Roadha Mihaaru
ޑިސެމްބަރުގެ ބޮޑު ޗުއްޓީ މާޒީ އަށް

ޑިސެމްބަރުގެ ބޮޑު ޗުއްޓީ މާޒީ އަށް

07 މާޗް 2021

"ބޮޑު ޗުއްޓީ"ގެ ނަމުން މަޝްހޫރު ޑިސެމްބަރު/ޖެނުއަރީގެ ސްކޫލްތަކުގެ މައި ޗުއްޓީ އަށް އެންމެ ފަހުން ރަސްމީ ނިމުމެއް މި އައީ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކުރި ގޮތުން ނަމަ، ދެން އަހަރުގެ ސްކޫލް ބޮޑު ޗުއްޓީ އަންނާނީ ޖޫން/ޖުލައިގަ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

"ބޮޑު ޗުއްޓީ"ގެ ނަމުން މަޝްހޫރު ޑިސެމްބަރު/ޖެނުއަރީގެ ސްކޫލްތަކުގެ މައި ޗުއްޓީ އަށް އެންމެ ފަހުން ރަސްމީ ނިމުމެއް މި އައީ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކުރި ގޮތުން ނަމަ، ދެން އަހަރުގެ ސްކޫލް ބޮޑު ޗުއްޓީ އަންނާނީ ޖޫން/ޖުލައިގަ އެވެ.

މިއީ ތައުލީމީ ދާއިރާގެ އިތުރުން ދިވެހިންގެ ދިރިއުޅުމުގެ ޒަމާންވީ އާދައަކަށް ވެސް އައި ވަރަށް ތާރީހީ ބަދަލެކެވެ. ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު، ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ފަށައި، ބޮޑު ޗުއްޓީ ނޮވެމްބަރު/ޑިސެމްބަރު/ޖެނުއަރީގެ ތެރެއަށް ފައްތައިގެން ދިވެހިން ދިރިއުޅޭތާ ބައިގަރުނު ވާން ކައިރިވެދާނެ އެވެ. ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސް ވެދާނެ އެވެ.

ތިން ޓާމަށް ސްކޫލްތަކުގެ ކިޔެވުން ގެންދިޔަ އިރު ވެސް ބޮޑު ބަންދު ޑިސެމްބަރަށް ފައްތަ އެވެ. މި ފަހުގެ އަހަރުތަކުގައި ދެ ޓާމަށް ކިޔެވުން ބަދަލުކޮށް، އާންމުކޮށް ދެ ވަނަ ޓާމް ނިންމާލަނީ ނޮވެމްބަރު މެދު ތެރޭގައި ނުވަތަ ފަހުކޮޅެވެ. މުޅި ޑިސެމްބަރާއި ޖެނުއަރީގެ ފުރަތަމަ ހަފުތާ ނުވަތަ ދެ ހަފުތާ ވެސް، ޗުއްޓީއަށް ހާއްސަކުރެ އެވެ.

މިހާރު އުމުރުން 50 އަހަރުގެ މީހުން ވެސް، ޑިސެމްބަރުގެ ބޮޑު ޗުއްޓީގެ ހަނދާންތައް ހުންނާނެ އެވެ. ރާއްޖެއިން ބޭރަށް ދިވެހިން އާންމުކޮށް ދަތުރުކުރަން ފެށި 1990ގެ އަހަރުތަކަށް އަލިވިލުމުގެ ކުރިން، 1970 އާއި 1980ގެ އަހަރުތަކުގައި، ބޮޑު ޗުއްޓީއަކީ ރަށްރަށަށް އަންނަ ބޮޑު އީދެކެވެ. މާލޭގައި ކިޔަވާށާއި ވަޒީފާގައި އުޅޭ ކުދިންނާއި ޒުވާނުން، ގްރޫޕް ހަދާފައި ރަށަށް ދަތުރު ފަށަނީ، ސްކޫލްތަކުގެ އަހަރުގެ ފަހު އިމްތިހާނަށް ފަހު ޑިސެމްބަރު ހިސާބުގަ އެވެ. ބައްތެލީގެ ޒަމާނުގައި، ދުރު ހިސާބުތަކަށް ދަތުރުކުރުމުގެ މައިގަނޑު ވަސީލަތަކީ، އެ އެވެ. އޭގެ ފަހުން އިންޖީނު އެޅި މަސްދޯނިފަހަރެވެ. ދެން ރާއްޖޭގެ ނިސްބަތުން ލަކުޑި ބޮޑެތި ބޯޓުފަހަރެވެ.

