Roadha Mihaaru
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ

31 އޯގަސްޓް 2017

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް މިއަދު ޖަމާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް މިއަދު ޖަމާވެއްޖެ އެވެ.

އަރަފާތު ބިމުގައި ހުންނަވައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިނާ އިން އަރަފާތަށް ނުދެވި ތިބި ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް މީގެ ގަޑިއިރެއް ހާއިރު ކުރިން އަރަފާތު ބިމަށް ގޮސް، އަޅުކަމުގައި ވަގުތު ހޭދަކުރަމުން އަންނަ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިއަދު އިރުއޮއްސުމާއެކު ހައްޖުވެރިން މުޒްދަލިފާ ދިއުމަށް ދަތުރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އަރަފާތު ބިމުގައި ހުރި، "މިހާރު" ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވެސް ބުނީ، ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައި ކަމަށެވެ.

"އަރަފާތަށް ނާދެވޭ ދިވެހި އެއްވެސް ހައްޖުވެރިއަކު މިހާރަކު ނެތް. އެކަމަކު ބައެއް މީހުން ދަތުރުކުރި ބަސް އެތެރެއަށް ނުވައްދައިގެން، ދިވެހި ބައެއް ހައްޖުވެރިން ތިބެންޖެހޭ ޓެންޓު ނޫން އެހެން ޓެންޓުތަކުގައި [އެހެން ގައުމުތަކުގެ މީހުން ތިބި ޓެންޓް] ބައެއް މީހުން އެބަތިބި. ނަމަވެސް ހުރިހާ ދިވެހިން ތިބީ އަރަފާތުގައި،" އޭނާ ބުންޏެވެ.

އަހުމަދު ބުނީ ވަރަށް ހޫނުގަދަ ކަމަށާއި ބައެއް ހައްޖާޖީން އަނބުރައިގަނެގެން ފަރުވާދޭން ޖެހުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ކަމެއް ދިމާނުވާ ކަމަށް އޭނާ ބުންޏެވެ.

"މިކޮޅަށް އައިއިރު ވެސް ކުޑަކޮށް ބަލިކޮށް އުޅުނު މީހުން ތިބި. އިތުރަކަށް ކަމެއް ގޯހެއް ނުވޭ،" އޭނާ ބުންޏެވެ.

ހައްޖުގެ އެންމެ މުހިންމު ފަރުޟަކީ އަރަފާތަށް ދިއުމެވެ. އަރަފާތު ބިމުގައި، އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެ އެވެ. މިއީ ކޮންމެ އަހަރެއް ވެސް އެންމެ ދުވަހަކު އިންސާނުން އަރާ ފުރާލާ ވަރަށް ހާއްސަ ބިމެކެވެ.

ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ބަހަށް އަރަނީ. - ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ބަހަށް އަރަނީ. - ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ދިވެހި ހައްޖުވެރިންގެ ތެރެއިން އަރަފާތަށް ނުދެވި ތިބި މީހުން ބަހުގައި އަރަފާތަށް ދަތުރު ކުރިއިރު، ބައެއް މީހުންނަށް އަރަފާތަށް ނުދެވި މާ ބޮޑަށް ލަސްވީ އެމީހުން ބަލައި ބަސްތައް އައުން ލަސްވެގެންނެވެ.

މި އަހަރު ރާއްޖޭން ފުރަތަމަ ހައްޖަށް ދިޔަ 1،000 މީހުން ވެސް މިނާ އަށް އަރަފާތަށް ދާން ހަމަޖެހިފައި އޮތީ ރެއާއި މިއަދު ހެނދުނެވެ. އަދި ފަހުން ލިބުނު ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 300 މީހުން ވެސް މިހާރު ތިބީ އަރަފާތު ބިމުގަ އެވެ.

ހައްޖު ކުންފުނިތަކުން ބުނި ގޮތުގައި ހައްޖުވެރިން އަރަފާތަށް ދިއުން ލަސްވީ މުއްތައްވިފް (ހައްޖު އޭޖެންޓް) ކަނޑައެޅި ވަގުތަށް އެ އަދަދަށް ބަސްތައް ނުފޮނުވުމުންނެވެ. އެހެން އަހަރުތަކުގައި ހައްޖުވެރިންގެ ކަންތައް ހަމަޖައްސަނީ، އެ ގުރޫޕަކުން އިޚްތިޔާރު ކުރާ އޭޖެންޓެކެވެ. ނަމަވެސް މި ފަހަރުގެ އޭޖެންޓް ކަނޑައެޅީ ސަރުކާރުން ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.

ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމުގައި، އެމީހުންނަށް ހާއްސަ ކުރެވިފައިވާ ފޭލިގޭގައި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމުގައި، އެމީހުންނަށް ހާއްސަ ކުރެވިފައިވާ ފޭލިގޭގައި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިނާގައި މިވަގުތު ހޫނުމިން ހުރީ 40 ޑިގްރީގަ އެވެ.

ހައްޖުވެރިން އިއްޔެ ހޭދަކުރީ މިނާގަ އެވެ. ކުރިއަށް އޮތް ތިން ދުވަސް ވެސް، ހުރިހާ ހައްޖުވެރިން ތިބޭނީ މިނާގެ ފޭލިގެތަކުގަ އެވެ. "ހުދު ފޭލިގެ ސިޓީ"ގެ ގޮތުން ސިފަކުރެވޭ މިނާގައި، ހައްޖުވެރިންނަށް ތައްޔާރުކޮށްފައި ވަނީ ސަލާމަތީ ގޮތުން ވަރުގަދަ، އަދި ފެންވަރު ރަނގަޅު ފޭލިގެތަކެކެވެ.

މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާނެ އެވެ. މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ. އިހުރާމް ކަނޑާނީ އޭގެ ފަހުންނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަން މުސްލިމުން ބައިވެރިވާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. އަދި ސައުދީން ވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގައި އެންމެ ގިނަ މީހުން ބައިވެރިވާނީ އޭޝިޔާ އާއި އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އެއް ގައުމަކުން އެންމެ ގިނަ އަދަދެއްގެ ހައްޖުވެރިން ބައިވެރިވާނީ އިންޑޮނީޝިޔާ އިންނެވެ.