Roadha Mihaaru
ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ ބުދަދުވަހު

ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ ބުދަދުވަހު

04 ސެޕްޓެމްބަރ 2017

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، އެންމެ ފުރަތަމަ ރާއްޖެ އަންނާނީ ޒައީ ގްރޫޕްގެ ހައްޖުވެރިން ކަމަށެވެ. އެއީ މި އަހަރު އެންމެ ފުރަތަމަ ރާއްޖެ އިން ފުރި މީހުންނެވެ.

ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެ އަންނަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަދުވަހު އެވެ. އަލް ހަރަމައިންގެ ހައްޖުވެރިން އެނބުރި އަންނާނީ، މިހާރު ތާވަލްކޮށްފައިވާ ގޮތުން ނަމަ، ހޯމަ ދުވަހު އެވެ.

ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު

ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު

ހައްޖު ކޯޕަރޭޝަން ފިޔަވައި މި އަހަރު ދިވެހިން ހައްޖަށް ގެންދާން ކޯޓާ ލިބުނީ މި ތިން ގްރޫޕަށެވެ. އެއިން ކޮންމެ ގްރޫޕަކުން 100 މީހުން ހައްޖަށް ގެންދިޔަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 1000 މީހުން އެނބުރި އަންނާނީ، އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އަންނަ ހުކުރުދުވަހުން ފެށިގެންނެވެ. ހައްޖު ކޯޕަރޭޝަންގެ އެންމެން ރާއްޖެ އައިސް ނިމޭނީ ސެޕްޓެމްބަރު 29 ގަ އެވެ.

މި އަހަރުގެ ހައްޖަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެ އަށް ދިނީ 1،000 މީހުންގެ ޖާގަ އެވެ. އެ ޖާގައަށް ހުރިހާ ދިވެހިން މައްކާ އަށް ދިޔަ ފަހުން، ސައޫދީ ސަރުކާރުން އިތުރު 1،000 ޖާގަ ދިނެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި އޮތުމުން ހައްޖު ކޯޕަރޭޝަނަށް އެ ކޯޓާގައި ގެންދެވޭވަރުވީ 300 މީހުންނެވެ.

ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިއެއް ކަމަށް ވާ ޅ. ނައިފަރު އަބްދުއްލަތީފް އަލީ 71، ވަނީ އީދު ދުވަހު ހިލަ އުކަން ދިޔަ ގޮތަށް ގެއްލިފަ އެވެ. ދިވެހި ހުރިހާ ހައްޖުވެރިން އިއްޔެ އެނބުރި މައްކާއަށް ދިޔަ އިރު ވެސް އަބްދުއްލަތީފުގެ ހަބަރެއް ނުވެ އެވެ.