގައި މޭޒެއް ބަހައްޓައިގެން ކައްކަނީ.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ، އޭނާގެ ކޮޓަރި ކުރިމަތީގައި ހުރި ހުސް ތަންކޮޅުގައި މޭޒެއް ބަހައްޓައިގެން ކައްކަނީ.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އަޅުގަނޑު މަރުވެގެން ދާއިރު ތަންކޮޅެއް ތަނަވަސް ދިރިއުޅުމެއް ބޭނުންވަނީ."

ތިން މަހުން ފްލެޓު ނުނިންމޭނެ، ކުލި މާ ބޮޑު

ހަގު ދަރިފުޅަށް އެމްޕީއެލްގެ ވަޒީފާއަކުން ލިބޭ 6،000ރ. މުސާރައިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވެނީ ކިރިޔާ އެވެ. އެއީ ވެސް ކުލި ދައްކަން ނުޖެހޭތީ އެވެ. ކަރަންޓާއި ފެން ބިލް ދައްކައި ލައިގެން ކާނެ އެއްޗެއް ހޯދާފައި އިތުރު ކަމެއް ކުރާނެ ލާރިއެއް އަތުގައި ނޯވެ އެވެ.

އެ ހާލަތުގައި ދިރިއުޅުމުގެ ކަންކަން ހުއްޓައި، އަދި ކޮވިޑު-19 ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ދުވަސްވަރެއްގައި ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ފްލެޓް ނިންމުމަކީ، ހައްވައްތައެކޭ އެއްގޮތަށް އެތައް ބަޔަކަށް ވެސް އުނދަގޫ ކަމެކެވެ.

"އަޅުގަނޑުމެންގެ ފެންވަރެއް ނޫން. އަޅުގަނޑަކަށް އެތަނެއް ނުހެދޭނެ. މަސައްކަތް ނުނިމުނަސް ތިން މަސް ފަހުން އަޅުގަނޑު ބަދަލުވާނަން،" ހައްވައްތަ ބުންޏެވެ.

"އަޅުގަނޑު މިހާރު ވިސްނައިގެން މި ހުރީ އެކަންތައްތައް ނުކުރެވުނަސް އެ ތާ ހަތަރު ފާރު އެބައިނެއްނު. އެހެންވީމަ އެތަނުގައި ބޯކަރުދާސް އަޅައިގެން ވެސް އަޅުގަނޑު ބޭނުންވަނީ ދާން. މިތަންކޮޅުގައި އުޅުމަށްވުރެ އަޅުގަނޑަށް މާ ފަސޭހަ މިތާ ބޭރު މަގުމަތި ވެސް."

އޭނާ ބުނީ ދެ ކޮޓަރީގެ ކުޑަ ފްލެޓަކާ ބަލާފައި ކުއްޔަށް 8،500ރ. މާ ބޮޑު ކަމަށެވެ. އަދި ސޯޝަލް ހައުސިން ސްކީމަކާ އަޅާބަލާފައި އެއީ އެކަށީގެންވާ ކުއްޔެއް ކަމަށް އޭނާ ދެކެ އެވެ.

"އެ އަގަކީ އަޅުގަނޑު އެހާ ހިތްހަމަޖެހޭ އަގެއް ނޫން. އެތަނާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. އެ ތަނުގެ ކޮޓަރިތައް ވެސް އެހާ ކުޑަ، ވަރަށް ކުޑަ. އަދި ތަން އެއްކޮށް ނުނިންމާ އެހާ ބޮޑު ކުއްޔެއް ނަގާތީ އަޅުގަނޑުގެ ޝަކުވާއަކީ،" ހައްވައްތަ ބުންޏެވެ.

އޭނާ ދެން ނެގި މިސާލަކީ ކުރީގެ ރައީސް މައުމޫންގެ ހުޅުމާލޭގައި އެޅި ޖާގަ ތަނަވަސް ތިން ކޮޓަރީގެ ފްލެޓުތަކެވެ. އެ ފްލެޓުތައް އެއްކޮށް ނިންމައި، ހަވާލުކުރުމަށްފަހު ވެސް ނަގަނީ ކުޑަ ކުއްޔެކެވެ.

ހައްވައްތަ ދިރިއުޅޭ ކޮޓަރި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ ދިރިއުޅޭ ކޮޓަރި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ މިހާރު ވިސްނައިގެން ހުރީ ލިބުނު ދެ ކޮޓަރީގެ އެތަނުން އެއް ކޮޓަރި ކުއްޔަށް ދީފައި ދެމައިން އަނެއްކާ ވެސް އެއް ކޮޓަރީގައި އުޅޭށެވެ.

"މި ނޫން ދިރިއުޅުމެއް ބޭނުންވަނީ. އެއީ އަޅުގަނޑު އެންމެ އުފާވާނެ ދުވަސް. ލިބިފައި އިން ފްލެޓު ހަދައިގެން އެތަނަށް ދެވޭނެ ދުވަސް އެއީ އަޅުގަނޑުގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހަކަށް ވާނީ،" ހައްވައްތަ ބުންޏެވެ.

ހައްވައްތައެކޭ އެއްގޮތަށް، އެ އުފާވެރިކަން ލިބޭނެ އެތައް ބަޔަކު އުޅޭނެ އެވެ. އެކަމަކު އެ އުފާވެރިކަމަށް ހިޔަނި އެޅޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެހާ ދިގު މުއްދަތެއްގެ އިންތިޒާރަށް ފަހު، ލިބުނު ބޯހިޔާވަހިކަން އެއީ ހައްގު ވަރެއް ނޫނެވެ.