ޗުއްޓީއެއްގައި ރަށަށް ދާން ލޯންޗަށް އަރަން ތައްޔާރުވަނީ: ދެން ބޮޑު ޗުއްޓީ އަންނާނީ ޖުލައި މަހު .---ފޮޓޯ: ނިޝާން އަލީ/މިހާރު

ޗުއްޓީއެއްގައި ރަށަށް ދާން ލޯންޗަށް އަރަން ތައްޔާރުވަނީ: ދެން ބޮޑު ޗުއްޓީ އަންނާނީ ޖުލައި މަހު .---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓޫރިޒަމް ދާއިރާގެ ކުރިއެރުންތަކާ އެކު ގައުމުގެ އިގުތިސާދު ފުޅާވަމުން އައި ވަރަކަށް، ދިވެހިންގެ މި ބޮޑު ޗުއްޓީގެ ދަތުރުކުރުމުގެ ވައްޓަފާޅި ވެސް ބަދަލުވީ އެވެ. އިންޑިއާ އާއި ސްރީ ލަންކާއަށް ދިއުމަކީ، ދިވެހި އާއިލާތަކަށް އެކަށޭނަ ހަރަދަކަށް ވެ، ބޮޑު ޗުއްޓީ ދުވަސްވަރު އެ ދެ ގައުމަށް ދަތުރުކުރި އެއާލައިންތައް ފުރެ އެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި، މާލެ ނާދެވި، އެތައް ސަތޭކަ ބަޔަކު ތާށިވުމުގެ އަހަރުތަކެއް ވެސް، މާޒީގެ ބޮޑު ޗުއްޓީގައި، ކުރިމަތިވެގެން ހިނގައްޖެ އެވެ.

އޭރު ގިނަ މީހުން ދަތުރަށް ފަށަނީ އެނބުރި އަންނާނެ ވަކި ދުވަހެއް ޔަގީންނުކޮށެވެ. މިހާރު އެއާލައިންތަކުން ޓިކެޓް ވިއްކަނީ އަންނާނެ ދުވަސް ވެސް ކަށަވަރުކޮށް ކަމަށް ވިޔަސް، 1990ގެ އަހަރުތަކުގައި އެކަން އޮތީ އެހެންނެއް ނޫނެވެ. އެނބުރި އައުން އޯޕަންކޮށް ބާއްވައިގެން، ދަތުރަށް ފަށަނީ ޗުއްޓީ ނިންމާފައި ބޭނުން ދުވަހަކު އާދެވޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. އެކަމަކު މާލެއަށް ދުވާލަކު އޭރު އޮންނަ އެންމެ ފްލައިޓަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނަ މީހުން އެނބުރި އަންނަން ބޭނުންވުމުން ބައެއް އާއިލާތަކުން ލާރި ހުސްވެ، ޓްރިވެންޑްރަމްގައި ހާލުގައި ޖެހިގެން ވެސް އުޅުނެވެ.

މާލޭގެ ބަނދަރު 1960ގެ އަހަރުތަކުގައި: ކުރިން ބޮޑު ޗުއްޓީގެ ދަތުރުތައް ކުރަނީ ކުދި ދޯނިފަހަރުގައި

މާލޭގެ ބަނދަރު 1960ގެ އަހަރުތަކުގައި: ކުރިން ބޮޑު ޗުއްޓީގެ ދަތުރުތައް ކުރަނީ ކުދި ދޯނިފަހަރުގައި

ބޮޑު ޗުއްޓީ ދެން ބަދަލުވީ އަވަށްޓެރި ގައުމުތައް ދޫކޮށް، އެހެން ހިސާބުތަކަށް ދަތުރުކޮށް، އާއިލާ އެކުގައި އުފާކޮށްލުމުގެ ދުވަސްތަކަށެވެ. އެގޮތުން މެލޭޝިއާ އާއި ތައިލެންޑް ހާއްސަވި އެވެ. ދުބާއީ ވެސް އޮތީ ދިވެހިން އަތުޖެހޭ ހިސާބެއްގަ އެވެ. އަތްމަަތި ތަނަވަސް އާއިލާތައް އަގުބޮޑު ސިންގަޕޫރަށް ވެސް ޗުއްޓީއަށް ދިއަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރަކީ ޑިސެމްބަރާއި ޖެނުއަރީ އެވެ. ހާއްސަކޮށް ކްރިސްމަސް އާއި އާ އަހަރެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް މުއްސަނދިންނަށް ހާއްސަވުމުން ޑިސެމްބަރު/ޖެނުއަރީއަކީ މުވައްޒަފުންނަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރަށް ބަދަލުވި އެވެ. ހުރިހާ ރިސޯޓަކާއި މިހާރު ނަމަ ގެސްޓްހައުސްތައް ވެސް ފުލުވުމުގެ އެންމެ ޔަގީންކަން ބޮޑު ދުވަސްވަރަކަށް ޑިސެމްބަރު/ޖެނުއަރީ ވުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އެތައް ހާސް ދިވެހި މުވައްޒަފުންނަށް އެ ދެ މަހު ޗުއްޓީ ހޯދުން ވެސް އުނދަގުލެވެ. ޓޫރިޒަމް ދާއިރާ ނުވަތަ ނުސީދާކޮށް ނަމަވެސް ޓޫރިޒަމްއާ ގުޅުން ހުރި ކަމެއްގައި ވަޒީފާ އަދާނުކުރާ މީހަކު ނެތް ދިވެހި އާއިލާއެއް މަދުވާނެ އެވެ. އާއިލާއަށް ގިނައިން ހަރަދުކުރާ ބަޔަކަށް ވެސް، އާންމުކޮށް ވެފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފެކެވެ.

