Roadha Mihaaru
ހައްޖަށް ދިއުމުގެ ކުރިން ވެކްސިން ޖެހުން މަޖްބޫރު

ހައްޖަށް ދިއުމުގެ ކުރިން ވެކްސިން ޖެހުން މަޖްބޫރު

03 މާޗް 2021

މައްކާ (މާޗް 3) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ދަތުރުކުރާ އެންމެން ކޮވިޑް ވެކްސިން ޖެހުން މަޖްބޫރު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (މާޗް 3) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ދަތުރުކުރާ އެންމެން ކޮވިޑް ވެކްސިން ޖެހުން މަޖްބޫރު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވީ ހައްޖުގައި ބައިވެރިވާ އެންމެން ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށާއި ހައްޖުގެ އަޅުކަން ޖުލައި މަހު ފެށުމުގެ ކުރިން ވެކްސިންއާ ބެހޭ ކޮމިޓީއެއް ވެސް އުފައްދާނެ ކަމަށެވެ.

"މައްކާ އާއި މަދީނާ އަދި ހައްޖުވެރިން ސައުދީ އަށް އެތެރެވާ ޕޮއިންޓްތަކުގެ ހެލްތު ފެސިލިޓީތަކަށް ބޭނުންވާ ވަރަށް މީހުން ހަމަޖައްސާނަން،" އިންޓާނަން މެމޯއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވޮލަންޓިއަރުން އަދި މެޑިކަލް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެން ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ. ބަލިމަޑުކަމެއް ނެތް ދުވަސްވަރެއްގައި ހައްޖުގެ އަޅުކަމުގައި އާއްމުކޮށް ދެ މިލިއަން މީހުން ބައިވެރިވެ އެވެ. ހައްޖުވެރިންގެ ކަންކަމުގެ އެކި އިންތިޒާމްތަކުގައި އެތައް ހާސް އޮފިޝަލުންނެއް ހަރަކާތްތެރިވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ ކިތައް މީހުންނަށް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ކޮރޯނާވައިރަހުގެ ނުރައްކަލާ އެކު މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދިނީ 1،000 މީހުންނަށެވެ. އެއީ ވެސް ސައުދީގައި ދިރިއުޅޭ މީހުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިދިޔަ އަހަރު ބޭއްވި ހައްޖުގެ އަޅުކަމުގައި ކޮރޯނާވައިރަހުގެ އެއްވެސް ކޭހެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ސައުދީން ވަނީ މިދިޔަ އަހަރުގެ މާޗް މަހު އުމްރާގެ އަޅުކަން ވެސް މެދުކަނޑާލައިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އުމްރާގެ އަޅުކަން އަލުން ފެށީ ހަރުކަށި ކޮވިޑް ޕްރޮޓޮކޯލްތަކަކާ އެކު އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަސް މިލިއަން މީހުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އޭގެ ތެރޭން ކޮރޯނާވައިރަހުގެ އެންމެ ކޭހެއް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުގައި އަންގާރަ ދުވަހުގެ ނިޔަލަށް 885،000 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. ވެކްސިން ޖެހުމަށް ވަނީ 259 މަރުކަޒު ގާއިމްކޮށްފަ އެވެ. ސައުދީގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހައިދެނީ ހިލެ އެވެ. ސައުދީގައި ޖަހަނީ ފައިޒާ އާއި އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނެވެ.

ސައުދީން އުއްމީދު ކުރަނީ މި އަހަރު ނިމޭއިރު އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 378,002 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6,505 މީހުން މަރުވެފަ އެވެ.