Roadha Mihaaru
ހައްޖަށް ދާއިރު ވެކްސިންގެ ދެ ޑޯޒް ޖެހުން ލާޒިމް

ހައްޖަށް ދިއުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒް ޖެހުން ލާޒިމްކޮށްފި

20 މާޗް 2021

މި އަހަރު ހައްޖަށް ދިއުމުގެ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ހައްޖަށް ދިއުމުގެ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ސައުދީގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ސައުދީގެ ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ހައްޖުގެ އަޅުކަމަށް އެ ގައުމަށް އެތެރެވުމުގެ އެއް ހަފުތާ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ލާޒިމް ކުރުމަށެވެ. އަދި ސައުދީއަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ވެސް އޮތުން ލާޒިމް ކުރަން ސަރުކާރުން ނިންމާފައިވާ މީޑިއާތަކުން ބުނެ އެވެ.

ހައްޖުވެރިން ސައުދީއަށް އެތެރެވުމާ އެކު، އެ ގައުމުގައި 72 ގަޑިއިރު ކަރަންޓީން ކުރާނެ އެވެ. އަދި ކަރަންޓީނުން މިނިވަންވާނީ ސައުދީގައި ޕީސީއާރު ޓެސްޓް ހެދުމަށް ފަހު އެ ނެގެޓިވްވުމުންނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު އުމުރުން ދުވަސްވީ މީހުންނަށް ހައްޖުވުމުގެ ފުރުސަތު ނުދޭން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ހައްޖަށް ދެވޭނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ އެންމެ 1،000 މީހުންނަށެވެ. އެކަމަކު މި އަހަރު އެ ފުރުސަތު ދޭނެ އަދަދެއް ސައުދީން އަދި އިއުލާނެއް ނުކުރެ އެވެ.