Roadha Mihaaru
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަނީ

ބަންދުކުރި ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ބަޖެޓުގައި ހިމަނައިފި

11 ނޮވެމްބަރ 2016

މާލޭ ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭ ޒިކުރާ މިސްކިތް ތަޅާލައި އެތަން 10 ބުރިއަށް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މި ބޮޑު މަޝްރޫއަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ތިން އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އަންނަ އަހަރު އެ އެ މިސްކިތުގެ ފައުންޑޭޝަނާއި ޕާކިންގް ފެސިލިޓީއާ އެކު ތިން ބުރި ނިންމުމަށް ވަނީ ހިމަނައިފަ އެވެ. އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 17.2 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު އެ މަޝްރޫއަށް 43 މިލިއަން ރުފިޔާ، 2019 ގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. މަސައްކަތް ނިމޭއިރު ޒިކުރާ މިސްކިތް ވާނީ މިހާތަނަށް ހަދާ އެންމެ ބޮޑު މިސްކިތަށެވެ.

ޒިކުރާ މިސްކިތުގެ އިތުރުން 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަސްޖިދުލް ބަހާއުއްދީން ފަސް ބުރިއަށް އިމާރާތް ކުރުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެ ގޮތުން އަންނަ އަހަރު އެ މަޝްރޫއަށް އެކަނި ވެސް 15 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދެ މިސްކިތުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ބަޖެޓުގައިވާ ގޮތުން މި ހުރިހާ މަޝްރޫއަށް ވެސް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 451.8 މިލިއަން ރުފިޔާ އެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ފާހާނާ ހޮޅިއެއް މިދިޔަ މަހު ބެދި، ނަޖިސްތައް ބޭރުވުމާ ގުޅިގެން އެ މިސްކިތް ބަންދުކުރި އެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ޒިކުރާ މިސްކިތް ބަންދުކުރީ އެތަނުގެ ފާހަނާ އިތުރަށް ސާފު ކުރުމަށެވެ. ނަމަވެސް އެ ތަން އަލުން ހުޅުވޭނެ ތާރީހެއް އެ މިނިސްޓްރީން ނުބުނެ އެވެ.