Roadha Mihaaru
ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް

ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް

15 ފެބުރުއަރީ 2023

ހިޖްރީ ތާރީޚުން 1436 ވަނަ އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި (ސެޕްޓެމްބަރު 11، 2015)، މައްކާގެ ހަރަމްފުޅު ތެރޭގައި ހުރި ކެރޭނެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެން، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕު، 20 މިލިއަން ރިޔާލުން އިއްޔެ ޖޫރިމަނާކޮށްފި އެވެ.

ހިޖްރީ ތާރީޚުން 1436 ވަނަ އަހަރުގެ ހައްޖު މޫސުމުގެ ތެރޭގައި (ސެޕްޓެމްބަރު 11، 2015)، މައްކާގެ ހަރަމްފުޅު ތެރޭގައި ހުރި ކެރޭނެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެން، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕު، 20 މިލިއަން ރިޔާލުން އިއްޔެ ޖޫރިމަނާކޮށްފި އެވެ.

އެ ދުވަހު ކުއްލި ގޮތަކަށް މައްކާ ސަރަހައްދުގެ މޫސުން ގޯސްވެ، އައި ބާރުގަދަ ކޮޅިގަނޑެއްގައި ވެއްޓުނީ ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް، ހަރަމްފުޅުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ވަރަށް އުސް ކެރޭނެކެވެ. ސަފާ އާއި މަރުވާގެ ބޭރުގައި ބަހައްޓާފައި ހުރި އެ ކެރޭން، ސަފާ މަރުވާގެ ފުރާޅު މަތިން ވެއްޓުނީ ތަވާފްކުރާ ސަރަހައްދުގެ ތެރެއަށެވެ.

އެ ވަގުތު އެ ތަނުގައި ތިބި މީހުންގެ ގައިގައި ކެރޭންގެ ބައިތަކުން ޖެހި، އޭގެ ތެރެއިން 108 މީހަކު މަރުވި އެވެ. އަދި އިތުރު 238 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

މައްކާ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުގައި ބޭނުންކުރާ ބޮޑެތި ހުރިހާ ކެރޭންތަކެއް ވެސް ހުންނަނީ އިމާރާތުގައި ހަރުކޮށްފަ އެވެ. ނަމަވެސް ވެއްޓުނު ކެރޭނަކީ، އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ފުރޮޅު ލައިފައިވާ ދުއްވާ ކެރޭނެކެވެ.

މި މައްސަލައިގެ އަޑުއެހެންތަކަށް ފަހު، މައްކާގެ އިސްތިއުނާފު ޖިނާއީ ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ މި ހާދިސާގައި މަރުވި މީހުންގެ މަރުގެ ދިޔަ، ބިންލާދިން ގްރޫޕުން ދޭން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އިމާރާތް ކުރުމުގެ މަސައްކަތުގައި ބަހައްޓަންޖެހޭ ފަރުވާތެރިކަން ނުބެހުއްޓުމާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވުމުގެ ސަބަބުން، 20 މިލިއަން ސައޫދީ ރިޔާލުން ޖޫރިމަނާ ކުރީ ކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ.

ސެޕްޓެމްބަރު 11، 2015؛ ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގެ ގޯތިތެރޭގައި ހުރި ބިޔަ ކެރޭން، ގަދަ ވަޔާއެކު އަރިއަޅާލައިގެން ވެއްޓިފައި. --އޭއެފްޕީ

ސެޕްޓެމްބަރު 11، 2015؛ ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގެ ގޯތިތެރޭގައި ހުރި ބިޔަ ކެރޭން، ގަދަ ވަޔާއެކު އަރިއަޅާލައިގެން ވެއްޓިފައި. --އޭއެފްޕީ

މައްކާގެ އިސްތިއުނާފް ޖިނާއީ ކޯޓުން ބެލި މި މައްސަލައިގައި، ބިންލާދިން ގްރޫޕްގެ ވަކިވަކި ބައެއް މުވައްޒަފުންގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ހަތް މީހެއްގެ މައްޗަށް، އިހުމާލުވުމުގެ ކުށާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވުމުގެ ކުށް ސާބިތުވާ ކަމަށް އެ ކޯޓުން އިއްޔެ ހުކުމްކުރި އެވެ.

