Roadha Mihaaru
ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި

ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި

02 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފި އެވެ.

ހައްގު ހޯދުން ހުއްޓާނުލައި ކުރިއަށް ގެންދަން ޖަމިއްޔާ ރަޖިސްޓަރީކުރީ "އާއްމުންގެ އެކުވެރި ގުޅުން" ނަމުގަ އެވެ. ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ޔާމީންގެ ސަރުކާރުގައި ލިބުނު މީހުންނާއި މި ސަރުކާރުން ފޯމުތައް އަލުން އިވެލުއޭޓްކޮށް އެކުލަވައިލި ލިސްޓާއެކު ފްލެޓު ނުލިބުނު މީހުން ވެސް ހިމެނެ އެވެ.

މި ޖަމިއްޔާގެ ހަރަކާތްތައް ފުޅާކޮށް، ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކާ މެދު އަޑުއުފުލަން ވަނީ ނިންމައިފައިފަ އެވެ.

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓު، ޔާމީންގެ ސަރުކާރުން އާއްމުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ ލިސްޓު ގަބޫލުނުކޮށް 12 ކެޓަގަރީން އާ ލިސްޓުތަކެއް ނެރުމުން "ކޮތަރި ކޮށި" ޓީމުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބި، މި ސަރުކާރުގެ ލިސްޓާ އެކު ފްލެޓު ގެއްލުނު މީހުންގެ ޝުއޫރުތައް ވެސް ގެނެސްދިނެވެ.

އެ ޖަމިއްޔާ އިން މިއަދު ވަނީ، ރޭ އާއްމުކުރި އެޗް7 ކެޓަގަރީގެ ލިސްޓަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެންމެ ގިނަ ބަޔަކު ކުރިމަތިލީ ކެޓަގަރީން ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބުނު 655 މީހުން މި ސަރުކާރުގެ ލިސްޓުގައި ތަރުތީބު ބަދަލުވެފައި އޮތުމުން ފްލެޓު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓް ކޮމިޓީއެއް އުފައްދައި ހިޔާ މަޝްރޫއުގެ ފޯމުތައް އަލުން އިވެލުއޭޓްކުރަން ފެށީ ޔާމީންގެ ސަރުކާރުން ބޭއިންސާފުން ފްލެޓް ދީފައިވާ ކަމުގެ ތުހުމަތުތަކާ އެކުގަ އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ވެސް އެވެ.

އެކަމަކު ޔާމީންގެ ސަރުކާރުން ފްލެޓު ދިނީ އެންމެ ހައްގުވެރިންނަށް ކަމަށާއި އެ މީހުންގެ އަތުން ފްލެޓު އަތުލުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"ކޮތަރު ކޮށި" ޖަމިއްޔާ އުފެދުމުން ޑރ. މުއިއްޒު ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހިތްވަރު ދެއްވައި، އެ ޖަމިއްޔާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.