Roadha Mihaaru
ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަންނާނީ މާދަމާ

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަންނާނީ މާދަމާ

06 ސެޕްޓެމްބަރ 2017

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންގެ ފުރަތަމަ ގުރޫޕު މާދަމާ ހެނދުނު ރާއްޖެ އަންނާނެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންގެ ފުރަތަމަ ގުރޫޕު މާދަމާ ހެނދުނު ރާއްޖެ އަންނާނެ އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، އެންމެ ފުރަތަމަ ރާއްޖެ އަންނާނީ ޒައީ ގްރޫޕްގެ ހައްޖުވެރިންނެވެ. އެ މީހުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.

ޒައީ ގްރޫޕްގެ ބައެއް ހައްޖުވެރިން މިއަދު ބުނި ގޮތުގައި ޖިއްދާ އެއާޕޯޓަށް ދިއުމަށްޓަކައި އެ މީހުން ތިބި ހޮޓަލުން މިހާރު ވަނީ ނައްޓާލައިފަ އެވެ. އެ މީހުން ރާއްޖެ އަންނާނީ ސްރީ ލަންކާގައި ޓްރާންސިޓްވުމަށް ފަހު ކަމަށް ވެސް ޒައީ ގްރޫޕްގެ ބައެއް ހައްޖުވެރިން ބުންޏެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 1300 މީހުން އެނބުރި އަންނާނީ، އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. ހައްޖު ކޯޕަރޭޝަންގެ އެންމެން ރާއްޖެ އައިސް ނިމޭނީ ސެޕްޓެމްބަރު 29 ގަ އެވެ.

ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެ އަންނަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަދުވަހު އެވެ. އަލް ހަރަމައިންގެ ހައްޖުވެރިން އެނބުރި އަންނާނީ ހޯމަ ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަން ފިޔަވައި މި އަހަރު ދިވެހިން ހައްޖަށް ގެންދާން ކޯޓާ ލިބުނީ މި ތިން ގްރޫޕަށެވެ. އެއިން ކޮންމެ ގްރޫޕަކުން 100 މީހުން ހައްޖަށް ގެންދިޔަ އެވެ.

މި އަހަރުގެ ހައްޖަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެ އަށް ދިނީ 1،000 މީހުންގެ ޖާގަ އެވެ. އެ ޖާގައަށް ހުރިހާ ދިވެހިން މައްކާ އަށް ދިޔަ ފަހުން، ސައޫދީ ސަރުކާރުން އިތުރު 1،000 ޖާގަ ދިނެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި އޮތުމުން ހައްޖު ކޯޕަރޭޝަނަށް އެ ކޯޓާގައި ގެންދެވޭވަރުވީ 300 މީހުންނެވެ.

މި އަހަރު ހައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅެވެ. މިފަހަރު ހައްޖުގައި ހިލަ އުކަން ނުކުމެ އުޅޭ އިރު ބައެއް ދިވެހިން ކުރިން ވެސް ގެއްލުނެވެ. އެކަމަކު ފަހުން އެ އެންމެން ވަނީ ހޯދައިފަ އެވެ.