Roadha Mihaaru
ސިވިލް ސާވިސް ކެޓަގަރީން ގިނަ ފްލެޓްތައް ހެލްތަށް

ސިވިލް ސާވިސް ކެޓަގަރީން ގިނަ ފްލެޓްތައް ކަނޑައެޅީ ހެލްތު މިނިސްޓްރީ އަށް

28 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި "ހިޔާ" މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ނިންމި 1،000 ފްލެޓް އެކި އިދާރާތަކަށް ކަނޑައެޅި ގޮތް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި "ހިޔާ" މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ނިންމި 1،000 ފްލެޓް އެކި އިދާރާތަކަށް ކަނޑައެޅި ގޮތް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން ކުރީގެ ސަރުކާރުން އެކި މިނިސްޓްރީތަކަށް އެވޯޑުކުރީ 987 ފްލެޓެވެ. މި ސަރުކާރުން ގެނައި ބަދަލަކީ ބާކީވި 13 ފްލެޓުން ހަ ފްލެޓް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހަމަޖައްސައި ބާކީ ހަތް ފްލެޓް ބަހައިލީ ކުރިން އެކި އިދާރާތަކަށް ފްލެޓް ހަމަޖައްސާފައިވާ ނިސްބަތުން ކަމަށް އެ އިއުލާނުގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލަށް ހަ ފްލެޓު ހަމަޖެއްސީ، އިއުލާންގައި ބުނިގޮތުގައި، މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ފޯމުތައް ހައުސިން މިނިސްޓްރީ އަށް އޭރު ފޮނުވިޔަސް އެ ކައުންސިލަށް އެއްވެސް ފްލެޓެއް އެލޮކޭޓްކޮށްފައި ނުވާތީ އެވެ.

"ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ އެލޮކޭޝަން، އެއްވެސް އިދާރާއަކަށް ކުރިން ފްލެޓް އެވޯޑް ކުރެވިފައިވާ އަދަދަށް ވުރެ މަދު ކުރެވިފައި ނުވާނެ ކަމުގައި ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.

ޔާމީންގެ ސަރުކާރުން ވެސް އަދި މިއަދު ގެޒެޓްކުރި ލިސްޓުގައިވާ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓްތައް ކަނޑައެޅިއިރު ނިސްބަތުން އެންމެ ގިނަ ފްލެޓް ދީފައި ވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށެވެ. އެއީ 201 ފްލެޓެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް 169 ފްލެޓް ކަނޑައަޅާފައިވާ އިރު ތިން ވަނަ އަށް އެންމެ ގިނަ ފްލެޓް ދިނީ ހައުސިން މިނިސްޓްރީ އަށެވެ. އެއީ، 141 ފްލެޓެވެ.

މިނިސްޓްރީތަކުގައި ފަންނީ އަދި މެނޭޖިރިއަލް އާއި އިދާރި އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް ފްލެޓް ކަނޑައަޅާފައި ވަނީ އެކި އަދަދަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ހިޔާ ފްލެޓް ލިބޭ ވަގުތީ ލިސްޓެއް އަދި އާއްމެއް ނުކުރެ އެވެ. ފްލެޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިސްޓު އާއްމުކުރާނެ ކަަމަށް ބުނެފައިވީ ނަމަވެސް އެ މުއްދަތަކަށް އެ ލިސްޓު އާއްމެއް ނުކުރެ އެވެ.

އެ ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީތަކެއްގެ ވަގުތީ ލިސްޓު މި ސަރުކާރުގެ ފްލެޓް ކޮމިޓީން ވަނީ އާއްމުކޮށްފަ އެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.

މި ސަރުކާރުގެ ވައުދަކީ އެ ފްލެޓްތައް އިންސާފުވެރިކަމާ އެކު ހައްގުވެރި ފަރާތަށް ދިނުމެވެ.