ކްރިސްމަސް އާއި އާ އަހަރ ދިމާކޮށް ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި: ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން ދިމާވަނީ ޓޫރިޒަމްގެ އެންމެ ބިޒީ ދުވަސްވަރާ

ކްރިސްމަސް އާއި އާ އަހަރ ދިމާކޮށް ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި: ސްކޫލްތަކުގެ ބޮޑު ޗުއްޓީ ކުރިން ދިމާވަނީ ޓޫރިޒަމްގެ އެންމެ ބިޒީ ދުވަސްވަރާ

ޑިސެމްބަރު/ޖެނުއަރީއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދިމާވުމުން އެ މުވައްޒަފުންގެ ޝަކުވާ މި ފަހުން ބޮޑުވި އެވެ. އެހެންކަމުން އެކި ސަރުކާރުތަކުގެ ސިޔާސަތުގައި، ދިރާސީ އަހަރު ފެށުމާއި ނިންމުން ބަދަލުކުރުމުގެ މަޝްވަރާތައް އޮތެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ ބަދަލެއް ގެނެވޭ ވަރަށް ކަންކަން ނިމިގެން ނުދިޔަ އެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ އިއުލާންކުރެއްވީ، އެ ސިޔާސަތަށް އެންމެ ފަހުން އަމަލީ ސިފަ ގެންނެވި ކަމެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށޭނީ އޮގަސްޓްމަހު އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށަނީ އޮގަސްޓްމަހު އެވެ.

ހަމައެހެން ބައެއް ގައުމުތަކުގެ ދިރާސީ އަހަރު ފަށަނީ ޖެނުއަރީގަ އެވެ.

މި ބަދަލާ އެކު ދެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާނީ ޖޫން ފަހުކޮޅު އެވެ. އަދި ޖުލައި މަސް އެކުގައި ޗުއްޓީއަށް ލިބި، އާ އަހަރުގެ ކިޔެވުމަށް ސްކޫލްތައް ހުޅުވާނީ އޮގަސްޓް ފުރަތަމަ ހަފުތާ ނުވަތަ ދެ ވަނަ ހަފުތާގަ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިހާރު އޮތް "ޑިސެމްބަރުގެ ސަގާފަތް" ބަދަލުވުމަކުން ތައުލީމީ ދާއިރާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ކުރިއަށް ވުރެ ބޮޑަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބޮޑު ޗުއްޓީގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ސިޔާސަތު ކަނޑައަޅަން 1985 ގައި ބޭއްވި ގައުމީ ޖަލްސާ: ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ ދުވަސްވަރަށް ބަދަލު ގެނައުމަކީ އާންމު ކަމެއް ނޫން

ތައުލީމީ ދާއިރާގެ ސިޔާސަތު ކަނޑައަޅަން 1985 ގައި ބޭއްވި ގައުމީ ޖަލްސާ: ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ ދުވަސްވަރަށް ބަދަލު ގެނައުމަކީ އާންމު ކަމެއް ނޫން

"ތި ވިދާޅުވީ ތެދެއް، ޑިސެމްބަރަކީ ކުރިންސުރެ ރާއްޖޭގެ ބޮޑު ޗުއްޓީ. އެގޮތަށް ސަގާފަތެއް އެއީ. އަޅުގަނޑު ވެސް ހަނދާނެއް ނެތް ޑިސެމްބަރުގައި ބޮޑު ޗުއްޓީ ނެތް،" ދިވެހިންނާއި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު/ޖެނުއަރީއާ ގުޅިފައި އޮތް މިންވަރާ މެދު ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.

"އެކަމަކު ދިރާސީ އާ އަހަރު ފެށުން ބަދަލުކުރުމަކުން ތައުލީމީ ދާއިރާއަށް ވަކި ގެއްލުމެއް ނުވާނެ. އެ ހަމަ ދާނެ އެ އޮންނަ އުސޫލަކުން. ކިޔަވައިދިނުމުގެ ދުވަސްތައް ވެސް ހަމަކުރާނެ."

ޒަމާންވީ ކަންކަމަށް ބަދަލު އައުމަކީ، ބަދަލު ގެނައުމަކީ އަބަދުވެސް ހިނގަހިނގާ ހުންނަ އުސޫލެކެވެ. އެހެންކަމުން ދިވެހިންގެ ޒަމާންވީ "ބޮޑު ޗުއްޓީ"އަށް ވެސް މި އޮތީ ބަދަލު އައިސްފަ އެވެ. ޑިސެމްބަރުގެ ރަށު ދަތުރުތަކުގެ ހަނދާންތައް ހުރި މީހުންނަށް އެ އުފާވެރި މާޒީ އެވެ. އާ ބޮޑު ޗުއްޓީ ދިވެހިންގެ ދިރިއުޅުމާ ގުޅޭ ހިސާބުން އާއިލީ އަދި ރައްޓެހިންގެ އެކުވުމުގެ ބޮޑު ތަޖުރިބާތައް ދެން އޮންނާނީ އަހަރުގެ މެދުތެރޭގައި ޖުލައި މަހު އެވެ.