Roadha Mihaaru
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ޖަވާބުދާރީ ކުރުވަނީ

ހިޔާ ފްލެޓްތަކާ ގުޅިގެން ހައުސިން މިނިސްޓަރާއި ފްލެޓް ކޮމިޓީ މަޖިލީހަށް ހާޒިރުކުރަނީ

02 މާޗް 2021

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތައް މި ސަރުކާރުން ދިން ގޮތާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތައް މި ސަރުކާރުން ދިން ގޮތާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު މަޖިލީހަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.

މި ދެ ބޭފުޅުންގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވެސް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ. އެ ބޭފުޅުންނަށް ވަޑައިގެންނެވޭ ނަމަ މާދަމާ ކޮމިޓީ ބާއްވަން އޮތީ ނިންމައިފަ އެވެ.

ހިޔާ މަޝްރޫ އާއި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން އެ ކޮމިޓީން އަންނަނީ ދިރާސާއެއް ވެސް ކުރަމުންނެވެ. އެ ދިރާސާ އަށް އާއްމުން ހިޔާލު ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ.

ހިޔާ މަޝްރޫއުގައި ކުރިމަތިލީ 23،000 އަށް ވުރެން ގިނަ މީހުންގެ ފޯމު މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް ވަނީ އިއުލާންކޮށްފަ އެވެ. ކުރީގެ ސަރުކާރުގައި ފްލެޓްތައް ބޭއިންސާފުން ބަހާލި ކަމުގެ ތުހުމަތާ އެކު އަލުން ބެލި ނަމަވެސް މިހާރުގެ ލިސްޓުތަކާ މެދު ވެސް ޝަކުވާ ބޮޑެވެ.

އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރިން ލިސްޓް ހެދީ ދިރިއުޅުމުގެ ހާލަތުގެ ބައިން ވެސް އުސޫލެއް ނެތި ޕޮއިންޓެއް ދީގެންނެވެ. އެކަމަކު އެ ކޮމިޓީން ދިރިއުޅުމުގެ ހާލަތުގެ 30 ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ހާލަތު ބަލާފައި ކަމަށާއި މިފަހަރުގެ ލިސްޓުގެ ކުރީގައި ތިބޭނީ އެންމެ ހައްގުވެރިން ކަަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް އަންނަ މަހުގެ ތެރޭގައި ހަވާލުކުރަން ފަށާނެ އެވެ. ފިނިޝިން ނުނިންމައި ދޭ އެ ތަންތަނުގައި ދިރިއުޅެވޭނީ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ. އެ މުއްދަތުގައި ކުލި ނުނަގާނެ ކަމަށް އެޗްޑީސީން އޮތީ ބުނެފަ އެވެ.