އޭގެ ތެރެއިން ތިން މީހަކު ހަ މަހަށް ޖަލަށް ލުމާއެކު، ކޮންމެ މީހަކު 30 ހާސް ރިޔާލުން ޖޫރިމަނާ ކުރި އެވެ. އަނެއް ހަތަރު މީހުން ކުރެ ކޮންމެ މީހަކު ތިން މަހަށް ޖަލަށް ލުމާއެކު، 15 ހާސް ރިޔާލުން ޖޫރިމަނާ ކުރި އެވެ.

އިސްތިއުނާފް ކޯޓުގެ މި ހުކުމް، ދައުވާ ރައްދުވި އެއްވެސް ފަރާތަކުން ސައޫދީގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާހާ ހިނދަކު ބަލާނީ ދާއިމީ ނިޔާއެއްގެ ގޮތުގަ އެވެ. އިސްތިއުނާފް ކޯޓުން މި މައްސަލަ މި ބެލީ، މައްކާގެ ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމް އަލުން މުރާޖައާ ކުރުމަށް، އެ ގައުމުގެ ސުޕްރީމް ކޯޓުން، ޖުލައި 2020 ގައި އިސްތިއުނާފް ކޯޓަށް އެންގުމާ ގުޅިގެންނެވެ.

ސައޫދީ ސަރުކާރުގެ ފަރާތުން މައްކާގެ ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބެލުމަށް ފަހު އޮކްޓޫބަރު 1، 2017 ގައި އެންމެ ފުރަތަމަ އިއްވި ހުކުމްގައި ވެސް ބުނެފައިވަނީ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އަދި އެ ހާދިސާއަކީ އިންސާނެއްގެ އަމަލަކާ ގުޅިގެން ހިނގި ކަމެއް ނޫން ކަމަށާއި، އެއީ ގަދަ ވަޔާއި ބޯ ވާރޭގެ ސަބަބުން ކުރިމަތިވި ހާދިސާއެއް ކަމަށެވެ.

މި މައްސަލަ މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގެ ފަރާތުން، މައްކާގެ އިސްތިއުނާފު ކޯޓަށް އެންގީ ދައުވާ ލިބޭ އެންމެން، ބިންލާދިން ގްރޫޕް ވެސް ހިމެނޭ ގޮތަށް، އެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުން ބަރީއަވާ ކަމަށް، ކްރިމިނަލް ކޯޓުން ނިންމުމުންނެވެ.

މި މައްސަލައިގައި ދައުވާ ލިބޭ 13 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކޯޓުން ވެސް އެންމެ ފުރަތަމަ މުރާޖައާ ކުރުމަށް ފަހު، އޮގަސްޓް 4، 2021 ގައި ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބަދަލުކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިސްތިއުނާފް ކޯޓުގެ އެ ނިންމުމާ ގުޅިގެން، ސުޕްރީމް ކޯޓުން އަނެއްކާ ވެސް އިސްތިއުނާފް ކޯޓަށް އެންގީ، ކުރިން މި މައްސަލަ މުރާޖައާ ކުރި އެއްވެސް ފަނޑިޔާރަކު ނުހިމެނޭ ގޮތަށް، ފަނޑިޔާރުންގެ މަޖިލީހެއް އަލުން އެކުލަވާލައިގެން މައްސަލަ އަލުން މުރާޖައާ ކުރުމަށެވެ. ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވި ކަމަށް ހުކުމް ކުރީ، ފަހުން އެކުލަވައިލި ފަނޑިޔާރުންގެ މަޖިލީހުންނެވެ.