Roadha Mihaaru
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

24 ޖޫން 2024

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިން އެނބުރި ގައުމަށް އަންނަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިން އެނބުރި ގައުމަށް އަންނަން މިއަދު ފަށައިފި އެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު މެންދުރު ފަހު 1:55 ގަ އެވެ. އެ ފްލައިޓުގައި 296 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖޭގެ ހައްޖު މިޝަން އިން ބުނީ ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށް ހަތަރު ފްލައިޓެއް ބާއްވާނެ ކަމަށެވެ. ފުރަތަމަ ފްލައިޓު މިއަދު އައިރު ދެން އެންމެ އަވަހަށް ހައްޖުވެރިން އަންނާނީ އަންނަ ހުކުރު ދުވަހު ބާއްވާ ފްލައިޓަކުންނެވެ. އަދި އަންނަ މަހު އެކަކާއި ހަތަރެއްގައި ވެސް ފްލައިޓެއް ބާއްވާނެ އެވެ.

ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔަ އެވެ.

މި އަހަރު ހައްޖަށް ދިޔަ ދެ ދިވެހިން އެނބުރި އަންނާތީ ހައްޖުވެރިންނަށް މަރުހަބާ ކިޔަން އާއިލާތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ގޭޓު ކުރިމަތީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރު ހައްޖަށް ދިޔަ ދެ ދިވެހިން އެނބުރި އަންނާތީ ހައްޖުވެރިންނަށް މަރުހަބާ ކިޔަން އާއިލާތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ގޭޓު ކުރިމަތީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައްޖުވެރިން އަންނަން ފެށުމާ އެކު އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެހެން ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުން ވީހާވެސް އަވަހަކަށް ނުވަތަ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެމްއޭސީއެލް އިން ވެސް މިއަދު ވަނީ އެދިފަ އެވެ.

ހައްޖުން އެނބުރި އައުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލްހުން ޖެހިފައިވާ ނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ދެވޭނެ ފަރުވާތައް ކިޔައިދީފަ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެ ވަނަ ފަހަރު ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ އެހާ ބޮޑު ކަމެއްގައި ކިތަންމެ ބޮޑަށް ކަންކަން ފުރިހަމަ ކުރަން އުޅުނަސް އަމިއްލަ ކޮންޓްރޯލުން ބޭރުން އުނިކަން ހުންނާނެ ކަމަށެވެ. އެ ކަންކަން ދެން ފަހަރަކުން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.