Roadha Mihaaru
ޕްރިންސިޕަލުން ވާން ވާނީ މައްސަލަ ހައްލުކުރާ ބަޔަކަށް

ޕްރިންސިޕަލުން ވާން ވާނީ މައްސަލަ ހައްލުކުރާ ބަޔަކަށް: މިނިސްޓަރު

10 މާޗް 2023

ޕްރިންސިޕަލުން ވާން ޖެހޭނީ މައްސަލައަކަށް ނޫން ކަމަށާއި ކަންކަމުގެ ހައްލު ހޯދާ ބަޔަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރިންސިޕަލުން ވާން ޖެހޭނީ މައްސަލައަކަށް ނޫން ކަމަށާއި ކަންކަމުގެ ހައްލު ހޯދާ ބަޔަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އަލަށް ޕްރިންސިޕަލުންނަށް ވާ ފަރާތްތަކުގެ ތަމްރީން ޕްރޮގްރާމް ނިންމައި މަސްއޫލިއްޔަތު ހަވާލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތަކުގައި ގޮންޖެހުން ބޮޑުވާނެ ކަމަށެވެ. ނަމަވެސް، އެ ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެ ނަމަ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ކުރިން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި އައިޝަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުޖުތަމައުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާ އެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ޕްރިންސިޕަލުން ވާން ޖެހޭނެ އެވެ.

"ޕްރިންސިޕަލުން ވާން ޖެހޭނީ ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި އަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުޢާމަލާތް ކުރާ ބަޔަކަށް،" އައިޝަތު އަލީ ވިދާޅުވި އެވެ.

ގައުމީ ޔުނިވަސިޓީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އައިޝަތު އަލީ ވިދާޅުވީ ރަނގަޅު ހިންގުންތެރިންނަކީ ނަމޫނާ ދައްކައިގެން ކުރިއަށް ދާ ބައެއް ކަމަށެވެ.

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ފުރުތަމަ ބުރުގައި 17 ފަރާތަކުން ޕްރޮގްރާމް ފުރިހަމަ ކުރި އެވެ. ޕްރޮގްރާމް ނިންމި ކަމުގެ ލިޔުން ޕްރިންސިޕަލުންނާ ހަވާލުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.