Roadha Mihaaru
"ރީތި އިމާރާތްތަކަކުން އެކަނި ތަރައްގީއެއް ނުގެނެވޭނެ"

ރީތި އިމާރާތްތަކެއް އެކަނި ހަދައިގެން ތަރައްގީއެއް ނުގެނެވޭނެ: ނައިބު ރައީސް

10 މާޗް 2023

ރީތި އިމާރާތްތަކެއް އެކަނި ހަދައިގެން ސަރުކާރުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށާއި އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކަކީ ވެސް އެންމެ އަހަރަކުން ހައްލުނުކުރެވޭނެ ކަންކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރީތި އިމާރާތްތަކެއް އެކަނި ހަދައިގެން ސަރުކާރުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށާއި އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކަކީ ވެސް އެންމެ އަހަރަކުން ހައްލުނުކުރެވޭނެ ކަންކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ޕްރިސިންޕަލުންގެ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން މި ހަތަރު އަހަރު އަހަރުގެ ތެރޭގައި ތަރައްގީ އަށް ކުރި މަސައްކަތްތަކަކީ ވޭދތުވެދިޔަ އެއްވެސް ސަރުކާރުން މީގެ ކުރިން ނުކުރާހާ ގިނަ މަސައްކަތްތަކެއް ކަމަށެވެ.

ތައުލީމީ ދާއިރާއިން ވެސް ގިނަ ރަށްތަކެއްގައި އާ ކްލާސް ރޫމްތައް އަޅައި ވަސީލަތްތައް އިތުރު ކުރުމާއި ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތަކެއް ކުރެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕްރިންސިޕަލުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރިން ބައެއް ބޭފުޅުނާއެކު ނައިބުރައީސް --- ފޮޓޯ: ރައީސް އޮފީސް

ޕްރިންސިޕަލުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރިން ބައެއް ބޭފުޅުނާއެކު ނައިބުރައީސް --- ފޮޓޯ: ރައީސް އޮފީސް

"އެހެން ނަމަވެސް ވެސް އަޅުގަނޑުމެންނަށް އެނގޭ، މި ސަރުކާރަށް އަޅުގަނޑުމެންނަށް ވިސްނޭ ހަމައެކަނި އެކަންކަމަކުން އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނިކުންނާނެކަން. އެންމެ މުހިންމު ބަޔަކަށް [ތައުލީމީ] ދާއިރާގައި ވަނީ ޕްރިންސިޕަލުން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީި ގޮތުގައި އެއް އަހަރުތެރޭ ވަރަށް ރީތި 10 ބުރީގެ އިމާރާތެއް ވެސް ހެދި ދާނެ އެވެ. ނަމަވެސް އިޖުތިމާއީ ދާއިރާގައި ތަރައްގީ ގެނޭވޭނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.

"އެކަމަށް [އިޖުތިމާއީ ދާއިރާގެ ބަދަލުތަކަށް] ދުވަސްކޮޅެއް ނަގާ. އަދި ދުވަސްކޮޅެއްގެ ތެރޭގައި ވެސް އެ ބަދަލު ފެންނަނީ ވަރަށް ޒިންމާދާރު ކަމާއެކު ހުރިހާ ދާއިރާއެއްގެ އެންމެންގެ މަސައްކަތް ހިމެނިގެން،" ރޭގެ ހަފުލާ ޝަރަފުވެރިކޮށް ދެއްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ދަންނަވަން ސްކޫލްތަކުގައި ހިމެނޭ 94،000 ދަރިވަރުންނަށް ހެޔޮ ބަދަލު ގެނައުން ޓީޗަރުން، ޕްރިންސިޕަލުން އަދި ބެލެނިވެރިންނަށް އެކަނި ނުވާނެ އެކަމެއް. ނުވަތަ އެ ބޭފުޅުން އެކުރައްވާ މަސައްކަތަކުން އެކަނި އެ ނަތީޖާއެއް ވެސް ނުނިކުންނާނެ. ގައުމެއްގައި ނުވަތަ ރަށެއްގައި ވިޔަސް ޒިންމާ އަކީ އެންމެންގެ ޒިންމާއެއް."

ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައެއް ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: ރައީސް އޮފީސް

ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައެއް ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: ރައީސް އޮފީސް

އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމުގައި ސްކޫލްތަކާއި ތައުލީމީ ދާއިރާ އަށް އެއްބާރުލުން ދިނުމަށް ހުރިހާ ދާއިރާ އަކަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

އަލަށް މަސްއޫލިއްޔަތާ ހަވާލުވާ ޕްރިންސިޕަލުންނަށް ނައިބު ރައީސް ވިދާޅުވި ގޮތުގައި އެ ބޭފުޅުން ވާން ޖެހޭނީ އެތައް ބަޔަކު ގޮވައިގެން އެކި ހިޔާލުގެ މީހުން ގޮވައިގެން އެއް މިސްރާބަކަށް ދަތުރުކުރާ ބަޔަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހިންގި ޕްރޮގްރާމް 18 ބޭފުޅަކު ވަނީ ފުރިހަމަކޮށްފަ އެވެ. ނައިބު ރައީސް ވިދާޅުވީ ޕްރިންސިޕަލުން ބިނާ ކުރުމުގެ ޕްރޮގްރާމެއް އަނެއްކާ ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.